އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި, ރަޝިޔާގެ ރައީސް ވްލަޑިމިރް ޕުޓިން ބައްދަލުކުރަން ބޭނުންވާތީ އެބައްދަލުވުން ރާވަމުންދާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
"އޭނަ (ޕޫޓިން) ބައްދަލުކުރަން ބޭނުންވޭ، އަދި އަޅުގަނޑުމެން އެކަން އިންތިޒާމް ކުރަމުން މިދަނީ" ފްލޮރިޑާގެ ޕާމް ބީޗްގައި ހުންނަ މަރަ-ލާގޯގައި ރިޕަބްލިކަން ގަވަނަރުންނާއެކު ބޭއްވި ބައްދަލުވުމުގެ ކުރިން ދެއްކެވި ވާހަކަފުޅުގައި ޓްރަމްޕް ވިދާޅުވިއެވެ.
ރަޝިޔާ އާއި ޔުކްރެއިންގެ ހަނގުރާމައިގެ ތެރޭގައި ބޭއްވޭ ބައްދަލުވުމަކަށް މިބައްދަލުވުން ވާއިރު، ޓްރަމްޕް އާއި ޕޫޓިން އާ ދެމެދު ކުރިން އޮތް ގުޅުމަށް ބަލާއިރު މި ބައްދަލުވުމުގެ ސަބަބުން ގިނަ ފާޑުކިޔުންތަކެއް އަމާޒުވާނެ ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.
ޓްރަމްޕް އާއި ޕޫޓިންގ އާ ދެމެދު ކުރިން ބޭއްވުނު ބައްދަލުވުންތަކަކީވެސް ބައިނަލްއަޤްވާމީ މީޑިއާގެ ސަމާލުކަން ވަރަށް ބޮޑަށް ލިބިފައިވާ ބައްދަލުވުންތަކެކެވެ. ޚާއްސަކޮށް 2018 ވަނަ އަހަރު ފިންލޭންޑްގެ ވެރިރަށް ހެލްސިންކީގައި ބޭއްވުނު ބައްދަލުވުމަކީ ޔޫ.އެސް އަދި ރަޝިޔާގެ ގުޅުމަށް ވަރަށް ބޮޑު ބަދަލުތަކެއް ގެނައި ބައްދަލުވުމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
ދެ ލީޑަރުންގެ މި ބައްދަލުވުން ބޭއްވުމުގެ މުހިންމުކަން ފާހަގަކުރެވެނީ މިހާރު އޮތް ބައިނަލްއަޤްވާމީ ވެށީގެ ނާޒުކުކަމުގެ ސަބަބުންނެވެ. ޔުކްރެއިންގެ ހަނގުރާމަ، ނޭޓޯގެ ދައުރު އަދި ޑިމޮކްރަސީގެ ކަންކަން ހިމެނޭގޮތުން މި ބައްދަލުވުމުގެ އެޖެންޑާގައި ވަރަށް މުހިންމު މައުޟޫޢުތަކެއް ހިމެނިދާނެކަމަށް ދިރާސާ ކުރައްވާ ފަރާތްތަކުން ދެކެއެވެ.