ހުޅުމާލެ ދެވަނަ ފިޔަވަހި ހިޔާ ފުލެޓް ސަރަހައްދުން 4 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މިކަން ހާމަކޮށް އިމިގްރޭޝަނުން ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފުލެޓްތަކުގައި ހިންގަމުންދާ ވިޔަފާރިތަކަށް ހާއްސަކޮށް އިއްޔެ ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އެ އޮޕަރޭޝަންގައި 26 ތަނެއް ބަލައި ފާސްކޮށްފައިވާއިރު އެ ސަރަހައްދުން 4 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
އެ ސަރަހައްދުގައި ހިންގަމުންދާ ވިޔަފާރިތަކަށް ހާއްސަކޮށްގެން 21 ވަނަ ދުވަހުވެސް އިމިގްރޭޝަނުން ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވެއެވެ. އެ އޮޕަރޭޝަނުގައި 8 ފިހާރަ އާއި ހަތަރު ކެފޭ އަދި ބޭކަރީ ފަދަ ތަންތަނާއި ސެލޫނެއް ބަލައި ފާސްކޮށް ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުން ދިޔަ ތިން މީހަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.
ސަރުކާރުގެ އަމާޒަކީ ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ މިއޮޕަރޭޝަން ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ފުޅާކޮށް ކުރުމެވެ. އަދި ބިދޭސީންގެ މައްސަލަތައް ތިން އަހަރުގެތެރޭ ޖުމްލަ ހައްލެއް ގެނައުމަކީވެސް ސަރުކާރުގެ އަމާޒެކެވެ.