Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެޗްޕީއޭ

ނޭވާލާ ނިޒާމުގެ ބަލިތައް އިތުރުވެދާނެތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ނޭވާލާ ނިޒާމަށް ޖެހޭ ބަލިތައް މިދުވަސްވަރު އިތުރުވެދާނެ ކަމަށް ލަފާކުރެވޭތީ ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިދުވަސްވަރަކީ ވަރަށް ގިނަ ފަރާތްތަކުން އުމްރާއިންނާއި އެކި ސަރަހައްދުތަކަށް ދަތުރުކުރުމަށްފަހު އެނބުރި އަންނަ ދުވަސްވަރު ކަމުން، ނޭވާލާ ނިޒާމުގެ ބަލިތައް މިދުވަސްވަރު ރާއްޖޭގައިވެސް އިތުރުވެދާނެކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް ސަމާލުވުމަށް ވަނީ އެދިފައެވެ.

އެ އިދާރާއިން ސަމާލުކަން ދިނުމަށް އަންގާފައިވާ ކަންކަން:

  • ރޯގާ އަދި ކެއްސުންފަދަ އަލާމާތްތައް ހުންނަ ފަރާތްތަކުން އާއްމު ތަންތަނަށް ނުކުންނައިރު މާސްކް އަޅައިގެން އުޅުމާއި، އުމުރުން ދުވަސްވީ މީހުންނާއި، ތުއްތު ކުދިންނަށް ޒިޔާރަތް ނުކުރުން
  • ނޭވާލަން އުނދަގޫވުން، މޭގައި ރިއްސުން، އާދަޔާ ޚިލާފަށް ވަރުބަލިވުން، ނުވަތަ އަލާމާތްތައް ގިނަދުވަހަށް ދެމިގެންދާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން

އެހެންނަމަވެސް ބަލިޖެހިގެން ބޮޑުވަރު ވެދާނެ ފަރާތްތަކުން (ނޭވާހިއްލުންފަދަ ނޭވާލާ ނިޒާމުގެ ބަލި ހުންނަ މީހުން، ދިފާއީ ބާރު ބަލިކަށި މީހުން، އުމުރުން ދުވަސްވީ މީހުން، ކުޑަކުދިން، މާބަނޑު މީހުން) ބަލީގައި ބޮޑުވަރު ނުވިކަމުގައި ވިޔަސް އަވަހަށް ސިއްހީ ފަރުވާ ހޯދުން މުހިއްމު ކަމުގައި އެޗްޕީއޭއިން ބުންޏެވެ.

މީގެއިތުރުން ޗައިނާގައި ފެތުރެމުންދާ ނޭވާލާ ނިޒާމުގެ ބަލިތަކާއި ގުޅޭގޮތުން އެޗްޕީއޭއިން ބުނީ ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާއިން، ޗައިނާ ސީ.ޑީ.ސީއާއި ހަވާލާ ދެއްވާ މައުލޫމާތު ދެއްވާ ގޮތުގައި ޗައިނާގެ އެކި ހިސާބުތަކުގައި ނޮވެމްބަރ 2 ވަނަ ހަފްތާއިން ފެށިގެން ނޭވާލާ ނިޒާމުގެ ބަލިތައް އިތުރުވަމުންދާކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

ފިނި މޫސުމާ ދިމާކޮށް ޗައިނާ އަދި ފިނި މޫސުން އަންނަ އެހެން ޤައުމުތަކުގައި އާއްމުކޮށް ނޭވާލާ ނިޒާމުގެ ބަލިތައް އިތުރުވެއެވެ. މިދިޔަ އަހަރާއި އަޅާ ބަލާއިރު ޗައިނާގައި މި މޫސުމުގައި ނޭވާލާ ނިޒާމުގެ ބަލިތައް ފެންނަ މިންވަރާއި، ބަލީގައި ބޮޑުވަރުވާ މީހުންގެ ނިސްބަތް މަދު ކަމަށް ތަފާސްހިސާބުތަކުން ފާހަގަކުރެވެއެވެ. މިހާލަތާއި ގުޅިގެން ޗައިނާއިން އިމަރޖެންސީއެއްވެސް އިއުލާނުކޮށްފައި ނުވެއެވެ.

ޗައިނާގައި މިހާރު ފެތުރެމުންދާ ބަލިތަކަކީ އާއްމުކޮށްވެސް ހުރިހާގައުމެއްގައިވެސް ދައުރުވާ ނޭވާލާ ނިޒާމުގެ ބަލިތަކެވެ. މީގެ ތެރޭގައި އެންމެ ގިނައީ އިންފްލުއެންޒާއެވެ. މީގެ އިތުރުން އާރް.އެސް.ވީ، ރައިނޯވައިރަސް، އެޑިނޯވައިރަސް، މައިކޯޕްލާސްމާ ނިމުއޯނިއާ އަދި ހިއުމަން މެޓަނިއުމޯވައިރަސް މަދުންނަމަވެސް ފެންނަމުންދެއެވެ. އެޗް.ޕީ.އޭ ބުނެފައިވަނީ މިހާލަތު މޮނިޓަރ ކުރަމުންދާ ކަމަށެވެ.

މި ލިއުމާއި ގުޅޭ