Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހުކުރު ޚުތުބާ

ވަޒީފާގެ ވެށި ތަހުޒީބު އަމާން ވެއްޓަކަށް ހެދުމަކީ ކޮންމެ މުވައްޒަފެއްގެ ވާޖިބެއް: ޚުތުބާ

ވަޒީފާގެ ވެށި ތަހުޒީބު އަމާން ވެއްޓަކަށް ހެދުމަކީ ކޮންމެ މުވައްޒަފެއްގެވެސް މައްޗަށްވާ ވާޖިބެއްކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއު އަކީ "މަސައްކަތުގެ އަހްލާގު" މިއެވެ.

ޚުތުބާގައި ބުނެފައިވަނީ އިސްލާމީ ޝަރީއަތުގެ ހުރިހާ ތަނބުތައް އޮފުދާރުކޮށްދެނީ މަތިވެރި އަޚްލާގާއި ރިވެތި ސިފަތަކުންކަމަށާއި އުންމަތެއް ހެޔޮ އުންމަތަކަށް ވަނީ އެ އުންމަތުގެ އަޚްލާގީ ފޭރާން ތާހިރުވެގެންކަމަށެވެ. އަދި މަތިވެރި އަޚްލާގަކީ އިސްލާމީ އަގީދާގެ އެންމެ މުހިއްމު އަސާސްކަމަށާއި އެއީ އަޅުމުގެ ބިންގާކަމަށްވެސް ބުނެފައިވެއެވެ.

"އަޅުކަން ބިނާވެފައިވަނީ އިބާދަތާއި މުއާމަލާތުގެ މައްޗަށެވެ. އިބާދަތާއި މުއާމަލާތު ވަނީ ގުޅި ލާމެހިފައެވެ. މާތް ﷲއަށް އަޅުކަން ކުރުމަށްފަހު ދުނިޔެވީ ހަޔާތުގެ އެކި މުއާމަލާތްތައް ކުރުމަށް ބިމުގައި ފެތުރިގަތުމަށް މާތް ﷲ ވަނީ އަންގަވާފައެވެ." ޚުތުބާގައި ބުނެފައިވެއެވެ.

ހުކުރު ޚުތުބާގައި ބުނެފައިވަނީ މުޖުތަމައުގައި ހިމެނޭ ގިންތިތަކުގެ ތެރެއިން މުވައްޒަފުންނަކީ އެންމެ މަތިވެރި ސުލޫކުން އެންމެ ފުރިހަމައަށް ޒީނަތްތެރިވާންޖެހޭ މީހުންކަމަށާއި ވަޒީފާގެ މައިދާނުން ރިވެތި މާތް އަހްލާގީ ސިފަތައް ފެންނަން ޖެހޭކަމަށެވެ.
އަދި ކޮންމެ މުވައްޒަފަކީ އޭނާ ވާ ކޮންމެ ތަނެއްގައި އޭނާ ހެއްދެވި މަގުސަދު މަތިން ހަނދާންކޮށް އެ މަގުސަދު ހާސިލްކުރުމަށް މަސައްކަތް ކުރަން ޖެހޭނެ މީހެއްކަމަށްވެސް ޚުތުބާގައި ބަޔާންކޮށްފައިވެއެވެ.

މާތް ﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވަނީ:

"ތިމަން ރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ ތިމަންރަސްކަލާނގެ ޖިންނީންނާއި އިންސީން ނުހައްދަވަމެވެ."
ޚުތުބާގައިވާގޮތުން މި މަގްސަދު ހާސިލްކުރެވޭނީ މާތް ﷲ އާއި އެކަލާނގެ އަޅާއާ ދެމެދު އޮންނަ ގުޅުން ރަނގަޅުކޮށްގެންނާއި ދޭދޭ ފަރުދުންގެ މެދުގައި ކުރެވޭ މުއާމަލާތްތަކަކީ އަޚްލާގީ އިމުގެ ތެރެއިން ކުރެވޭ ހެޔޮ މުއާމަލާތްތަކަކަށް ވެގެންނެވެ.
އަދި އިސްލާމީ ޝަރީއަތާއި އަދި ވަޟްއީ ގާނޫނު ބުނެދޭ މަތިވެރި އަޚްލާގުގެ އެންމެ ކުރީގައިވަނީ އަހުދަށް ރައްކާތެރިވުންކަން ފާހަގަކޮށް ހުކުރު ޚުތުބާގައި ބުނެފައިވަނީ އެ އަޚްލާގުގެ ތެރޭގައި ހަވާލުކުރެވޭ ޒިންމާ ފުރިހަމައަށް އަދާކޮށް މުވައްޒަފެއްގެ ހައިސިއްޔަތުން ތިބާ އެއްބަސްވެ ސޮއިކުރި ވަޒީފާ ބަޔާނާ އެއްގޮތަށް އަމަލުކުރުންވެސް ހިމެނޭކަމަށެވެ.
ޚުތުބާގައިވާގޮތުން ވަޒީފާގެ މަސްއޫލިއްޔަތަކީ މުވައްޒަފު ރައްކާތެރިވާންޖެހޭ ބޮޑު އަމާނާތެކެވެ. އަދި އެއީ ވެވޭ އަހުދަކާއި އަގުދެކެވެ.

