މާފުށީ ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރަމުންދާ ގައިދީން ތިބީ ކައިގެން ކަމަށާއި، އެ މީހުން ހަޅުތާލު ކުރަމުންދަނީ ސެކިއުރިޓީއަށް ގެނައި ބަދަލުތަކެއްގެ ސަބަބުން ކަމަށް ކަރެކްޝަނަލް ސާވިސްއިން ބުނެފިއެވެ.
މާފުށީ ޖަލުގެ ޔުނިޓު 2 އަދި ޔުނިޓު 4 ގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ފަށާފައިވާ ކަމަށާއި، ބައެއް ގައިދީން ހާލު ދެރަވެފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވީޑިއޯއެއް އަންނަނީ ދައުރުވަމުންނެވެ.
ޖަލު ގޮޅިއެއްގެ ތެރެއިން ކޮށްފައިވާ އެ ވީޑިއޯއިން ފެންނަނީ ޖަލު އޮފިސަރުންތަކެއް ގައިދީއެއް ސްޓްރެޗަރަކަށް ލައިގެން ގެންދާ މަންޒަރެވެ.
މިކަމާ ގުޅިގެން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް "ދިޔަރެސް" އަށް ވިދާޅުވީ ގައިދީން ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރަމުންދަނީ ޔުނިޓުގެ ސެކިއުރިޓީއަށް ގެނައި ބަދަލަކާއި ގުޅިގެން ކަމަށެވެ. ސެކިއުރިޓީއަށް ގެނެސްފައިވާ ބަދަލުގެ މައުލޫމާތެއް ކަރެކްޝަންސް އިން ހިއްސާކުރައްވާފައެއް ނުވެއެވެ. އަދި ސެކިއުރިޓީއަށް ބަދަލު ގެންނަން ޖެހުނު ސަބަބުވެސް ހާމަކުރައްވާފައެއް ނުވެއެވެ.
ނަމަވެސް "ދިޔަރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހަޅުތާލުކުރަން ފަށާފައިވަނީ ޔުނިޓުގެ ސެކިއުރިޓީ ވަރުގަދަ ކުރުމުންނެވެ. އެހެންކަމުން މީގެކުރިން ގައިދީނަށް ލިބިފައިވާ، ކޮރިޑޯއަށް ނުކުމެ އުޅުމުގެ ފުރުސަތު ސެކިއުރިޓީ ވަރުގަދަ ކުރުމާއެކު ވަނީ ގެއްލިފައެވެ.
މީޑިއާ އޮފިޝަލް ވިދާޅުވީ ގައިދީން ކައިބޮއެ ހަދަމުން ދަނީ އަމިއްލައަށް ފިހާރައިން ތަކެތި ގަނެގެން ކަމަށާއި، ޖަލުން ފޯރުކޮށްދޭ ކާނާ ކެއުމަށް އިންކާރު ކޮށްފައިވާ ކަމަށެވެ. ހަޅުތާލުގައި ހިމެނޭ ދެ ގައިދީއަކު ހާލު ދެރަވާ ކަމަށް ބުނުމުން އެޓެންޑުވެ، އެ މީހުންގެ ވައިޓަލް ޗެކު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި ހާލު ދެރަވެގެން އެއްވެސް ގައިދީއަކު އެޑްމިޓްކޮށްފައެއް ނުވެއެވެ.
މި ހަޅުތާލަށް ތިން ދުވަސް ވެފައިވާއިރު، މޯލްޑިވްސް ހިއުމަން ރައިޓްސް އެންޑް ޑީޓެއިނީސް ވޮޗްއިން ބުނެފައިވާ ގޮތުގައި ބައެއް ގައިދީން ހާލު ދެރަވެ އެޑްމިޓް ކޮށްފައިވާ ކަމުގެ ކަންބޮޑުވުން އެ ގައިދީންގެ އާއިލާތަކުން އެ ޖަމިއްޔާ އާ ހިއްސާކޮށްފައިވެއެވެ. އަދި ކާބޯތަކެތި ވިއްކާ ފިހާރައިން މިދިޔަ ހޯމަ ދުވަހުން ފެށި ހަޅުތާލުގެ ބައިވެރިންނަށް ކާތަކެތި ލިބޭނޭ އެއްވެސް ގޮތެއް އޮތްކަމަށް މިހާތަނަށް ހޯދިހޯދުމުން އެންގެން ނެތް ކަމަށް ވެސް ވަނީ ބުނެފައެވެ.
ޖަލުގައި ކުރަމުންދާ ހަޅުތާލާއި ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަނުން ރަސްމީކޮށް އެއްވެސް ބަހެއް މިހާތަނަށް ބުނެފައެއް ނުވެއެވެ.