ކީރިތި ޤުރުއާނުގެ އަޚްލާގުން ޒީނަތްތެރިވުމުން ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
ހުކުރު ޚުތުބާގެ މިއަދުގެ މައުޟޫއުއަކީ "ކީރިތި ޤުރުއާނުގެ އަހުލުވެރިންގެ އަދަބުތައް" މިއެވެ.
ޚުތުބާގައި ބުނެފައިވަނީ އަހުރެމެންގެ ދަރީންނަށް ކީރިތި ޤުރުއާން އުނގަންނައިދޭން ޖެހޭކަމަށާއި އެކުދިންގެ ހިތްތަކުގައި ކީރިތި ޤުރުއާނުގެ ލޯބި އަށަގަންނުވައި އެފޮތުގެ މަތިވެރިކަމާއި މާތްކަން ދަސްކޮށްދޭން ޖެހޭކަމަށެވެ. އަދި ކީރިތި ޤުރުއާންއަށް އިޙްތިރާމް ކުރަން ދަސްކޮށްދޭން ޖެހޭކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.
ހުކުރު ޚުތުބާގައި އިތުރަށް ބުނެފައިވަނީ ކީރިތި ޤުރުއާނަކީ ބަލާޣާތްތެރިކަމާއި ފަޞާހާތްތެރިކަމުގައިވެސް މުއުޖިޒާތެއްކަމަށާއި ޖާހިލީ ޒަމާނުގައި އަރަބީންގެ ތެރޭގައި އުޅުނު އެންމެ ފަޞާހާތްތެރީންވެސް ވަނީ އެފަދަ ޤުރުއާނެއް ގެނައުމަށް ނުކުޅެދިފައިވާކަމަށެވެ.
އެކަލަށް އިޝާރާތްކުރައްވާ މާތް ﷲ سبحانه وتعالى ވަހީކުރެއްވި ބަސްފުޅެއްގެ މާނާގައިވަނީ:
"ކާލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން މި ޤުރުއާނާ އެއްފަދަ އެއްޗެއް ގެނައުމަށް އިންސީންނާއި ޖިންނީން އެއްވިނަމަވެސް އެއާ އެއްފަދަ އެއްޗެއް އެއުރެންނަކަށް ނުގެނެވޭނެއެވެ. އެއުރެންގެ އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރިންކަމުގައި ވީނަމަވެސްމެއެވެ."
"ﷲ އެންމެ ރިވެތި ބަސްތައް ފޮތެއްގެ ސިފައިގައި ބާވާލެއްވިއެވެ، (ފުރިހަމަކަމުގައި) އެއްފަދަވެގެންވާ ތަކުރާރުކޮށް ކިޔެވޭ ފޮތަކަށްވާ ހާލުގައެވެ. އެފޮތް ކިޔެވޭ ހިނދު އެއުރެންގެ ވެރިރަސްކަލާނގެއަށް ބިރުވެތިވާމީހުންގެ ގައިގެހަންތައް ތުރުތުރުއަޅައިގެންދެއެވެ. ދެން އެއުރެންގެ ގައިގެ ހަތްކަތާއި ހޮތްތައް ﷲ ހަނދުމަކުރުމަށް މަޑުމޮޅިވެދެތެވެ. އެއީ ﷲ ގެ ތެދުމަގެވެ. އެކަލާނގެ އިރާދަކުރައްވާ މީހަކަށް އެއިން މަގު ދައްކަވަތެވެ. އަދި ﷲ މަގުފުރައްދަވާ މީހަކަށް ފަހެ ތެދުމަގު ދައްކަވާނެ ހަމަ އެކަކުވެސް ނުވެއެވެ.
މީގެއިތުރުން ކީރިތި ޤުރުއާނުގެ އަޚްލާގުން ޒީނަތްތެރިވުމަކީ އެކަމުގެ ސަބަބުން ގިނަގުނަ ދަރުމައާއި ޘަވާބު ލިބޭނެކަމެއްކަމަށާއި އަދި އެއީ ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ ކަމެއްކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