Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހުކުރު ޚުތުބާ

"މުއުމިނުންނަކީ މުސީބާތުގެ ވަގުތުގައިވެސް ލުޔަށް އުންމީދުކުރާ ހިތްތައް ޔަގީންކަމުން ފުރިފައިވާ ބައެއް"

މުއުމިނުންނަކީ މުސީބާތުގެ ވަގުތުގައިވެސް ލުޔަށް އުންމީދުކޮށް އެމީހުންގެ ހިތްތައް ޔަގީންކަމުން ފުރިފައިވާ ބައެއްކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުތުބާގެ މަުއޟޫއުއަކީ "ދިރިއުޅުމުގައި ދިމާވާ ދަތިތަކާމެދު މާޔޫސް ނުވުން" މިއެވެ.

ޚުތުބާގައި ބުނެފައިވަނީ ދިރިއުޅުމުގެ ހަޔާތަކީ ހިތްދަތިކަންކަމާއި ހިތާމަތަކާއި ދަތި އުނދަގޫ ކަންކަން ހިމެނިގެންވާ ހަޔާތެއްކަމަށާއި ދަތި އުނދަގުލަށް ފަހު ފަސޭހަކަން އަންނާނެކަން ކަށަވަރުކަމަށެވެ.

އަދި ހިތާމަތަކަށްފަހު އުފާވެރިކަން އަންނާނެކަން ޔަގީންކަމަށާއި މިއީ ހަޔާތުގެ ފިތުރަތަށްވާއިރު މުއުމިނު އިންސާނާއަށް ހުރިހައި ކަމެއްގައި ވެސް ވަނީ ހެޔޮކަންކަމަށް ހުކުރު ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައިވާގޮތުން އުފާވެރިކަމެއް މެދުވެރިވެއްޖެނަމަ މުއުމިނާ ޝުކުރުވެރިވާނެއެވެ. އަދި ހިތްދަތިކަމެއް މެދުވެރިވެއްޖެނަމަ ކެތްތެރިވާނެއެވެ.

ޚުތުބާގައި ބުނެފައިވަނީ ހިތްދަތިކަމުން އަރައިގަތުމަށް މަސައްކަތްކުރާންވާނީ އަޒުމާއި ހިތްވަރާއިއެކުގައިކަމަށެވެ. އަދި ކިތައްމެ އަގީދާ ވަރުގަދަ މީހަކުވެސް މާޔޫސްވުމުގެ ތެރެއަށް ވެއްޓިދާނެ ހާލަތެއް އަތުވެދާނެކަމަށާއި އެއީ މީހާގެ އަގީދާގެ ބަލިކަށިކަމުންވާ ކަމެއް ނޫންކަމަށްވެސް ހުކުތު ޚުތުބާގެި ބުނެފައިވެއެވެ.

"އެއީ އިންސާނާގެ ނަފްސުގެ ބަލިކަށިކަމެވެ. އިންސާނާގެ ނަފްސު މާޔޫސްކަމުން ސަލާމަތްކުރުމަށްޓަކައި އަގީދާގައި ސާބިތުވުމަކީ މުހިންމުކަމެކެވެ. މިގޮތުން ވަސްވާސްތަކުގެ ޝިކާރައަކަށް ނުވެ ވަރުގަދަ އަޒުމަކާއެކު ސަލާމަތުގެ އައްސޭރިއަށް ވާސިލްވެވިދާނެއެވެ." ހުކުރު ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނެފައިވަނީ ދިރުއުޅުމުގައި ދިމާނާ ދަތިކަމަކަށްފަހު ލުޔެއް ލިބޭނެކަމުގެ އުއްމީދު ބައެއް މީހުން ކަނޑާލާކަމަށާއި ނަމަވެސް އިންސާނާއާ އެކި ގޮތްގޮތުން ދިމާވާ މުސީބާތްތަކާއި ދަތިކަން ފިލައިދިއުން ﷲގެ އިރާދަފުޅުގައި ކަނޑައަޅުއްވައިފައިވާކަމަށެވެ.

