މޫސުން ގޯސްވުމުގެ ސަބަބުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ)ގެ އޮޕަރޭޝަންތަކަށް ބުރޫއަރާފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބުނެފިއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެމްއޭސީއެލްގެ ޗީފް ކޮމާޝަލް އޮފިސަރ މުހައްމަދު މިހާދު ވިދާޅުވީ، މޫސުން ގޯސްވުމުގެ ސަބަބުން މިއަދު މެންދުރު އެއަރޕޯޓްގެ އޮޕަރޭޝަންތަކަށް ވަރަށް ބޮޑު ދަތިތަކެއް ކުރިމަތިވެފައިވާކަމަށެވެ.
އެގޮތުން ބައެއް ފްލައިޓްތައް ލަސްވުމާއި، ލަސްވި ފްލައިޓްތައް އެއް ވަގުތަކަކާއި ދިމާކޮށް ޖައްސަން އައުމުން ދަތިތަކެއް ކުރިމަތިވިކަން މިހާދު ފާހަގަކުރެވިފައިވާކަމަށާއި ނަމަވެސް އެކަންކަމަށް އަވަސް ހައްލުތަކެއް ހޯދުނުކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިހާދު ވިދާޅުވީ ވައި ގަދަވުމުގެ ސަބަބުން ސީޕްލޭންގެ އޮޕަރޭޝަންތަކަށް ވެސް ބުރޫ އަރައި، ބައެއް ފްލައިޓްތައް ލަސްވެފައިވާކަމަށެވެ.
އެމްއޭސީއެލުން ބުނެފައިވާގޮތުގައި ސްކޫލު ބަންދު ނިމި، ވައިގެ ދަތުރުތައް އިތުރުވެފައިވާއިރު، އުމްރާއަށް ދިޔަ މީހުންވެސް އަންނަން ފެށުމާއެކު އެއަރޕޯޓް ޓާމިނަލްތެރޭގައި ވަރަށް ބޮޑަށް ތޮށްޖެހިގެން ދިޔަކަމަށެވެ.
އަދި މާދަމާއަކީވެސް ރާއްޖެއަށް އުމްރާވެރިންގެ އިތުރުން އެތައް ފަތުރުވެރިން އައުމަށް ހަމަޖެހިފައިވާ ދުވަހަކަށް ވުމާއެކު، ވީހާވެސް މަދު ފަރާތްތަކަުން އެއަރޕޯޓަށް ފަސިންޖަރުން ބަލާ ދިއުމަށް ވަނީ އިލްތިމާސްކޮށްފައެވެ.