ރާއްޖޭގެ އެތުލީޓުން ޗައިނާގެ ޝިއަމެންއަށް ފޮނުވައިގެން ކުޅިވަރު ތަމްރީނުތައް ހެދުމުގެ ފުރުސަތު ފަހިކުރުމަށާއި، ޒިއަމެންގެ އެތުލީޓުން ރާއްޖެ ގެނެސްގެން ކުޅިވަރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކުރައްވާފައިވާކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ "ސީ އެންޑް ޑީ ޝިއަމެން މެރަތަން 2025" ގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، ޒިންހުއާ ގްލޯބަލް ސާވިސްއަށް ދެއްވި ބަސްދީގަތުމެއްގައެވެ.
މީގެ އިތުރުން، ޝިއަމެންއަކީ ޓެކްނޮލޮޖީ އާއި ކުޅިވަރުގެ ދާއިރާއިން ވަރަށް ކުރިއަރާފައިވާ ތަނެއް ކަމަށާއި، ރާއްޖެއަށް ކުޅިވަރު ކުރިއެރުވުމުގައި ޝިއަމެންގެ އެހީ ހޯދޭނެ ގޮތްތަކާ ގުޅޭ ގޮތުންނާއި، އެތުލީޓް އެކްސްޗޭންޖް ޕްރޮގްރާމެއް ފެށުމަށް މަޝްވަރާ ކުރައްވާފައިވާ ކަމަށްވެސް މިނިސްޓަރު ރާފިއު ވިދާޅުވިއެވެ.
އަދި ކޮންމެ ހަފްތާއަކު ޝިއަމެން އިން ރާއްޖެއަށް ސީދާ ދަތުރުކުރާ ދެ ފްލައިޓް އޮންނަ ކަމަށާއި، މިއީ ދެގައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމަށް އޮތް ފުރުސަތެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ދަތުރުފުޅުގައި މިނިސްޓަރު ވަނީ މިދިޔަ އާދިއްތަ ދުވަހު ޝިއަމެން މެރަތަންގައި ފަސް ކިލޯ މީޓަރުގެ ދުވުން ފުރިހަމަ ކުރައްވާފައެވެ. މި މެރަތަންގައި 42 ގައުމަކުން ޖުމްލަ 35،000 މީހުން ބައިވެރިވެފައިވެއެވެ.