Saturday 18th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކޮލަމް

ރައީސް މުއިއްޒު ކުރެއްވީ ރިއެކްޓް، ދެއްކެވީ ތަފާތު!

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދުގެ މައްޗަށާއި އަދި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު ވެސް ހިމެނޭހެން ކުންފުނީގެ ސީނިއާ މެނޭޖްމަންޓްގެ ބައެއް އިސްވެރިންގެ މައްޗަށް ކުރެވެމުންދާ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކާއިއެކު ފެންނަމުން މިދަނީ މުޅިން ތަފާތު ކަންތައްތަކެކެވެ. މިއީ ރާއްޖޭގެ ކުންފުންޏެއްގެ ވެރިއެއްގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތެއް ކުރެވުނު ފުރަތަމަ ފަހަރެއް ނޫނެވެ. އަމިއްލަ މަންފާ އާއި އެހެން މީހުންނަށް މަންފާ ހޯދައި ދިނުމުގެ އެތައް މައްސަލައެއް ފެށުނީއްސުރެ ފެންނަމުން ދެއެވެ.

ބޮޑު އިސްޓޯރާއި، އެފްޕީއައިޑީ އާއި އެއާމޯލްޑިވްސް އާއި އެމްއެމްޕީއާރްސީ އާއި ފެނަކަ އާއި އާރްޑީސީގެ ފަދަ ކިތަންމެ ކުންފުންޏެއްގެ ނަން ހިމަނައިގެން ކޮރަޕްޝަންގެ ބޮޑެތި ކަންކަން ކުރި ކުންފުނިތަކުގެ ލިސްޓް ދިގު ކުރެވިދާނެއެވެ. ނަމަވެސް ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ވެރިޔަކު ކުންފުނި ދޮވެލައިގެން ދާއިރު ވެސް އެއިން މީހެއްގެ މައްސަލަ އެންމެ ކުޑަމިނުން އިދާރީ ގޮތުން ވެސް ބެލި، ފިޔަވަޅެއް އެޅިފައެއް ނެތެވެ. މަދުފަހަރަކު އެއިން މީހަކަށް ފިޔަވަޅެއް އެޅުނަސް އެފިޔަވަޅެއްގެ ފަހަތުގައި އޮންނަނީ ކުންފުންޏެއްގެ ވެރިޔަކު ސިޔާސީ ބާރު ހޯދަން މަސައްކަތް ކުރުމުން އެވެރިޔަކު ދުއްވާލަން ކުރި ކަމަކާއެވެ.

ނިމިގެން ދިޔަ އެމްޑީޕީގެ ސަރުކާރުގައި ހަމައެކަނި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވި އަހްމަދު ސައީދުގެ އެތައް ސަތޭކަ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުމުން އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަމުރު ކުރީ އޭސީސީގެ މެންބަރުން މަގާމުން ވަކިކުރާށެވެ. ރައީސް އިބޫ ބޭނުންވި ގޮތައް އޭސީސީގެ މެންބަރުން ވަކިކޮށް، އެމްޑީޕީގެ ގޮނޑިކޮއްކޮއިން ތިބި ތަނަކަށް އޭސީސީ ބަދަލުކޮށް ވެރިކަން ނިންމާލީ ރައީސް އިބޫ ފެނަކައިގެ ހުރިހާ ކޮރަޕްޝަން މައްސަލަތަކެއް ހިފަހައްޓަވައިގެން އިންނަވައިގެންނެވެ. ކުންފުނި ހަތަރު ބިލިއަން ރުފިޔާ އިން ދަރުވާލައި، އެފައިސާ އިން ޖީބު ބޮޑު ކުރީ ރައީސް އިބޫ އާއި އެމްޑީ ސައީދު އާއި އެމްޑީޕީގެ ވެރިންނާއި އެކްޓިވިސްޓުންނެވެ.

