Tuesday 25th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިޔާ އައުޓު ޙަރަކާތް

"އިންޑިއާ އައުޓް" ކެމްޕޭނަކީ ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމާއި ދެކޮޅުހެދި ދިވެހިންގެ އަޑު: އަޒާން

އިންޑިއާ އައުޓް ކެމްޕޭނަކީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާއި ދެކޮޅަށް ތެދުވި ދިވެހިންގެ އަޑު ކަމުގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވިދާޅުވެއްޖެއެވެ.

ސޯޝަލްމީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި އަޒާން ވިދާޅުވީ "އިންޑިއާ އައުޓް" ކެމްޕޭނަކީ ދިވެހިރާއްޖޭގައި އިތުރުވަމުން އައި އިންޑިއާގެ ނުފޫޒާއި އަސްކަރީ ބާރަށް ރައްޔިތުން ދިން ޖަވާބު ކަމަށާއި ގިނަ ބަޔަކު ތެދުވީ އޭރު ހިނގަމުންދިޔަ ކަންތައްތައް ލޮލަށް ފެނިގެން ކަމަށެވެ.

އެގޮތުން ހެލިކޮޕްޓަރުތަކާއި ޑޯނިއާ މަތިންދާބޯޓުތައް އޮޕަރޭޓްކުރުމުގެ ނަމުގައި އިންޑިއާގެ ސިފައިން ރާއްޖޭގައި ޤާއިމުވެ ތިބުމާއި އިންޑިއާ އާއި އެކު އޭރުގެ ސަރުކާރުން އެކުލަވާލި ހައިޑްރޯގްރަފީ އެއްބަސްވުން ފަދަ ސިއްރު އެއްބަސްވުންތައް އަދި ރާއްޖޭގެ މިނިވަންކަމަށް ނުރައްކާވާފަދަ ޔޫޓީއެފް އެއްބަސްވުމަކީ "އިންޑިއާ އައުޓް" ކެމްޕޭން ދިވެހިންގެ ތެރެއިން ހިތްވަރުގަދަ ބަޔަކު ފެށި ބައެއް ސަބަބުތައް ކަމުގައި އަޒާނު ފާހަގަ ކުރެއްވިއެވެ.

"އިންޑިއާ އައުޓް" ކެންޕޭން ފެށިގެން އައިގޮތް އަޒާން ކުރު ގޮތަކަށް ޕޯސްޓުގައި އަލިއަޅުވާލާފައިވެއެވެ. އެގޮތުން ސޯޝަލް މީޑިއާގައި ފެށުނު މަޝްވަރާތައް ޤައުމީ ކަމަކަށް ބަދަލުވިކަމަށާއި އެ ހަރަކާތަކީ ހަމައެކަނި އިންޑިއާއާ ބެހޭ ކަމެއް ނޫންކަމަށާއި އެއްވެސް ބޭރު ބާރަކުން ރާއްޖޭގެ މިނިވަންކަމަށް އަރައިނުގަތުން ކަށަވަރުކުރުން ކަމުގައި އަޒާނު ފާހަގަކުރިއެވެ.

"މިއީ ދިވެހިން ބޭރުގެ ނުފޫޒުތަކަށް ދެކޮޅަށް ތެދުވި ފުރަތަމަ ފަހަރެއް ނޫން. މިނިވަންވުމުގެ ކުރީގެ ދުވަސްވަރު އިނގިރޭސިންގެ ވެރިކަމަށް ދެކޮޅުހެދުމުން ފެށިގެން، ގަރުނުތަކުގެ ކުރިން ހަމަލާދިން މީހުންނާ ދެކޮޅަށް ޤައުމު ދިފާއުކުރުމާ ހަމައަށް، މިނިވަންކަން ރައްކާތެރިކުރުމަކީ ދިވެހީންގެ ލޭގެ ބައެއް" އަޒާން ވިދާޅުވިއެވެ.

އިންޑިއާ އައުޓް ކެންޕޭނުގެ އެންމެ އިސްކޮށް އުޅުނު އެކަކު ކަމަށްވާ އަޒާން ސޯޝަލްމީޑިއާގައި އިންޑިއާ އައުޓް ހަރަކާތާއި ބެހޭ ގޮތުން ވާހަކަދައްކާފައި މިވަނީ އަނެއްކާވެސް އިންޑިއާއިން ރާއްޖެއަށް އިންޑިއާ އިން ނުފޫޒު ފޯރުވަން މަސައްކަތްކުރާކަމުގެ ވާހަކަތައް ފެންމަތިވެފައިވާ ދުވަސްވަރެއްގައެވެ. މިގޮތުން އެމެރިކާގެ ނޫހަކުން ނެރެފައިވާ ތަހުޤީޤީ ރިޕޯޓެއްގައި ބުނެފައިވަނީ އިންޑިއާއިން ރައީސް ޑރ. މުޢިއްޒުގެ ވެރިކަން ވައްޓާލުމަށް މަސައްކަތް ކޮށްފައިވާކަމަށެވެ.

