ދުނިޔޭގެ ގިނަ ޤައުމުތަކެކޭ އެއްފަދައިން ދިވެހިރާއްޖޭގައި ވެސް ގައިން ގަޔަށް ނާރާ ބަލިތައް ނުވަތަ ނޮން-ކޮމިއުނިކަބަލް ޑިޒީޒް (އެންސީޑީ) ގިނަ ބަޔަކު ދަނީ ތަހައްމަލުކުރަމުންނެވެ. ދިރާސާތަކުން ދައްކަނީވެސް އެ ބަލިތައް ދުވަހުން ދުވަހަށް އިތުވަމުން އަންނަތަނެވެ. މި ކުޑަ ގައުމުގައި ނިސްބަތުން މިފަދަ ބަލިތައް ގިނަވެ މި ބަލިތަކުގައި މި ދުނިޔެ ދޫކޮށްދާ މީހުންގެ އަދަދު ގިނަވަމުން އަންނަކަމަކީ އަހަރެމެން ވިސްނަން ޖެހޭ ކަމެކެވެ. މިއީ ޤައުމީ ފެންވަރުގައި ހައްލު ކުރުމަށް މަސައްކަތް ކުރަން ޖެހޭ ބޮޑު މައްސަލައެކެވެ. ކުޑަ މަސައްކަތެއް ކޮށްލައިގެންވެސް މި ބަލިތަކުން ސަލާމަތް ވެވިދާނެއެވެ. އެގޮތުން މި ބަލިތަކުގެ ތެރޭގައި ހިމެނޭ ޑައިބެޓީސް، ހިތުގެ ބަލިތައް އަދި ލޭމައްޗަށް ދިއުންފަދަ ބަލިތަކަކީ ރަނގަޅު ކާނާއާއި ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކޮށްލައިގެން ވެސް ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިދާނެ ބަލިތަކެކެވެ.
މިފަދަ ބަލިތަކަކީ އާންމުކޮށް ދިގު މުއްދަތަކަށް ދެމިގެންދާ، އަދި ޖެނެޓިކް، ފިޒިއޮލޮޖިކަލް، ތިމާވެށީގެ އަދި އާދަކާދައިގެ ސަބަބުތަކުގެ މައްޗަށް ބިނާވެގެންވާ ބަލިތަކެކެވެ.
ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފައިވާގޮތުގައި މިފަދަ ބަލިތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރަނީ ދަށް އަދި މެދުމިންވަރުގެ އާމްދަނީ ލިބޭ ޤައުމުތަކުގެ މީހުންނަށެވެ. މިގޮތުން ދުނިޔޭގައި މިފަދަ ބަލިތަކުގެ ސަބަބުން މަރުވާ މީހުންގެ ތެރެއިން ހަތަރުބައިކުޅަ ތިންބައި ނުވަތަ (31.4 މިލިއަން) މީހުން ނިސްބަތްވަނީ މި ޤައުމުތަކަށްކަމަށް އެ ޖަމުއިއްޔާއިން ވަނީ ބުނެފައެވެ.
މިފަދަ ބަލިތައް ރާއްޖޭގައި ދުވަހުން ދުވަހަށް އިތުވަމުން އަންނަ އެއް ހެއްކަކީ ޒަކާތު ހައުސްއިން އެންމެ ފަހުން އާއްމުކުރި ތަފާސް ހިސާބުތަކަށްބަލާއިރު ނިމިދިޔަ ނޮވްމެންބަރު މަހުގެ ތެރޭގައި ބޭސްފަރުވާ ކުރުމަށް 61 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު އެންމެ ގިނަ އެހީ ދިނީ ކެންސަރާއި، ހިތުގެ އޮޕަރޭޝަނަށެވެ. އާސަންދަ އާއި އެންސްޕާ އިން ވަކިވަކި ބަލިތަކަށް ކުރަމުންދާ ހޭދަ އާއްމު ނުކުރާތީ އެތަންތަނުން ވަކިވަކި ބަލިތައް ތަހައްމަލް ކުރަމުންދާ މީހުންނަށް ކުރާ ހޭދަ ސާފެއް ނުވެއެވެ.
ޒަކާތު ފަންޑުން މިހާ ގިނަ އަދަދެއްގެ ފައިސާ ކޮންމެ މަހަކުވެސް މިފަދަ ބަލިތަކަށް އެހީގެ ގޮތުގައި ދެއެވެ. އެގޮތުން އެންމެ ގިނައިން އެހީ ދީފައިވަނީ ކެންސަރު ބައްޔަށްކަން ފާހަގަކޮށްލެވެއެވެ.
