އިޒްރާއީލު ސިފައިން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގައި އިތުރު 48 މީހަކު ޝަހީދުކޮށްލައިފިއެވެ.
ޣައްޒާގެ ސިއްޙީ ވުޒާރާއިން ހޮނިހިރު ދުވަހު ހާމަކުރި ގޮތުގައި، އިޒްރާއީލުގެ ޙަމަލާތަކުގައި ފަލަސްތީނުގެ އިތުރު 48 މީހުން ޝަހީދުވެފައިވެއެވެ. މިއާއެކު، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު 45،484 އަށް އަރައިފައިވެއެވެ.
ސިއްޙީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މިހާތަނަށް ގާތްގަނޑަކަށް 108،090 މީހުން މި އަނިޔާވެރި ޙަމަލާތަކުގައި ޒަޚަމްވެފައިވެއެވެ. އަދި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އާއިލާތަކަށް އަމާޒުކޮށް ދިން ދެ ޙަމަލާއެއްގައި 48 މީހުން ޝަހީދުވެ، 52 މީހުން ޒަޚަމްވެފައިވާކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގައި ހަމާސްއިން އިޒްރާއީލަށް ދިން ޙަމަލާއަކަށްފަހު، އިޒްރާއީލުން ވަނީ ޣައްޒާގައި ނަސްލު ނައްތާލުމުގެ ހަނގުރާމައެއް ފަށާފައެވެ. މި ޙަމަލާތަކާއި އެހީ ފޯރުކޮށްދިނުން ހުއްޓުވުމަކީ ޣައްޒާގެ އާބާދީ ނައްތާލުމަށް ކުރާ ކަމެއްކަމަށް ބުނެ، ބައިނަލްއަޤްވާމީ ފަރާތްތަކުން އަންނަނީ އިޒްރާއީލް ކުށްވެރިކުރަމުންނެވެ.
މީގެ އިތުރުން، 2023 ވަނަ އަހަރުގެ ނޮވެމްބަރު 21 ގައި ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުން ވަނީ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އާއި ކުރީގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓްގެ މައްޗަށް ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ދެކޮޅު ކުށްތަކުގެ ސަބަބުން ހައްޔަރު ކުރުމުގެ އަމުރެއް ނެރެފައެވެ.