ޑޮލަރު ލިބުމުގެ ދަތިކަމާއި ކަޅު ބާޒާރުގައި ޑޮލަރު ވިއްކުމުގެ މައްސަލައަކީ ޒަމާންވީ ބޮޑު މައްސަލައެކެވެ. މިކަމުގެ ސަބަބުން އެކި ބޭނުންތަކަށް ޚާއްސަކޮށް ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދާ މީހުންނަށް ޑޮލަރު ލިބުމަކީ ނުހަނު ބޮޑު ތަކުލީފެކެވެ. އަދި ކަޅު ބާޒާރުން ޑޮލަރު ގަންނަންޖެހުމުން ޑޮލަރު ހޯދުމަށް ކުރާ ޚަރަދުވެސް ބޮޑުވެގެންދެއެވެ. އަދި ބޭންކުތަކަށްވެސް ޑޮލަރު ލިބުމުގެ ތާށިކަން ވަނީ ކުރިމަތިވެފައެވެ. މި މައްސަލައަށް ހައްލު ހޯދުމަށް މިހާތަނަށް އެއްވެސް ސަރުކާރަކުން މަސައްކަތްކޮށްފައެއް ނުވެއެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ މި މައްސަލައަށް ދާއިމީ ހައްލެއް ހޯއްދެއްވުމުގެ މަސައްކަތް ފައްޓަވާފައެވެ.
މި ބިލުގެ މަޤުޞަދަކީ ދިވެހިރާއްޖޭގައި ބޭރު ފައިސާ އިން ކުރެވޭނެ މުޢާމަލާތްތައް ކަނޑައަޅައި، ބޭރު ފައިސާ ދިވެހިރާއްޖެއަށް އެތެރެކުރުމާއި ދިވެހިރާއްޖެ އިން ބޭރުކުރުމާއި، ބޭރު ފައިސާ ދިވެހިރާއްޖޭގައި ގެންގުޅުމާއި، ޖަމާކުރުމާއި، މާރުކުރުމާބެހޭ އުސޫލުތަކާއި، އެ ނޫންވެސް ބޭރު ފައިސާއާބެހޭ މުޢާމަލާތްތަކާގުޅޭ ހަމަތަކާއި އުސޫލުތައް ކަނޑައަޅައި ހިންގުމަށް ބޭނުންވާނޭ ކަމާބެހޭ ހަރުދަނާ ޤާނޫނީ އޮނިގަނޑެއް ކަނޑައަޅައި އެކުލަވައިލުމެވެ.
އެގޮތުން މި ބިލުގައި ކަނޑައަޅައިފައިވާ ވަކި ހާލަތުތަކެއްގައި މެނުވީ، ރާއްޖޭގައި ކުރެވޭ އެއްވެސް މަނިޓަރީ އިލްތިޒާމެއް ނުވަތަ މުއާމަލާތެއް، ދިވެހި ފައިސާ ފިޔަވައި، އެހެން އެއްވެސް ބޭރު ފައިސާއަކުން ކުރުމާއި، ހުށަހެޅުމާއި އަދާކުރުން މަނާކޮށް، ދިވެހިރާއްޖޭގައި ދިވެއްސަކު ގަންނަ މުދަލާއި ހޯދާ ޚިދުމަތުގެ އަގު، ބޭރު ފައިސާއިން އަދާކުރުމަށް ލާޒިމު ނުކުރެވޭ ގޮތަށް އުސޫލު ކަނޑައަޅައިފައިވެއެވެ.
