ތުރުކީއަކީ މެދު އިރުމަތީގައި އަލަށް އުފެދިފައިވާ ނުރައްކަލެއް ކަމަށް ބުނެ، ތުރުކީއަށް ސީދާ ހަމަލާދޭން ޖެހިދާނެކަމަށް އިޒްރާއީލުން ބުނެފިއެވެ.
އިޒްރާއީލް ސަރުކާރުން އެކުލަވާލާފައިވާ ސަލާމަތީ ލަފާދޭ ކޮމިޓީން ހޯމަ ދުވަހު ބެންޔަމިން ނަތަންޔާހޫގެ ސަރުކާރަށް ހުށަހެޅި ރިޕޯޓެއްގައި ބުނެފައިވަނީ ތުރުކީން އޮޓޯމަން ޚިލާފަތުގެ ނުފޫޒު އަލުން ގާއިމުކުރަން މަސައްކަތްކުރާ ކަމަށާއި، މިކަމަކީ އިޒްރާއީލުގެ މަސްލަހަތުތަކަށް ނުރައްކާވެދާނެ ކަމެއް ކަމަށެވެ.
މި ރިޕޯޓު ހުށަހަޅާފައި ވަނީ އިޒްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ އިތުރުން ދިފާއީ ވަޒީރު އިޒްރާއީލް ކަޓްޒް އަދި މާލީ ވަޒީރު ބެޒަލަލް ސްމޮޓްރިޗް އަށެވެ.
އެރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި ސީރިއާގައި ތުރުކީ ސަރުކާރުން ބާރުވެރިކުރުވާފައިވާ ހަތިޔާރުއެޅި ޖަމާއަތްތައް މެދުވެރިކޮށް އިޒްރާއީލްގެ ހަމަޖެހުމަށް ނުރައްކާވެދާނެ ކަމަށް ބެލެވެއެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ސީރިއާއިން ކުރިމަތިވެދާނެ ނުރައްކާ، އީރާނުގެ ނުރައްކަލަށްވުރެ މާ ބޮޑުވެގެން ހިނގައިދާނެއެވެ. އީރާނަކީ އިޒްރާއީލުގެ ސަރަހައްދީ ވާދަވެރިއެއްގެ ގޮތުގައި ފާހަގަކުރެވޭ ގައުމެކެވެ. އެގައުމުން ސީރިއާގެ ކުރީގެ ރައީސް އަސަދުގެ ވެރިކަމަށް އެހީތެރިކަން ފޯރުކޮށްދެމުން އައިސްފައި ވެއެވެ.
މި ރިޕޯޓާ ގުޅިގެން އިޒްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ބުނީ މެދުއިރުމައްޗަށް މިހާރު ދަނީ އަސާސީ ބަދަލުތަކެއް އަންނަމުން ކަމަށެވެ. އަދި އެންމެ ބޮޑު ނުރައްކަލަކަށް އޮތީ އީރާން ކަމުގައިވީ ނަމަވެސް، އަލަށް އިތުރު ބާރުތަކެއް މި ސަރަހައްދަށް ވަންނަމުންދާ ކަމަށާއި، މިކަމަށް ތައްޔާރުވާން ޖެހޭނެ ކަމަށެވެ.