ޔޫކްރެއިނަށް އެހީތެރިވުމުގެ ގޮތުން އިނގިރޭސި ވިލާތާއި ލެޓްވިއާ އިސްވެ އުފައްދާފައިވާ ޑްރޯން ކެޕަބިލިޓީ ކޯލިޝަނުން 45 މިލިއަން ޕައުންޑުގެ އަގުހުރި 30،000 ޑްރޯން ސަޕްލައިކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއީ 2025 ވަނަ އަހަރު ޔޫކްރެއިނަށް އެހީތެރިވުމުގައި އިނގިރޭސި ވިލާތުން އަދާކުރާ ދައުރު ފުޅާކުރުމުގެ ގޮތުން އަޅާ ފިޔަވަޅެކެވެ.
މިކަން އެ ކޯލިޝަނުން ހާމަކުރީ ޖަރުމަނުވިލާތުގެ ރަމްސްޓީން އެއަރބޭސްގައި ބޭއްވި ޔޫކްރެއިން ޑިފެންސް ކޮންޓެކްޓް ގްރޫޕްގެ ބައްދަލުވުމުގައި އިނގިރޭސި ވިލާތުގެ ޑިފެންސް ސެކްރެޓަރީ ޖޮން ހީލީ އާއި ލެޓްވިއާގެ ޑިފެންސް މިނިސްޓަރު އެންޑްރިސް ސްޕްރޫޑްސްއާ އެކުގައި ބޭއްވި ބައްދަލު ވުމެއްގައެވެ.
ހީލީ އިއްޔެ ރޭ ރަމްސްޓީން އެއަރބޭސްއަށް ވަޑައިގެންނެވީ އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޯސްޓިންއާ ބައްދަލުކުރެއްވުމަށެވެ.
ޑްރޯން ކެޕަބިލިޓީ ކޯލިޝަނުން ޔޫކްރެއިނަށް އެހީތެރިވަނީ ޕައިލެޓުން ނުލައި ދުއްވޭ ސަރވެއިލަންސް އަދި ހަމަލާދޭ ޑްރޯންތަކުންނެވެ. އަލަށް ހޯދާ 30،000 ޑްރޯން ގަތުމަށް ފައިސާ ހަމަޖައްސަނީ އިނގިރޭސި ވިލާތް، ޑެންމާކު، ނެދަލޭންޑްސް، ލެޓްވިއާ އަދި ސުވީޑަނުންނެވެ.
މި އެންމެ ޒަމާނީ، ފަސްޓް-ޕަރސަން ވިއު ޑްރޯންތަކުން ރަޝިޔާގެ އެއަރ ޑިފެންސްތައް ފަހަނައަޅައި، އެ ޤައުމުގެ މަރުކަޒުތަކާއި ހަތިޔާރު އުޅަނދުތަކަށް ހަމަލާދިނުމުގައި ޔޫކްރެއިންގެ ސިފައިންނަށް އެހީތެރިވެދޭނެއެވެ.
މީގެ ކުރިން، ނޮވެމްބަރު މަހު ޑްރޯން ކެޕަބިލިޓީ ކޯލިޝަންގެ ކޮމަން ފަންޑަށް އިނގިރޭސި ވިލާތުން 7.5 މިލިއަން ޕައުންޑް ދީފައިވެއެވެ. މިހާރު އިނގިރޭސި ވިލާތުން މި ފަންޑަށް ޖުމުލަ 15 މިލިއަން ޕައުންޑް ވަނީ ދީފައެވެ. މިހާތަނަށް މި ފަންޑުން އިނގިރޭސި ވިލާތާއި އެހެން ޤައުމުތަކުން ޖުމުލަ 73 މިލިއަން ޕައުންޑް އެއްކުރެވިފައިވެއެވެ.
މީގެ އިތުރުން، ޑިފެންސް ސެކްރެޓަރީ ވަނީ އިނގިރޭސި ވިލާތުން ބަލަހައްޓަމުންދާ އިންޓަނޭޝަނަލް ފަންޑް ފޮރ ޔޫކްރެއިންގައި މިހާރު 1.3 ބިލިއަން ޕައުންޑް ހުރި ކަމަށް ހާމަކުރައްވާފައެވެ. މީގެ ތެރެއިން 500 މިލިއަން ޕައުންޑަކީ އިނގިރޭސި ވިލާތުން ދީފައިވާ އެހީއެވެ.
މީގެ އިތުރުން، ރަމްސްޓީންގައި ބޭއްވުނު ބައްދަލުވުމުގައި ބައިވެރިވި 50 އަށްވުރެ ގިނަ އެކުވެރި އަދި ބައިވެރި ޤައުމުތަކަށް 2025 ވަނަ އަހަރަށް ޔޫކްރެއިންގެ ދިފާޢީ ރޭވުންތަކުގެ މަޢުލޫމާތުވެސް ހިއްސާކުރެއްވިއެވެ. މި ރޭވުންތަކާ ގުޅޭގޮތުން ހީލީ ވަނީ ޑިސެމްބަރު މަހު ކީވްގައި ޔޫކްރެއިންގެ ޑިފެންސް މިނިސްޓަރު ރުސްޓަމް އުމެރޮވްއާ މަޝްވަރާކުރައްވާފައެވެ.