2018 ވަނަ އަހަރުގެ ތެރޭގައި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ކުރިއަށްގެންދިޔަ "ނޭޝަންލް ފުޑް ބޭސްޑް ޑަައެޓަރީ ގައިޑްލައިން" އާބެހޭ މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. މޫސާ މުރާދު ވިދާޅުވީ ރާއްޖޭގައި ޒުވާން އުމުރުގައި ތަފާތު ގައިންގަޔަށް ނާރާ ބަލިތަކުގައި މަރުވާ ނިސްބަތް އިތުރުވެފައިވާކަމަށެވެ. އެގޮތުން ރާއްޖޭގައި މީހުން މަރުވާ ނިސްބަތަށް ބަލާއިރު 70 އިންސައްތަ މީހުން މަރުވަނީ ގައިންގަޔަށް ނާރާ ބަލިތަކުގައިކަމަށް އޭނާ އޭރު ވިދާޅުވިއެވެ.
ރާއްޖޭގައި އާންމުކޮށް މީހުން މަރުވާ ބަލިތަކުގެ ތެރޭގައި ލޭ މައްޗަށްދިއުމާއި، ހަކުރު ބައްޔާއި، ހިތުގެ ބަލީގެ އިތުރުން ސްޓްރޯކާއި، ކެންސަރު ފަދަ ބަލިތައް ހިމެނެއެވެ. ގައިން ގަޔަށް ނާރާ ބަލިތައް އިތުރުވުމަށް ދިމާވާ ސަބަބުތަކުގެ ތެރޭގައި ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކާއި، ކެއިންބުއިމުގެ އާދަތަކަށް އައިސްފައިވާ ބަދަލުތައް ހިމެނެއެވެ. އެގޮތުން ދުންފަތުގެ އިސްތިއުމާލުކުރުމާއި ހަކުރު ގިނައިން އަޅާފައި ހުންނަ ބުއިންތައް ބޭނުންކުރުމަކީ ވެސް ހަށިގަނޑަށް ގެއްލުންވެ މިފަދަ ބަލިތަކަށް ހުށަހެޅޭކަމެކެވެ.
އަހަރެމެން އެންމެންވެސް ދިރިއުޅޭ ވައްޓަފާޅި މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. މީގެ ކުރިއާ އަޅާބަލާއިރު ދިރިއުޅުމުގެ ހުރިހާ ކަމެއްވެސް ވަރަށް ބޮޑަށް ބަދަލުވެއްޖެއެވެ. ހަރަކާތްތެރިވެ އުޅޭ މިންވަރު މަދުވެއްޖެއެވެ. ހިނގައި ބިގާވެ ހެލިފެލިވެ އުޅޭ މިންވަރުވެސް ވަރަށް ބޮޑަށް މަދުވެއްޖެއެވެ. ގެއިން ޖެހިގެން ހުންނަ ކަންމަތީ ފިހާރައަށްވެސް ދެވެނީ ސައިކަލުގައެވެ.
މިފަދަ ވައްޓަފާޅިއެއް އަހަރެމެންނަށް ގެންގުޅެވެނީ މިއީ ކިހާ ބޮޑު ނުރައްކަލަކަށް ހުށަހެޅޭ ކަމެއްކަންވެސް ނޭނގޭ ހާލުގައެވެ. ގައި ގަޔަށް ނާރާ ބަލިތައް އިތުރު މިވަނީ މިފަދަ ދިރިއުޅުމުގެ އާދަތަކާހެދީކަން ވިސްނައިނުލެވެއެވެ.
2016 ވަނަ އަހަރު ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކަޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. އަރްވިންދް މާތޫރު ވިދާޅުވީ، ގައިންގަޔަށް ނާރާ، ނުވަތަ ދިރިއުޅުމުގެ އާދަކާދައިގެ ސަބަބުންޖެހޭ ބަލިތައްކަމަށްވާ ހިތުގެ ބަލިތަކާއި، ލޭމައްޗަށް ދިއުން، ހަކުރު ބަލި އަދި ކިޑްނީގެ މައްސަލަތަކަކީ ރާއްޖޭއަށް ކުރިމަތިވެފައިވާ ބޮޑު މައްސަލައެއްކަމަށެވެ.
