ރައީސް ޑރ.މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތް ކުރައްވާނެކަމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވިދާޅުވެއްޖެއެވެ.
"އެމްއެމްޓީވީ" ގެ ބޮޑު ޚަބަރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އަޒާން ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ކަށަވަރުކުރެއްވުމަކީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެއްކަމަށެވެ. އެހެންކަމުން ގާނޫނުއަސާސީއަށް ގެނައި ބަދަލަކީ އެ ވައުދު ފުއްދުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން މުހިންމު މަސައްކަތެއް ކަމަށް އަޒާން ވިދާޅުވިއެވެ.
ގާނުނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގެ ފަހަތަށް ވަނީ ދެ ނަމްބަރު އިތުރުކުރެވިފައެވެ. މިގޮތުން ރާއްޖޭގެ ސަރަޙައްދަށް ބަދަލު ގެނައުމާ ގުޅޭ ބިލެއް ނުވަތަ ގާނޫނުއަސާސީއަށް ގެނެވޭ އިސްލާހަކާ ގުޅޭ ބިލެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން ރައްޔިތުންގެ އަޣުލަބިއްޔަތު އޮތްތޯ ބެލުމަށް އާންމުންގެ ވޯޓެއް ނަގަން ވާނެ ކަމަށް ބުނެފައިވެއެވެ. އަޒާން ވިދާޅުވީ މި ގެނެވުނު ބަދަލުތަކާއެކު ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލެވޭނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ރައްޔިތުންގެ ފުރިހަމަ ރުހުން ލިބިގެންކަމަށެވެ.
"ރާއްޖޭގެ ސަރަހައްދުން ބައެއް އެއްވެސް ހާލަތެއްގައި ދޫކޮށްލެވޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން އަދި ސީދާ ރައްޔިތުންގެ ރުހުން ވެސް އޮވެގެން ކަމަށް އަޅުގަނޑުމެން މި ބަދަލުކުރީ. މީގެ ކުރިން ޤާނޫނު އަސާސީއަކު އެއްގޮތަކަށް ވެސް އެބައި އެގޮތަށް ހިމެނިފައެއް ނުވޭ. އޭރަކު ވެރިކަމުގައި ހުންނަވާ ބޭފުޅަކަށް އެކަން ކުރެއްވޭނެ ކަހަލަ ގޮތަކަށް އޮންނަނީ." އަޒާން ވިދާޅުވިއެވެ.
އަޒާން ވިދާޅުވީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ޗާގޯސް މައްސަލައިގައި ދިވެހިރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލިގެންދާ ކަހަލަ ގޮތަކަށް އޭރުގެ ސަރުކާރުން ކަންތައްތަކެއް ކުރެއްވިކަން ފެނިގެންދިޔަ ކަމަށެވެ. އެހެންނަމަވެސް، މި ބަދަލާއެކު ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ގޮންޖަހާފަދަ އެމްޑީޕީއިން ކުރި ކަހަލަ ވެރިކަމެއް ކުރައްވާނެ ބޭފުޅަކު އައިސްގެން ވެސް ދެން ރާއްޖޭގެ ސަރަޙައްދުން ބައެއް ގެއްލިގެން ނުދާނެކަމަށް އަޒާން ވިދާޅުވިއެވެ.
"މިހާރު އަޅުގަނޑުމެންގެ ރައީސަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތް ކުރައްވާނެ ބޭފުޅެއް. އެހެންނަމަވެސް ފަހުން މި ފިކުރު ނޫން ފިކުރެއްގެ މިނިވަންކަމާއި އިސްތިގުލާލަށް ގޮންޖަހާފަދަ އެމްޑީޕީއިން ކުރިން ކުރި ކަހަލަ ވެރިކަމެއް ކުރައްވާނެ ބޭފުޅަކު އައިސްފިއްޔާ ވެސް ފަސޭހައެއްނުވާނެ އެގޮތަށް ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލާކަށް." އަޒާން ވިދާޅުވިއެވެ.