އަދި މި ބިލުގެ ދަށުން، ބޭރު ފައިސާއިން އާމްދަނީ (ރިއަލައިޒްޑް ސޭލްސް ޕްރޮސީޑްސް) ލިބޭ، ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި، އެހެން ފަރާތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ޚިދުމަތަށް، މީލާދީ އަހަރެއްގެ ތެރޭގައި ބޭރު ފައިސާއިން މަދުވެގެން 15،000،000.00 (ފަނަރަ މިލިއަން) އެމެރިކާ ޑޮލަރަށް ނިސްބަތްވާ ޢަދަދެއް ލިބޭ ފަރާތްތަކުން، ވަކި މުއްދަތުތަކެއްގައި އެމް.އެމް.އޭ ގައި ރަޖިސްޓްރީކޮށް، އެފަރާތްތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ޚިދުމަތްތަކުން ލިބޭ ބޭރު ފައިސާގެ އާމްދަނީ، ރާއްޖޭގައި ޤާއިމުކޮށްފައިވާ ބޭންކެއްގައި ހުޅުވައިފައިވާ ބޭރު ފައިސާގެ އެކައުންޓަކަށް ޓްރާންސްފަރ ކުރާގޮތަށް ކަނޑައަޅައިފައިވެއެވެ.
ބޭރު ފައިސާއިން ލިބޭ އާމްދަނީން ބައެއް މާރުކުރުމުގައި "ކެޓެގަރީ އޭ"ގައި ހިމެނޭ ރިސޯޓްތަކަށް ލިބޭ އިހުތިޔާރަކީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަސްދުވަހެއްގެ ޖުމްލަ އާމްދަނީގެ 20 ޕަސެންޓް ޑޮލަރު މާރުކުރުމެވެ. އަދި "ކެޓެގަރީ ބީ"ގެ ދަށުން ގެސްޓް ހައުސްތަކުން، ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަސްދުވަހުގެ ތެރޭގައި އެ ފަރާތަކަށް ލިބޭ އާމްދަނީގެ 20 ޕަސެންޓް ޑޮލަރު މާރުކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވެއެވެ. ޑޮލަރު މާރުކުރުމަށް އެ ގާނޫނުގައި ހިމަނާފައިވާ ދެގޮތުގެ ތެރެއިން ގޮތެއް އިހުތިޔާރު ކުރުމުގައި އަމަލުކުރާނެ ގޮތްތައް އެމްއެމްއޭ އިން ވަނީ ކަނޑައަޅައިފައެވެ.
މި ބިލަށް އަމަލު ކުރަން ފެށުމާއެކު އާއްމު ރައްޔިތުންނަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ޑޮލަރުގެ ތިޔާގިކަން ލިބޭނެ 4 ކަމެއް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެއީ ސަރުކާރުން ހިއްސާވާ ކުންފުނިތަކުން ޕެރަލަލް މާކެޓަށް ނުގޮސް ރަސްމީ ރޭޓްގައި ޑޮލަރު ލިބޭނެ އިންތިޒާމެއް 2025 ޖުލައި މަހުން ފެށިގެން ގާއިމުކުރުމާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު ދެގުނަކޮށް އެއަދަދު 1000 ޑޮލަރަށް 2026 ގެ ފުރަތަމަ ކުއާޓަރުން ފެށިގެން ހެދުމާއި ކްރެޑިޓް ކާޑު ލިމިޓްތައް 2026 ގެ ފުރަތަމަ ކުއާޓަރުން ފެށިގެން ބޮޑު ކުރުމާއި އަދި ދިވެހި ވިޔަފާރިވެރިންނަށް ތަކެތި އިމްޕޯޓްކުރުމުގެ ގޮތުން ބޭންކުތަކަށް ޓީޓީ ހެދުމަށް ދޫކުރާ ޑޮލަރުގެ ނިސްބަތް 2025 ޖުލައި މަހުން ފެށިގެން އިތުރުކުރުމެވެ.
ސަރުކާރުގެ އަމާޒަކީ މިކަންކަމާއި އެކު ޑޮލަރުގެ ބްލެކްމާކެޓް ނައްތާލުމެވެ. އަދި ހަމަ އަގުގައި ޑޮލަރު ލިބޭނެ އިންތިޒާމްތައް ހަމަޖެހިގެން ދިއުމެވެ.