ފުޓްބޯޅަ އެސޯސިއޭޝަނުގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް ޖިނާޢީ އިތުރު 2 ދަޢުވާއެއް ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި ބައްސާމުގެ މައްޗަށް އުފުލަނީ ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާއާއި މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާއެވެ. ބައްސާމުގެ މައްޗަށް ޚިޔާނާތެރިވުމުގެ ދަޢުވާއަކާއި މަނީލޯންޑަރިންގެ ދައުވާއެއް ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައިވެސް ކޮށްފައެވެ. މި ދެ މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ވަނީ ފަށާފައެވެ.
ބައްސާމުގެ މައްޗަށް ކުރެވޭ ޚިޔާނާތުގެ ދެވަނަ މައްސަލަ ސާބިތު ވެއްޖެނަމަ 1 އަހަރާއި 6 މަހާއި 7 ދުވަޖހުގެ މުއްދަތުގެ ޖަލުހުކުމެއް އަންނާނެއެވެ. އަދި މަނީ ލޯންޑަރިންގެ މައްސަލަ ސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތެއްގެ ޖަލު ހުކުމަކާއި އެކު 100,000 ރުފިޔާއާއި 1,000,000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
އަދި ހަމަ އެއާއެކު ޚިޔާނާތާއި ގުޅިގެން އެފް.އޭ.އެމްއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖުމްލަ USD1,200,000 އެއް މިލިއަން ދެލައްކަ އެމެރިކާ ޑޮލަރު ބައްސާމު ޢަދީލް ޖަލީލްގެ އަތުން ނަގައި ދިނުމަށާއި އެފްއޭއެމްގެ ފައިސާއިން ބައްސާމު ގަނެފައިވާ އަމީން އެވެނިއު އެޕަރޓްމަންޓް A1205 އަދި A1206 ދައުލަތަށް ނަގައިދިނުމަށްވެސް ޕީޖީން ވަނީ ކޯޓުގައި އެދިފައެވެ.
ބައްސާމު އަމީން އެވެނިއު އިން ގަނެފައިވާ 2 އެޕާޓްމަންޓް ފުލުހުންނާއި ހަވާލުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ކުރިން ހުކުމް ކޮށްފައެވެ. ކްރިމިނަލް ކޯޓުން ކުރި ހުކުމާއި އެއްގޮތަށް ފުލުހުން އެ ދެ އެޕާޓްމަންޓާއި ހަވާލުވެފައިވާއިރު، އެޕާޓްމަންޓް އަތުލި މައްސަލަ ބައްސާމު ހައިކޯޓަށް ހުށަހެޅުމުން އެމައްސަލަ ހައިކޯޓުން ވަނީ ބޭރުކޮށްލާފައެވެ.