ރަޝިޔާ އާއި އީރާނުން ދިފާޢީ ކަންކަން ހިމެނޭހެން ގިނަ ދާއިރާތަކަކުން އެއްބާރުލުން ދިނުމާބެހޭ އެއްބަސްވުމެއްގައި ސޮއިކުރުމަށް ދެ ޤައުމުން ނިންމައިފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވަނީ މިހިނގާ ޖެނުއަރީ 17 ވަނަ ދުވަހު މޮސްކޯގައި ބޭއްވޭ ދެ ޤައުމުގެ ރައީސުންގެ ބައްދަލުވުމެއްގައެވެ.
ރަޝިޔާގެ ޚާރިޖީ މިނިސްޓްރީގެ ތަރުޖަމާނު މާރިޔާ ޒަޚަރޯވާ ވިދާޅުވި ގޮތުގައި މި އެއްބަސްވުމުގައި ވިޔަފާރި އާއި އިޤްތިޞާދީ ކަންކަމުގެ އިތުރުން، ހަކަތަ އަދި ދިފާޢީ އަދި ސަލާމަތީ ކަންކަން ހިމެނެއެވެ. އަދި މިއީ 2001 ވަނަ އަހަރު ދެ ޤައުމުގެ މެދުގައި ވެފައިވާ އެއްބަސްވުން އަޕްޑޭޓްކޮށް ފުރިހަމަކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރަޝިޔާގައި ހުންނަ އީރާނުގެ ސަފީރު ކާޒެމް ޖަލާލީ ވިދާޅުވި ގޮތުގައި މި އެއްބަސްވުމަކީ ދެ ޤައުމުގެ ގުޅުން ތަރައްޤީކުރުމުގައި މުހިންމު މަރުހަލާއެއް ކަމުގައި ވާނެއެވެ. އަދި މި އެއްބަސްވުމުގެ ދަށުން ދިފާޢު، ހަކަތަ، ދަތުރުފަތުރު، ސިނާޢަތް، ދަނޑުވެރިކަން، ސަޤާފަތް، ސައިންސް އަދި ޓެކްނޮލޮޖީގެ ދާއިރާތަކުގައި އައު ކަންތައްތަކެއް ގެނުވައިދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރަޝިޔާ އާއި އީރާނުގެ މެދުގައި އޮންނަ ގުޅުމަކީ ގިނަ އަހަރުތަކެއް ވަންދެން ދެމިގެން އައިސްފައިވާ ގުޅުމެކެވެ. ދެ ޤައުމުގެ މެދުގައި މިހާރު ޢަމަލުކުރަމުންދަނީ 2001 ވަނަ އަހަރު ވެފައިވާ "އެގްރީމަންޓް އޮން ދަ ފަންޑަމެންޓަލްސް އޮފް ރިލޭޝަންސް އެންޑް ޕްރިންސިޕަލްސް އޮފް ކޯޕަރޭޝަން ބިޓްވީން ރަޝިޔާ އެންޑް އީރާން" އަށެވެ. އެހެންނަމަވެސް، ފާއިތުވި އަހަރުތަކުގައި ދެ ޤައުމުގެ މެދުގައި އިތުރުވަމުން އައި އެއްބާރުލުމާއި ގުޅިގެން، މި އެއްބަސްވުން އަޕްޑޭޓްކޮށް، އިތުރަށް ފުޅާކުރުމުގެ ބޭނުން ޖެހިފައިވާކަން ފާހަގަކުރެވެއެވެ. ޚާއްޞަކޮށް ބައިނަލްއަޤްވާމީ ދަތި ހާލަތުގައި ދެ ޤައުމުގެ މެދުގައި އޮންނަ ގުޅުން ބަދަހިވެ، އިޤްތިޞާދީ އަދި ސިޔާސީ ގުޅުންތައް އިތުރަށް ވަރުގަދަވަމުން އައުމާއެކު، މި އައު އެއްބަސްވުމަކީ ދެ ޤައުމުގެ ގުޅުމަށް އައު ބާރެއް ލިބިގެންދާނެ ކަމެއްގެ ގޮތުގައި ބެލެވެއެވެ.