Saturday 18th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓު އޮތޯރިޓީ

ވިއްސާރައިގައި މާލެއަށް ލިބުނު ގެއްލުން ދެމިލިއަން ރުފިޔާއަށްވުރެ މަތި

މިދިޔަ ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ކުރި ވިއްސާރައިގައި ފެންބޮޑުވެ މާލޭގެ ގެތަކަށް ލިބުނު ގެއްލުމުގެ އަދަދު ދެ މިލިއަން ރުފިޔާ އަށް ވުރެ މައްޗަށް އަރާ ކަމަށް ނެޝަނަލް ޑިސާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެ އިދާރާއިން ހާމަކޮށްފައިވާ ވިއްސާރައިގެ އަދާހަމައަށް ބަލާއިރު، މާލޭގެ މީހުން ދިރިއުޅޭ ގެތަކަށް ލިބުނު ގެއްލުން 2.2 މިލިއަން ރުފިޔާއަށް އަރައެވެ. އޭގެތެރޭގައި އެކިއެކި ވިޔަފާރިތަކާއި ގުދަން އަދި އެފަދަ އެހެން ތަންތަނަށް ލިބުނު ގެއްލުން ނުހިމެނެއެވެ.

އަތޮޅު ތެރޭގެ ރަށްރަށުގެ މީހުން ދިރިއުޅޭ ގެތަކަށް ލިބުނު ގެއްލުން 800،000 އަށް އަރައެވެ. އޭގެ ތެރޭގައި ދަނޑު ބިންތަކާއި އެކި އެކި ވިޔަފާރި ތަކާއި ގުދަން އަދި އެފަދަ އެހެން ތަންތަން ނުހިމެނެއެވެ.

އެންޑީއެމްއޭއިން ބުނީ ފެންބޮޑުވުމުގެ އޮޕަރޭޝަނަށް 61،500 ރުފިޔާ ޚަރަދުވި ކަމަށާއި، ރިލީފްގެ ގޮތުގައި ހާލުގައި ޖެހުނު ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުން ބުއިމަށް ދެ ލައްކަ ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

މިއީ މާލެއަށް ބޯކޮށް ވާރޭ ވެހިގެން މިހާތަނަށް ހިންގުނު އެންމެ ބޮޑު އޮޕަރޭޝަނަށް ވާއިރު، މިއީ އެންމެ ބޮޑަށް ގެއްލުންވެ އެންމެ ގިނައިން މީހުން ރައްކާތެރި ތަންތަނަށް ބަދަލުކުރަން ޖެހުނު ފަހަރުކަން އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.

ޖެނުއަރީ 3 ވަނަ ދުވަހުގެ 15:00 އިން 18:00 އާ ހަމައަށް ތިން ގަޑިއިރުތެރޭ 109.8 މިލިމީޓަރުގެ ވާރޭ މާލެއަށް ވެހިފައިވެއެވެ. މިއީ ތިން ގަޑިއިރު ތެރޭ މާލެއަށް މިހާ ބޯކޮށް ވާރޭ ވެހުމުގެ ރެކޯޑެއް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އާ ހަވާލާދީ އެންޑީއެމްއޭއިން ބުނެއެވެ. އެންޑީއެމްއޭއިން ބުނީ ޖެނުއަރީ 3 ގެ 00:00 އިން ފެށިގެން ޖެނުއަރީ 4 ގެ 00:00 އަށް މާލޭއަށް 161.9 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށެވެ. މިއީ 24 ގަޑިއިރު ތެރޭ މާލޭއަށް މިހާ ބޯކޮށް ވާރޭ ވެހުމުގެ ރެކޯޑެެކެވެ.

އެ އިދާރާއިން ބުނީ ފެންބޮޑުވެގެން އެހީތެރިކަމަށް އެދި މާލޭގެ 740 އަށް ވުރެ ގިނަ ތަނަކުން ރިޕޯޓުކުރި ކަމަށެވެ. އޭގެތެރޭގައި ގޭގެއާއި އެކިއެކި ވިޔަފާރިތަކާއި ސްކޫލުތަކާއި ގުދަންތައް ހިމެނެއެވެ.