"އޮފީހުގެ ކަރަންޓާއި ފެނަކީވެސް އަމާނާތެކެވެ. ފޯނާއި ކަރުދާހާ ދެއްޔަކީވެސް އަމާނާތެކެވެ. އޮފީހުގެ މެޝިނަރީތަކަކީވެސް އަމާނާތެވެ. ވަޒީފާއަށް ކަނޑައެޅިފައިވާ ވަގުތަކީވެސް އަމާނާތެކެވެ މުއައްސަސާގެ މުހިއްމު މަސައްކަތްތަކާ ގުޅޭ ވަޒީފާގެ ސިއްރުތައް ހިފެހެއްޓުމަކީވެސް އަމާނާތެކެވެ. އެހެންކަމުން މި އަމާނާތަށް ރައްކާތެރިވާށެވެ. ވަޒީފާގެ މުހިއްމު ވަގުތުތައް އޮފީހުން ބޭރުގައި އަމިއްލަ ކަންކަމަށް ހޭދަކުރާއިރު ހަވާލުވި އަމާނާތުގެ މަތިން ހަނދުމަކުރާށެވެ. އޮފީހުގެ ތަކެތި ނަހަމަގޮތުގައި ބޭނުންކުޜާއިރު މާތް ﷲ ބައްލަވައިވޮޑިގެންވާކަން ހަނދުމަކުރާށެވެ. އޮފީހުގެ ސިއްރުތައް މީސްމީޑިއާގެ މަންސަތަކުގައި ފަތުރާއިރު ފަހުން ހިތާމަކުރަން ޖެހޭނެކަންވެސް ހަނދުމަކުރާށެވެ." ހުކުރު ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނެފައިވަނީ ވަޒީފާގެ ވެށި ތަހުޒީބު އަމާން ވެއްޓަކަށް ހެދުމަކީ ކޮންމެ މުވައްޒަފެއްގެ ވާޖިބެއްކަމަށާއި މުވައްޒަފުންގެ މެދުގައި އޮންނަން ޖެހޭ އަޚުވަންތަ ގުޅުންތަކަށް ބުރޫ އަރާފަދަ އަމަލުތައް ކުރުމާއި އެފަދަ ވާހަކަތައް މެދުރުމަކީ ވަޒީފާގެ ވެށި ކިލަނބުކޮށް ތަޣައްޔަރު ކުރާ ކަމެއްކަމަށެވެ. އަދި އެއީ މަސައްކަތުގެ ރޫހު ގެއްލޭ ކަމެއްކަމަށާއި މުވައްޒަފުންގެ ކުރިއެރުމަށް ހުރަސް އެޅޭ ކަމެއްކަމަށްވެސް ހުކުރު ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނެފައިވަނީ ވަޒީފާގެ ވެށިގައި ކުރެވޭ މަސައްކަތްތަކުގައި މާތް ﷲ ބަރަކާތްލައްވާނީ އިޚްލާސްތެރިކަމާއެކު އެކަންކަން ކޮށްގެންކަމަށާއި މާތް ﷲގެ ވަޖުހުފުޅު އަދައިގެން ހަވާލުކުރެވޭ މަސައްކަތް އޭގެ އެންމެ ފުރިހަމަގޮތުގައި ކޮށްގެންކަމަށެވެ.

މި ލިއުމާއި ގުޅޭ