އާރްޑީސީގެ ތިޖޫރި ތިން ހަތަރު ފަހަރަށް ގެއްލުމުން ފޮރެންސިކް ފުލުހުން ކޮންމެ ފަހަރަކު ގޮސް ފޮޓޯއެއް ނަގާލައިގެން މައްސަލަ ނިންމާލީއެވެ. އެމްޑީޕީގެ މަޖިލިސް މެންބަރުންނާއި، އެމްޑީޕީގެ އެކްޓިވިސްޓުންގެ ވިޔަފާރިތަކުން ދުވަހު ކުއްޔަށް ދިހަވަރަކަށް ހާސް ރުފިޔާއަށް އެކްސްކަވޭޓަރު ފަދަ ވެހިކަލްތައް ކުއްޔަށް ނަގާ އެއިން މެނޭޖިން ޑިރެކްޓަރު މޫސާ އަލީމަނިކު (މޫކޭ) އަށް ބައި އެޅޭ ގޮތައް ކަންކަން ކުރަމުން ގެންދިޔަ ކަމުގެ ޝަކުވާ ފުލުފުލުގައި ސަރުކާރަށާއި، އޭސީސީއަށް ހުށަހަޅަމުން ދިޔައިރު ވެސް އެއިން އެންމެ މައްސަލައެއްގެ ފައިލް ވެސް ސަރުކާރުން ހުޅުވާނުލިއެވެ.
އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ކަމުގައި އާދަމް އާޒިމް ހުންނަވައިގެން ހިންގި އެމްޓީސީސީގެ ބަސް ޕްރޮޖެކްޓުން އެކަނި 222 މިލިއަން ރުފިޔާ "ދިރުވާލިއެވެ." އެޚަބަރު މީޑިއާގައި އެހުރީ ރިޕޯޓް ކޮށްފައެވެ. އާދަމް އާޒިމްގެ މައްޗަށް ތުހުމަތު ކުރެވޭ މިފަދަ އެތައް މައްސަލައެއްގެ ރިޕޯޓް ކޮށްފައި ވެއެވެ. ބޮޑު ހިލަ އިން ފެށިގެން ގޮސް ވެލި އަޅަން ބޭނުން ކުރާ ގޯންޏަށް ދާންދެން ކޮންމެ އެއްޗަކުން އާދަމް އާޒިމް ދިޔައީ "ހިތުހުރި ވަރަކަށް ކަމުންނެވެ." ނަމަވެސް އެއިން އެންމެ މައްސަލައެއްގެ ސުރުހީ ވެސް ސަރުކާރުން އަޅައެއް ނުލިއެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމުގައި އަހްމަދު އާތިފް ހުންނަވައިގެން ހުޅުމާލޭގައި އާންމު ބައެއް ކުންފުނިތަކުން ތަރައްޤީކޮށްފައިވާ މިކްސް ރެޒިޑެންޝަލް ޔުނިޓުތައް އެޗްޑީސީގެ އިސްވެރިންގެ މެދުގައި ބަހާލަން ނިންމާ އަދި އެއިން އެޕާޓްމަންޓެއް ހުދު އާތިފް ހޯދި ހޯދުން އެއީ އެންމެ މައްސަލަ އެކެވެ. ހުޅުމާލޭގެ ފިތުރޯނު މަގަށް ބެލި ނަމަވެސް ކަންނެލި ޖެޓީއަށް ބެލި ނަމަވެސް، ބީޗް ފްރަންޓަށް ބެލި ނަމަވެސް ބިންތައް ބަހާލީ ކިހިނެއް؟ ކާކަށް؟ ކޮންކަމަކަށްކަން އެނގޭނެ ގޮތެއް ނެތެވެ. މިހުރިހާ ކަމެއް ކުރަމުން ދިޔައިރު ވެސް ރައީސް އިބޫ ހުންނެވީ އެވެ.

ފެނަކަ، އާރްޑީސީ، އެމްޓީސީސީ، އެޗްޑީސީ ފަދަ އެތައް ކުންފުންޏެއްގެ މައްޗަށް ކުރެވުނު ކޮރަޕްޝަންގެ ތުހުމަތުތަކާއި ގުޅިގެން ރައީސް އިބޫ އާއި ހަމައަށް ދިޔަ ކޮންމެ ޝަކުވާއެއް "އެހެންތޯ؟ އަޅުގަނޑު ބަލާލާނަން." ކަމަށް ވިދާޅުވެ "ފައިލް" ކުރައްވަމުން ގެންދެވީއެވެ. ފިޔަވަޅެއް ނޭޅިތާނގައި "ހިރުވާ ކަންފަތް ކަހާވެސް ނުލިއެވެ." ރައީސް އިބޫ ރިއެކްޓް ނުކޮށް އޮންނެވީއެވެ.

ނަމަވެސް މިއަދު މަންޒަރު ބަދަލުވެއްޖެއެވެ. އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ފަޒުލް ވަޑައިގެން އެމަގާމާއި އޭނާ ހަވާލުވެ ވަޑައިގަތުމަކީ ވެސް ސިޔާސީ ގޮތުން އެއީ ކިހާ ބާރުގަދަ ބޭފުޅެއްކަން ދޭހަކޮށްދޭ ކަމެކެވެ. ފާއިތުވި ދިހަ އަހަރު ޕީޕީއެމް، ޕީއެންސީގައި އިސްކޮށް ފަޒުލް މަސައްކަތް ކުރެއްވެވިއެވެ. ހާއްސަކޮށް ފާއިތުވި ފަސް އަހަރު ޕީއެންސީ/ޕީޕީއެމްގެ މަދު މަޖިލިސް މެންބަރުންގެ ތެރޭގައި ހިމެނިގެން އިދިކޮޅު މެންބަރެއްގެ ގޮތުގައި އަދި ރައީސް މުއިއްޒު ވެރިކަމަށް ގެނައުމަށް ވެސް މަސައްކަތްތަކެއް ކުރައްވާފައި އޮންނާނެއެވެ.

