މެދުރާއްޖެތެރޭގެ ރަށެއްގައި ޓީޗަރަކު ދަރިވަރުންގެ އުމުރާ ނުގުޅޭ ވާހަކަދައްކައި ކުދިންތަކެއް ގްރޫމްކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ތުހުމަތު ކުރެވޭ ޓީޗަރު އަލުން ބަންދު ކުރުމަށް ހައި ކޯޓުން އަމުރު ކޮށްފިއެވެ.
މައްސަލައިގެ ތަހުގީގު ނިންމައި އޭނާގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނިކޮށް ބަންދުން ދޫކޮށްލީ މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ.
ނަމަވެސް ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ ޝަރުތުތަކަކާއެކު އޭނާ ދޫކޮށްލާފައެވެ.
އެ އަމުރަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ, އެ ނިންމުން އިސްތިއުނާފުކުރުމަށް އެދި ޕީޖީ އޮފީހުން ވަނީ ހައިކޯޓަށް މައްސަލަ ހުށަހަޅާފައެވެ.
ދައުލަތުން އެދިފައިވަނީ ބަންދުން ދޫކޮށްފައި ހުރެއްޖެނަމަ، ޓީޗަރުގެ ފަރާތުން ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލާއި މުޖުތަމައުގެ ސަލާމަތަށް ނުރައްކާ އޮތް މީހެއް ކަމަށް ކަނޑައަޅައި, ބަންދުން ދޫކޮށްލި އަމުރު ބާތިލުކޮށް, އޭނާއަކީ ބަންދުގައި ބަހައްޓަން ޖެހޭ މީހެއް ކަމަށް ކަނޑައަޅައިދިނުމަށެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން އޭނާ 7 ދުވަހަށް ބަންދުކުރުމުގެ އަމުރެއް ނެރެދިނުމަށްވެސް ޕީޖީން ވަނީ އެދިފައެވެ.
އެ މައްސަލައިގައި ރިޔާސަތު ބެއްލެވި ފަނޑިޔާރު މުހައްމަދު ނިޔާޒުގެ ރައުޔުގައި ބުނެފައިވަނީ ޝަރުތުތަކަކާއެކު އޭނާ ދޫކޮށްލުމަށް ނެރުނު އަމުރަކީ ބާތިލު އަމުރެއް ކަމަށް ނިންމުމާއެކު، 7 ދުވަހަށް ބަންދުކުރުމަށް އަމުރު ކުރާ ކަމަށެވެ. މި ރައުޔަށް ފަނޑިޔާރު މުހައްމަދު ފައިސަލާއި ފަނޑިޔާރު ހަސަން ޝަފީއު ވަނީ ތާއީދު ކުރައްވާފައެވެ.
ހައި ކޯޓުން ހުކުމް ކޮށްފައިވަނީ ހަތް ދުވަހުގެ މުއްދަތުގެ ތެރޭގައި އޭނާގެ ބަންދާމެދު ގޮތް ނިންމުމަށް ޕީޖީން މެޖިސްޓްރޭޓް ކޯޓަށް އަލުން ހުށަހެޅުމަށާއި، ގަޒިއްޔާގައި ކަނޑައަޅާފައިވާ ގޮތަށް ޓީޗަރުގެ ބަންދާމެދު އަލުން ގޮތް ކަނޑައަޅަން ޖެހޭ ކަމަށް ފަނޑިޔާރުންގެ ބެންޗުން އިއްތިފާގުވާ ކަމަށެވެ.
"ދިޔަރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގައި ތުހުމަތު ކުރެވޭ ޓީޗަރު ވަނީ އެ ސްކޫލުގެ 18 އަހަަރުން ދަށުގެ ފިރިހެން ކުދިންތަކެއް ގްރޫމްކޮށް، އެ ކުދިންނާއެކު ޖިންސީ އެކި ޒާތުގެ ވާހަކަ ދައްކައި ކުދިންނާ ނުގުޅޭ ފޮޓޯ ބައެއް ކުދިންނަށް ފޮނުވާފައެވެ.