ބޭންކް އޮފް މޯލްޑިވްސްގެ ކާޑުން ވިޔަފާރިކޮށްގެން މި ޖަނަވަރީ މަހު 100،000 ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
ބީއެމްއެލްއިން މި މުއްދަތުގައި ބީއެމްއެލްގެ ކްރެޑިޓް އަދި ޑެބިޓް ކާޑުން 200 ރުފިޔާއަށްވުރެ މަތިން ކުރާ ކޮންމެ ވިޔަފާރިއެއް މި ޕްރޮމޯޝަނުގެ ގުރުއަތުގައި ހިމެނޭނެ ކަމަށެވެ. ޕްރޮމޯޝަނުގައި ދޭ ބޮޑު އިނާމުގެ އިތުރުން ގުރުއަތުން ހޮވޭ ފަސް މީހަކަށް ކޮންމެ ދުވަހަކު 1،000 ރުފިޔާ ލިބުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ކޮންމެ ދުވަހަކު ގުރުއަތުން ހޮވޭ ކަސްޓަމަރުންގެ ތަފްސީލު ބީއެމްއެލްގެ ވެބްސައިޓުގައި ޝާއިއުކޮށް، އެ ކަސްޓަމަރުންނަށް އަންގާނެއެވެ.
8،000 އަށް ވުރެ ގިނަ މާޗެންޓުންނާއެކު ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ކާޑު ދޫކުރުމާއި ކާޑުގެ ހިދުމަތް ބަލައިގަންނަ ބޭންކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް ބީއެމްއެލް ކާޑު ބޭނުންކުރެވެއެވެ. ބީއެމްއެލް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް، އެ ބޭންކުގެ ޕާޓްނާ މާޗެންޓުން ދެމުންދާ ޑިސްކައުންޓުތަކާއި އެމެރިކަން އެކްސްޕްރެސް (އެމެކްސް) ކްރެޑިޓް ކާޑު މެންބަރުންނަށް އީޒީޕޭ އިންސްޓޯލްމެންޓް ޕްލޭން ހިމެނެއެވެ.
މީގެ އިތުރުން ކްރެޑިޓް ކާޑުތަކުން ކުރާ ވިޔަފާރިތަކަށް ރިވާޑް ޕޮއިންޓް ލިބުން ފަދަ ހާއްސަ ފައިދާތައް ލިބެއެވެ. ބީއެމްއެލް ރިވާޑްސް ޕޮއިންޓް ބޭނުންކޮށްގެން އެއާލައިނުން ޓިކެޓު ނެގުމާއި ހޮޓެލް ބުކް ކުރުމާއި ކާރު ކުއްޔަށް ނެގުމާއި މަޝްހޫރު ބްރޭންޑްތަކުގެ ގިފްޓްކާޑާއި ރާއްޖޭގެ ބައެއް ވިޔަފާރިތަކުގެ ވައުޗާވެސް ލިބޭނެއެވެ.
ބީއެމްއެލްގެ މޮބައިން ބޭންކިންގ އެޕް ނުވަތަ އިންޓަނެޓް ބޭންކިންގ މެދުވެރިކޮށް ކަސްޓަމަރުންނަށް ކާޑަށް އެދި ހުށަހެޅޭނެ ކަމަށް ބޭންކުން ބުނެއެވެ.