މާލެ ސަރަހައްދުގެ ޖައްވު ވަރަށް ބޮޑަށް ނުސާފުވެފައިވާތީ، އެކަމަށް ސަމާލު ވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
ގަދަ ވިއްސާރައަށް ފަހު އިއްޔެ އިން ފެށިގެން އަނެއްކާ ވެސް ރާއްޖެ ސަރަހައްދުގެ ޖައްވު ތަގައްޔަރު ވާން ފަށައިފަވާއިރު، މިވަގުތު ހޭޒްގެ އަސަރު އެންމެ ބޮޑަށް ކުރަނީ ރާއްޖޭގެ އުތުރުގެ ރަށްތަކަށެވެ.
މާލެ ސަރަހައްދުގެ ވައިގެ ކޮލިޓީ މިއަދު ހެނދުނުއްސުރެން ހުރީ ސިއްހަތަށް ނުރައްކާވާ މިންވަރުގައެވެ.
އެޗްޕީއޭއިން ވަނީ ވައި ނުސާފު ވަގުތުތަކުގައި ރައްކާތެރިވެ ސަމާލުކަން ދޭންވީ ކަންކަން ހިއްސާކޮށް އެކަންކަން ކުރުމަށް އިލްތިމާސް ކޮށްފައެވެ.
- - ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލި، އެލާޖީ މައްސަލަތައް ހުންނަ މީހުން ގެއިން ބޭރުގައި ގިނަ ވަގުތު ހޭދަ ނުކުރުން
- - ބޭރަށް ނިކުންނަށް ޖެހޭ ހާލަތްތަކުގައި ރައްކާތެރި މާސްކް އެޅުން
- - ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުންނާއި މާބަނޑު މީހުން ބޭރުގައި ގިނަ ވަގުތު ހޭދަ ނުކުރުން
- - ތުއްތު ކުދިން ބޭރަށް ނުނެރުން
- - ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުން
- - ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ކަންތައްތައް މަޑުޖައްސާލުން
އާންމު ގޮތެއްގައި މިކަން އެންމެ ބޮޑަށް ފާހަގަކުރެވެނީ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުން ފެށިގެން މާޗް މަހުގެ ނިޔަލަށެވެ. މި ދުވަސްވަރު ވައިގެ މިސްރާބު ހުންނަ ގޮތުން ބޭ އޮފް ބެންގާލްއިން ވައިގައި ހުންނަ ކުނޑި އާއި ހިރަފުސް ރާއްޖެއާ ދިމާލަށް ދަތުރުކޮށް ޖައްވު ނުސާފުވާން މެދުވެރި ވެއެވެ.
"ފޮގް ވުން" އަދި "މިސްޓް" އާ ޚިލާފަށް ހޭޒް އަކީ ވައިގެ ތެރޭގައި ހުންނަ ވަރަށް ކުދި ހިކި ޕާޓިކަލް ތަކެކެވެ. އެއީ ދުންފިންޏެއް ނޫނެވެ. ހަމަ ލޮލަށް ނުފެނުނު ކަމުގައި ވީނަމަވެސް، މި ޕާޓިކަލްތަކުގެ ސަބަބުން ޖައްވު ނުސާފުވެ ދުރު ފެންނަ މިންވަރު ދަށްވެއެވެ.
ސިއްހަތު ރަނގަޅު މީހުން ހޭޒް ތެރެއަށް ނުކުމެ އުޅުމުން ލޮލާއި ނޭފަތާއި ކަރުގައި ރިއްސުމަކީ އެކަށީގެންވާ ކަމެކެވެ. ގިނަ ހާލަތްތަކުގައި މިކަން އަމިއްލައަށް ރަނގަޅުވެއެވެ.
ނަމަވެސް ނޭވާ ހިއްލުމާއި ހާޓް ފެއިލްވުން ފަދަ ބަލިތައް ޖެހިފައިވާ މީހުންގެ ހިތާއި ފުއްޕާމެއަށް ހޭޒްގެ ނޭދެވޭ އަސަރުކޮށްފާނެއެވެ. ބޭރަށް ނުކުމެ އުޅޭއިރު ނޭވާ ލުމަށް އުދަނގޫވާނަމަ މާސްކެއް ބޭނުންކުރެވިދާނެއެވެ. ނަމަވެސް ކުޑަ ވަގުތުކޮޅަކަށް ނުކުމެ އުޅުމުން މިކަމުގެ ސަބަބުން ސިއްހަތަށް ނުރައްކާވުމަކީ ނާދިރު ކަމެކެވެ.
ވައިގެ ނުސާފުކަން ހުރުން ރަނގަޅީ 0-50 އާ ދެމެދުގައެވެ.