އެމެރިކާގެ ލޮސް އެންޖެލަސްގެ އިރުމައްޗާއި ހުޅަނގު ފަރާތުގައި ރޯވެ އަނދަމުންދާ ބިޔަ އަލިފާނުގެ ހާދިސާއިން މިހާތަނަށް 5 މީހުން މަރުވެ، 180،000 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރަންޖެހިއްޖެއެވެ.
މީގެ އިތުރުން އިތުރު 200،000 މީހުން ސަލާމަތްކުރަން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަން ޖެހިދާނެކަމުގެ އިންޒާރު އޮފިޝަލުން ދީފައިވެއެވެ.
ޕެސިފިކް ޕެލިސޭޑްސް އަދި އީޓަން ފަޔަރގެ ނަމުގައި މިހާރު ކިޔާ މި ދެ އަލިފާނުގެ ހާދިސާގައި މިހާތަނަށް 31،000 އޭކަރުގެ ސަރަހައްދެއް އަނދައި ހުލިވެއްޖެއެވެ. އީޓަން ފަޔަރގެ ސަބަބުން އެކަނި ވެސް 4،000 އާއި 5،000 އާ ދެމެދުގެ އަދަދެއްގެ އިމާރާތްތަކަށް ގެއްލުން ލިބި ނުވަތަ ސުންނާފަތިޖެއެވެ. އަދި ޕެލިސޭޑްސް ފަޔަރގެ ސަބަބުން އިތުރު 1،000 އިމާރާތް ހަލާކުވެފައިވާ ކަމަށް ރަސްމީ ފަރާތްތަކުން މައުލޫމާތު ދެއެވެ.
ލޮސް އެންޖެލަސް ކައުންޓީގެ ވެރިޔާ ރޮބަޓް ލޫނާ ވިދާޅުވި ގޮތުގައި މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ. ގަދަ ވައިގެ ސަބަބުން ހަލުވިކަމާއެކު ފެތުރެމުންދިޔަ އަލިފާނުގެ ދުވެލި މަޑުޖެހިފައިވީ ނަމަވެސް، މޫސުމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި ކުރިއަށް އޮތްގަޑިތަކުގައި، ގަޑިއަކު 60 މޭލުގެ ބާރުމިނުގައި ވައިޖެހުމަކީ އެކަށީގެންވާ ކަމެކެވެ.
މި ހާދިސާއަކީ ލޮސް އެންޖެލަސްގެ ތާރީޚުގައި ދިމާވި އެންމެ ގެއްލުން ބޮޑު ޤުދުރަތީ ކާރިސާކަމަށް ސިޓީގެ ފަޔަރ ޗީފް ކްރިސްޓިން ކްރައުލީ ވަނީ ބުނެފައެވެ. ފަޔަރ ޗީފް ކްރައުލީ އިތުރަށް ބުނި ގޮތުގައި ރައްޔިތުން ސަލާމަތްކުރަން އެންގުމުން ވަގުތުން އެކަމަށް ތައްޔާރުވާން ޖެހެއެވެ.
މި ހާދިސާއާ ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ކެލިފޯނިއާގައި ބޮޑު ކާރިސާއެއް ދިމާވެއްޖެކަން އިއުލާނުކޮށްފައެވެ. އަދި ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވަނީ އަލިފާން ނިއްވުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދީފައެވެ. މިގޮތުން ކެނެޑާއިން އަލިފާން ނިއްވުމުގެ މަސައްކަތަށް ވޯޓަރ ބޮމްބަރުތައް ފޮނުވައި، 250 ފަޔަރ ފައިޓަރުން ފޮނުވުމަށް ތައްޔާރުވެފައިވެއެވެ.