ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން 2024 ވަނަ އަހަރުގެ ޑިޖިޓަލް ކަލަންޑަރު 2025ގައިވެސް ބޭނުންކުރަން ނިންމައި ދެމެހެއްޓެނިވި ތަރައްޤީއަށްވާ ވައުދު ވަރުގަދަކޮށްފިއެވެ.
މި ނިންމުމަކީ ކުންފުނީގެ ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތުގެ ދަށުން، ތިމާވެއްޓަށް ކުރާ އަސަރު ކުޑަކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އަޅާ އިތުރު ފިޔަވަޅެކެވެ.
އެސްޓީއޯގެ ޕޭޕަރލެސް ޕޮލިސީގެ ދަށުން، ކުންފުނިން ކަރުދާހަށް ކުރާ ހޭދަ މިހާރު ވަނީ ވަރަށް ބޮޑުތަނުން ކުޑަކޮށްފައެވެ. އެގޮތުން ކުރިން އަހަރަކު 8,000 އަށްވުރެ ގިނަ ކަލަންޑަރު ޕްރިންޓްކުރަމުން ދިޔަ ނަމަވެސް، ޑިޖިޓަލް ކަލަންޑަރުގެ ސަބަބުން މިހާރު އެކަން ނިމުމަކަށް އައިސްފައިވާކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
އަދި މިކަމުގެ ސަބަބުން ގަސްތައް ސަލާމަތްވެ، އުކާލެވޭ ކުނި މަދުވެ، ކާބަން ފުޓްޕްރިންޓް ކުޑަވެގެންދާނެކަމަށްވެސް ބުނެފައިވެއެވެ.
2025 ވަނަ އަހަރުގެ އަޕްޑޭޓްގައި ހިމެނޭނީ އަހަރުގެ ރަސްމީ ބަންދު ދުވަސްތަކާއި، އެސްޓީއޯގެ މުހިންމު އިވެންޓްތަކުގެ މަޢުލޫމާތެވެ. މީގެ އިތުރުން، އާ ތީމްތަކާއި ވިޝުއަލްސް، ކަސްޓަމް ރިމައިންޑަރސް، އަދި އެސްޓީއޯގެ ބްރޭންޑްތަކުގެ މަޢުލޫމާތުވެސް ހިމެނޭނެއެވެ. ސޮފްޓްވެއަރ އަޕްޑޭޓްކުރުމުގެ އިރުޝާދު އެސްޓީއޯގެ ވެބްސައިޓާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ދާދި އަވަހަށް ހިއްސާކުރެވޭނެ ކަމަށް ކުންފުނިން ބުނެފައިވެއެވެ.
އެސްޓީއޯއިން ބުނީ މި މަސައްކަތަކީ އެހެން ކުންފުނިތަކަށްވެސް އެއްފަހަރަށްވުރެ ގިނަފަހަރު ބޭނުންކުރެވޭ ގޮތްތައް އިޚްތިޔާރުކުރުމަށް ހިތްވަރުދޭ ކަމެއް ކަމަށާއި ތިމާވެއްޓަށާއި ކޯޕަރޭޓް ސަގާފަތަށް އަސަރުކުރާނެ މިފަދަ ކުދިކުދި ބަދަލުތައް ގެނައުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.