ފީފާއިން ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ކޮންމެ ކްލަބަކަށް އެއްމިލިއަން ރުފިޔާ ދިނުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީއިން ބުނެފިއެވެ.
މީޑިއާއަކަށް މަޢުލޫމާތުދެއްވަމުން ނޯމަލައިޒޭޝަން ކޮމިޓީގެ ރައީސް ޒުހޫރު ވިދާޅުވީ އަންނަ އަހަރު ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކްލަބްތަކަށް ދިމާވެފައިވާ މާލީ ދަތިކަން ހައްލުކުރުމަށް ފީފާއިން އެހީތެރިވުމަށް ނިންމާފައިވާ ކަމަށެވެ. މިގޮތުން ފުރަތަމަ ޑިވިޝަނުގެ ކޮންމެ ޓީމަކަށް އެއްމިލިއަން ރުފިޔާ ހަމަޖެއްސުމަށް ފީފާއިން މަސައްކަތް ކުރަމުންދާކަމަށް ޒުހޫރު ވިދާޅުވިއެވެ.
ޒުހޫރު ވިދާޅުވީ ގޮތުގައި ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށްވެފައި ކަމަށާއި ކްލަބުތަކަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މާލީ ދަތިކަން ކަމަށެވެ. އަދި މި ގޮންޖެހުންކުން އަރައިގަތުމަށް ފީފާގެ އިތުރުން ސަރުކާރުންވެސް ކްލަބްތަކަށް މާލީ އެހީ ފޯރުކޮށްދިނުމަށް މަށްކަތް ކުރަމުން އަންނަ ކަމުގައި ޒުހޫރު ވިދާޅުވިއެވެ. މިގޮތުން ފުރަތަމަ ޑިވިޝަނުގެ ކޮންމެ ކްލަބަކަށް 1.5 މިލިއަން ރުފިޔާ ދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމުގައި ޒުހޫރު ވިދާޅުވިއެވެ.
ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން ބޮޑު އަނދަވަޅަކަށް ވެއްޓި، ކުރިން ހިންގަން ތިބި ވެރިންގެ މައްޗަށް ބޮޑެތި ތުހުމަތު ތަކަކާއި ދަޢުވާތަކެއް އުފުލިފައިވާއިރު، ފީފާގެ ބެލުމުގެ ދަށުން ވަނީ އެފްއޭއެމްގެ ކަންކަން ރަނގަޅުކުރުމަށް ނޯމަލައިޒޭޝަން ކޮމިޓީއެއް އުފައްދާފައެވެ. ނޯމަލައިޒޭޝަން ކޮމިޓީން ފާހަގަކުރި ގޮތުގައި ކުރިން އެފްއޭއެމުން ކްލަބުތަކަށް ފައިސާ ދެމުންއައި ނަމަވެސް އެއީ އެކަން އޮންނަ ގޮތެއް ނޫންކަމަށާއި ކްލަބް ތަކަކީ އެފްއޭއެމުން ފައިސާ ދީގެން ހިންގަންޖެހޭ ބައެއް ނޫންކަމަށެވެ. އަދި އަންނަ އަހަރަށް ފޯރުކޮށްދޭ މާލީ އެހީ އަކީ އަލުން ފުޓުބޯޅަ ފެށުމަށް ފީފާ އިން ވެދޭ އެހީއެއްގެ ކަމުގައި ނޯމަލައިޒޭޝަން ކޮމިޓީން ވަނީ ބުނެފައެވެ.