އެހެނަސް ބައެއް މީހުންގެ މަސައްކަތްތަކަށް ވެފައި އޮންނަނީ އެފަދަ ކަންކަމުން ސަލާމަތްވުމަށް މަސައްކަތްކުރުމުގެ ބަދަލުގައި ނާއުންމީދުގެ ބަސްތައް ތަކުރާރުކުރުންކަމަށާއި މިފަދަ ޝުއޫރުތަކާއި ވާހަކަތައް ދެކެވެނީ އުންމީދު ކެނޑި ދުނިޔެވީ ހަޔާތުން މާޔޫސްވެފައިވާތީކަން ފާހަގަކޮށް ހުކުރު ޚުތުބާގައި ބުނެފައިވަނީ އެހެންކަމުން ސަބަބުތަކުގައި ހިފައި ހާލަތު ބަދަލުކުރުމަށް މަސައްކަތްކުރުމަށް އިންސާނާ ފަހަތަށް ޖެހޭކަމަށެވެ.

އިންސާނާ ސިފަކުރައްވާ ﷲ ސުބުހާނަހޫ ވަތައާލާ ވަހީކުރެއްވި ބަސްފުޅެއްގެ މާނާގައިވަނީ:

"އަދި ތިމަން ރަސްކަލާނގެ އިންސާނާއަށް ރަހުމަތެއް ލައްވައި ދެން އޭނާގެ ކިބައިން ތިމަންރަސްކަލާނގެ އެ ރަހުމަތް ނިގުޅަިއގަންނަވައިފިނަމަ ހަމަކަށަވަރުން އޭނާ ވަނީ ތިމަންރަސްކަލާނގެ ރަހްމަތުން އުންމީދު ކަނޑައި ނިޢުމަތަށް ދެކޮޅުހަދައި ކާފިރަކަށެވެ."

ޚުތުބާގަިއ ބުނެފައިވަނީ ކީރިތި ޤުރުއާނުގައި މާޔޫސްވުމާއި އުއްމީދު ކެނޑުމާމެދު އެތައް ބަސްފުޅެއް އައިސްފައިވާކަމަށާއި އެއީ އަޅާ އޭނާގެ ވެރިރަސްކަލާނގެ ހަޟްރަތަށް ރުޖޫއަވެ ތައުބާވުން ކަމުގައި ވިޔަސް ނުވަތަ ޤަޟާގަދަރާ ގުޅުންހުރިކަމެއް ކަމުގައި ވިޔަސްކަމަށެވެ.

އަދި ހެޔޮ މިންވަރާއި ނުބައި މިންވަރަށް އީމާންވުން އީމާންކަމުގެ ރުކުނެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ މާޔޫސްވުމާއި އެތައް ނުރައްކަލަކުން އިންސާނާ ސަލާމަތުގެ އައްސޭރިއަށް ގެންގޮސްދިނުމުގެ ބާރެއްގެ ގޮތުންކަން ފާހަގަކޮށް ހުކުރު ޚުތުބާގައި ބުނެފައިވަނީ ކަންކަމުގައި ﷲ އާ ވަކީލުކުރުމަކީ އީމާންކަމުގެ ތެރެއިންވާކަމެއްކަމަށެވެ.

މާތް ﷲގެ ރަހްމަތާއު މެދު މާޔޫންވުމަކީ މަގުފުރެދުމުގެ ސަބަބުތަކުގެ ތެރެއިން ސަބަބެއްކަމޔގައި ސިފަކުރައްވާ މާތް ﷲ ވަހީކުރެއްވި ބަސްފުޅުގެ މާނާގައިވަނީ:
"މަގުފުރެދިގެންވާ މީހުން މެނުވީ، އެމީހެއްހެ ވެރިރަސްކަލާނގެ ރަހްމަތާއިމެދު އުންމީދުކަނޑާލާނީ ފަހެ ކާކުހެއްޔެވެ؟"

ޚުތުބާގައި ބުނެފައިވަނީ މުއުމިނުންނަކީ އެންމެ ބޮޑު މުސީބާތުގެ ވަގުތުތަކުގައި ވެސް މާތް ﷲގެ ރަހްމަތާއި ލުޔަށް އުންމީދުކުރާ އެ މީހުންގެ ހިތްތައް ޔަގީންކަމުން ފުރިފައިވާ ބައެއްކަމަށެވެ. އަދި މާތް ﷲގެ މަގުގައި ސާބިތުވެ އުންނަ މީހަކު މާޔޫސްވެގެން ނުވާނެކަމަށް ވެސް މިއަދުގެ ހުކުރު ޚުތުބާގައި ބަޔާންކޮށްފައިވެއެވެ.

މި ލިއުމާއި ގުޅޭ