އަޒާން އިތުރަށް ވިދާޅުވީ ރައްޔިތުން ބޭނުންވާގޮތް 2023 ވަނަ އަހަރު ވަރަށް ސާފުކޮށް އަޑު ހަރުކޮށް އިވިގެން ދިޔަ ކަމަށެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ރައީސްކަމަށް އިންތިޚާބުކުރަން ރައްޔިތުން ވޯޓު ދިނީ "އިންޑިއާ އައުޓް" ހަރަކާތަކީ އެމަނިކުފާނުގެވެސް ފިކުރަށް ވުމުން ކަމުގައި އަޒާން ފާހަގަކުރެއްވިއެވެ. އަދި ރައީސް މުޢިއްޒު ވަނީ އެމަނިކުފާނުގެ ވަޢުދުފުޅާއި އެއްގޮތަށް ކަންކަން ކުރައްވާފައިކަން އަޒާން ފާހަގަކުރެއްވިއެވެ.

އެގޮތުން މިނިވަންކަމަށް އަސަރުކުރާ ހުރިހާ ބޭރުގެ އެއްބަސްވުންތަކެއް މުރާޖަޢާކުރުމުގެ ތެރެއިން އިންޑިއާއާއި އެކު ހެދިފައި އޮތް ހައިޑްރޯގްރަފީ އެއްބަސްވުން ނިމުމަކަށް ގެނެވުނު ކަމަށާއި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ސިވިލް މުވައްޒަފުންނަށް ބަދަލުކުރެވިފައިވާކަން އަޒާން ފާހަގަކުރެއްވިއެވެ. އަދި މީގެ އިތުރުން ޤާނޫނުއަސާސީއަށް ގެނެވުނު އިސްލާހުތަކުން މިހާރު ދިވެހިރާއްޖޭގައި ބޭރުގެ އެއްވެސް ސިފައިންގެ ބަޔަކު ބޭތިއްބުން މަނާކުރާކަމާއި ރާއްޖޭގެ ސަރަހައްދާއި އިޤްތިޞާދީ ސަރަހައްދުގެ އިންތަކަށް ގެންނަ ބަދަލުތަކަށް މަޖިލީހުގެ ހުއްދަ ހޯދަން ޖެހޭކަން އަޒާން ފާހަގަ ކުރެއްވިއެވެ.

އަޒާނުގެ ޕޯސްޓުގައި ރައީސް މުއިއްޒުގެ އިންތިޚާބީ ވަޢުދު އަލުން ހަނދާނަށް ގެންނެވިއެވެ.

"ދިވެހި ސަރުކާރުގެ ސިޔާސަތުތައް ބިނާވާންވާނީ ދިވެހި ރައްޔިތުންގެ މަސްލަހަތުގެ މައްޗަށެވެ. ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމުގެ ކަންކަމުގައި އަޅުގަނޑު އަބަދުވެސް ދަމާނީ ރަތް ރޮނގެކެވެ." މިއީ ރައީސް ޑރ. މުޢިއްޒު ރިޔާސީ އިންތިޚާބުގެ ކެންޕޭނުގައި އިންޑިއާ އައުޓް ހަރަކާތާއި ގުޅިގެން ދެއްކެވި ވާހަކަފުޅުގައި ވެލެއްވި ވަޢުދުފުޅެކެވެ.

އަޒާން އިތުރަށް ވިދާޅުވީ އިންޑިއާއަކީ ރާއްޖެއާއި އެންމެ ކައިރި އަވައްޓެރިޔާކަން އިންކާރު ނުކުރެވޭނެކަމަށާއި ދެ ޤައުމުގެ ގުޅުން ބިނާވާންވާނީ އިޙްތިރާމްކުރުމާއި، އިންސާފުވެރިކަމާއި، ދެޤައުމަކީވެސް މިނިވަން ހަމަހަމަ ބައެއްކަން ޤަބޫލުކުރުމުގެ މައްޗަށް ކަމަށެވެ.

އަދި އަދުގެ ސަރުކާރަކީ ދިވެހިރާއްޖެއަށް އެންމެ އިސްކަމެއް ދޭ ސަރުކާރު ކަމަށާއި ހާސިލުކުރަން ބޭނުންވި ކަމަކީވެސް އެއީ ކަމުގައި އަޒާން ވިދާޅުވިއެވެ. ކުރީގެ ސަރުކާރުން ވެރިކަމުގައި ދެމިތިބުމަށްޓަކައި ޤައުމީ މަސްލަޙަތު އެއްފަރާތްކޮށްލި ފަދައިން އަދުގެ ސަރުކާރުން ކަންކަން ނުކުރާނެ ކަމުގައި އަޒާން ވިދާޅުވިއެވެ. އަދި މިނިވަންކަމުގެ ދިފާޢުގައި އަބަދުވެސް ދިވެހިން ތެދުވާނެކަން ޕޯސްޓް ނިންމަވާލައްވަމުން އަޒާން ފާހަގަކުރެއްވިއެވެ.
މި ލިއުމާއި ގުޅޭ