ނަމަވެސް ފަޒުލްގެ މައްޗަށް ވެސް ތުހުމަތެއް ކުރެވުމުން އެތުހުމަތު ބެލުމުގައި ރައީސް މުއިއްޒު ފަހަތައް ޖެހިވަޑައެއް ނުގެންނެވިއެވެ. މީގެ ކުރިން ވެރިންގެ މައްޗަށް މިފަދަ ތުހުމަތެއް ކުރެވުމުން ކަންވާގޮތަކީ އޭސީސީއަށް މައްސަލަ ފޮނުވާ، އެމައްސަލައިގެ ތަހްގީގު ކުރިއަށް ނުގެންގޮސް މައްސަލަ އެންމެފަހުން "މަރާލަނީއެވެ." ނަމަވެސް މިފަހަރު ތަފާތަކީ ފުލުހުންނާއި މައްސަލައިގެ ތަހްގީގު ހަވާލުކޮށް ހެކި ނައްތާލަން ވެސް ފުރުސަތެއް ނުދީ ތަހްގީގު ފަސްވަނަ ގިޔަރުގައި ކުރިއަށް ގެންދިއުމެވެ. ވަގުތުން ފުލުހުން އެޗްޑީސީއަށް ވަދެ މައްސަލައިގެ ހެކި ހޯދިއެވެ.

ވައްކަން ހުއްޓުވުމަށް، ނުގަވައިދުން ކަމެއް ކޮށްފައި އޮތްނަމަ އެކަން ބަލާނެ ކަމަށް މީގެ ކުރިން ވެސް ރައީސުން ވިދާޅުވެއެވެ. ނަމަވެސް ރާއްޖޭގައި ސަރުކާރު ހިއްސާވާ ކުންފުނިތައް އުފައްދައިގެން ވިޔަފާރި ކުރާތާ ބައި ގަރުނު ވެގެން ދިޔައިރު އަދި މިހާތަނަށް ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ހުރިހާ ޑިރެކްޓަރުންނާއި ކުންފުނީގެ މަތިފަޑި އެއްކޮށް ސަސްޕެންޑްކޮށް މިހާ ފުޅާ ތަހްގީގެއް ހިންގި މަންޒަރެއް ނުފެނެއެވެ.
ކޮރަޕްޝަނަކީ ނައްތާލަން އުނދަގޫ ވަބާއެކެވެ. ސިންގަޕޫރު ފަދަ ގައުމުތަކުގައި ވެސް އެންމެ އިސްވެރިންގެ ތެރޭގައި ހިމެނޭ ބޭފުޅުން ވެސް ކޮރަޕްޝަންގެ އަމަލުތައް ހިންގައެވެ. ނަމަވެސް ކޮރަޕްޝަން ނެތް ގައުމުތަކުގެ ލިސްޓްތަކުގެ އެންމެ މަތިން ޖާގަ ހޯދަނީ ކޮރަޕްޝަނާއި ދެކޮޅަށް އަޅާ ވަރުގަދަ، ހަރުދަނާ، އަވަސް ފިޔަވަޅުތަކުގެ ސަބަބުންނެވެ.
އެޗްޑީސީގެ ފެންމަތިވެގެން އުޅޭ މައްސަލައިގައި ރައީސް މުއިއްޒު އެޅުއްވި ފިޔަވަޅުތަކަކީ ކޮރަޕްޝަން ހިންގަން ރައީސް މުއިއްޒުގެ މަދަދާއި އެހީ ނުލިބޭނެ ކަމުގެ ފުރިހަމަ ހެއްކެކެވެ. ކޮރަޕްޝަންގެ އަމަލެއް ހިންގުމަށްފަހު އެކަމުން ރެކެން ތިމާގެ ސިޔާސީ ބާރުވެރިކަން ބޭނުން ކުރުމުގެ ފުރުސަތު ނެތްކަމުގެ ސާފު މެސެޖް މިއޮތީ ލިބިފައެވެ. މިއީ ސަރުކާރު ހިއްސާވާ ކޮންމެ ކުންފުންޏެއްގެ ކޮންމެ މެނޭޖިން ޑިރެކްޓަރަކަށް އަދި ޑިރެކްޓަރުންގެ ބޯޑުގައި ތިއްބެވި ކޮންމެ ޑިރެކްޓަރަކަށް ވެސް ވަރަށް ސާފުކޮށް އެނގޭނެ މެސެޖެކެވެ.
މި ލިއުމާއި ގުޅޭ