ފެންބޮޑުވުމުގެ ހާދިސާއަށް އިޖާބަ ދިނުމުގެ ގޮތުން މާލޭ ސިޓީ ކައުންސިލަށް 20،000 ގޯނި ވެލި ބަސްތާ ޖެހުމަށް ފޯރުކޮށްދީފައިވެއެވެ.

އަދި ހުކުރު ދުވަހުގެ ރޭ ކައްކައި ކައިބޮއި ހެދުމަށާއި ނިދުމަށް އަދި ޒަރޫރީ ބޭނުންތަކަށް ހުރަސްއެޅިގެން ރިޕޯޓުކުރި 53 ގެއެއްގެ ރެޕިޑް އެސެސްމަންޓް ހަދައި އާންމު ދިރިއުޅުމަށް ދަތިވި 27 ގޭބިސީގެ 226 މީހުންނަށް އެންޑީއެމްއޭއިން ވަނީ ދެ ދުވަހުގެ މުއްދަތަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން ފޯރުކޮށްދީފައެވެ.

މީގެއިތުރުން، ފެންބޮޑުވުމާ ގުޅިގެން ހިފާ ގެންގުޅޭ ތަކެއްޗާއި އިމާރާތައް އެކިވަރުގެ ގެއްލުން ލިބިގެން ޑެމޭޖު އެސަސްމަންޓް ހަދަން ޖެހޭ ކަމަށް މާލެއިން 145 ގޭބިސީއެއް ފާހަގަ ކުރެވިފައިވާ ކަމަށާއި، އޭގެތެރެއިން 115 ގެއެއްގެ އެސެސްމަންޓް އެއްކޮށް ހަދައި ނިމިފައިވާ ކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.

އެ އިދާރާއިން ބުނީ 13 ގެއަކުން އެސެސްމަންޓް ހަދަން ބޭނުން ނުވާ ކަމަށް އަންގާފައިވާއިރު، ވެރިފަރާތަށް ނުގުޅިގެންނާއި ގެއަށް ނުވަދެވިގެން އެސެސްމަންޓް ނުހެދޭ 17 ތަނެއް އެބަ ހުރި ކަމަށެވެ.

ވިއްސާރައިގެ ސަބަބުން އަތޮޅުތެރޭގެ ރަށްރަށަށް އުދަ އަރައިގެން ރިޕޯޓުކޮށްފައިވަނީ ރ. އިނގުރައިދޫ އައި ށ. ނަރުދޫއިންނެވެ.

ބޯކޮށް ވާރޭ ވެހި ފެންބޮޑުވެގެން ރިޕޯޓުކޮށްފައިވާ ރަށްތައް:
  • - ފ. ނިލަންދޫ
  • - ދ. ކުޑަހުވަދޫ
  • - ދ. މީދޫ
  • - ފ. މަގޫދޫ
  • - އދ. މާމިގިލި
  • - ކ. ގުރައިދޫ
  • - ފ. ފީއަލި
  • - ކ. ހިންމަފުށި

އޭގެތެރެއިން ހަތަރު ރަށެއްގެ 73 ގެއަކަށް އެކި ވަރުގެ ގެއްލުން ވެގެން އެސެސްމަންޓް ހެދުމަށް ފޯމު ހުށަހަޅާފައިވާ ކަމަށް އެންޑީއެމްއޭއިން ބުނެއެވެ.

އެ އިދާރާއިން ބުނީ މާލެއާއި އަތޮޅުތަކުން ގެއްލުން ލިބުނު ގެތަކަށް ކާރިސާތަކުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ކާރިސާތަކުން ލިބޭ ގެއްލުންތަކަށް އެހީދިނުމާ ބެހޭ ގަވާއިދުގެ ދަށުން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި ލިއުމާއި ގުޅޭ