އޭނާ ވިދާޅުވީ ގައިން ގަޔަށް ނާރާ ބަލިތަކަކީ ދިރިއުޅުމުގެ އާދަކާދައިގެ ސަބަބުން ޖެހޭ ބަލިތަކަށްވުމުން މިފަދަ ބަލިތައް އިތުރުވާ މިންވަރު މަދުކުރުމަށް ފަސޭހަވާނެކަމަށެވެ.
ދިރިއުޅުމުގެ ވައްޓަފާޅި ރަނގަޅުކުރުމަށްޓަކައި ކަސްރަތުކުރުމާއި ރަނގަޅު ކާނާ ކެއުމުގެ އާދަ އަށަގެންނެވުމަށް ސްކޫލް ދައުރުން ފެށިގެން ތަފާތު ޙަރަކާތްތައް ކުރިޔަށް ގެންދިއުމާއި ކުޅިވަރު ކުޅުމަށް ޒުވާނުންނަށް ބާރު އަޅާ، ދުވަސްވީ މީހުންގެ މެދުގައިވެސް ކަސްރަތާއި ހެލިފެލިވެ އުޅުމުގެ އާދަ އަށަގެންނެވުމަށް މިހާރަށް ވުރެން ބޮޑަށް މަސައްކަތްކުރަން އެބަޖެހެއެވެ.
ފަސްޓް ފުޑް އަދި ޕްރޮސެސްޑް ކާނާގެ ބޭނުން މިންވަރު މިއަދު މިވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ހެދި ބޮޑުވަމުން އަންނަ ކުދިން އެންމެ ތުއްތު އިރުންފެށިގެން ކަނީ މިފަދަ ކާނާއެވެ. މިހާރަކަށް އައިސް ބައެއް ކުދިން އެފަދަ ކާނާ ނޫނީ ނުކާ ފަހަރުވެސް އާދެއެވެ. މިއީ އަންނަން އޮތް ޖީލަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެކެވެ.
މި ވަގުތަކީ ހަކުރު ގިނަ ބުއިންތަކާއި ސިއްހަތަށް ގެއްލުން ހުރި ލުއި ކާނާތައް ބޭނުން ކުރުން މަދު ކުރަންވީ ވަގުތެވެ. ދައުލަތުގެ ފެންވަރުގައިވެސް މި މަސައްކަތް ފެށުމަކީ މިއަދު ކޮންމެހެންވެސް ކުރަން ޖެހޭ ކަމެކެވެ.
މީގެ ވިއްސަކަށް އަހަރު ކުރިއާ އަޅާ ބަލާއިރު ނިދުމާއި ހޭލުމުގެ އާދަތަކަށްވެސް މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ނިދަނީ ދަންވަރުއެވެ. ހޭލަނީ މެންދުރުއެވެ. މިއީ ސިއްހީ ގޮތުންވެސް އެންމެ ރަނގަޅު ގޮތެއް ނޫނެވެ.
ނިދުމާއި ހޭލުމުގެ ރަނގަޅު އާދަތައް އަށަގެންނެވުމަށް އެންމެވެސް މަސައްކަތް ކުރަން އެބަ ޖެހެއެވެ. ސްކޫލުތަކުންނާއި އެނޫންވެސް ތަންތަނުން ދަރިވަރުންނަށް އެކަމަށް ހޭލުންތެރިކުރުވަން އެބަ ޖެހެއެވެ. މި ކަންކަން ރަނގަޅު ކުރުމަކީ ކިހާ މުހިއްމު ކަމެއްކަން ކުދިންނަށް ވިސްނައިދޭން އެބަ ޖެހެއެވެ.
ތަޖުރިބާކާރުން ވިދާޅުވާގޮތުގައި ގައިން ގަޔަށް ނާރާ ބަލިތައް އިތުރުވުމުގައި މައިގަނޑު ތިން ސަބަބެއް ހިމެނެއެވެ. އެއީ ދުންފަތުގެ އިސްތިއުމާލުކުރުމާއި، ހެލިފެލިވެ އުޅުން ކުޑަވުން އަދި ހަށިގަނޑަށް ފައިދާ ހުރި ކާނާ ކެއުން މަދުވެފައި އެނަޖީ ޑްރިންކް ފަދަ ގެއްލުން ހުރި އެއްޗެހި ބޭނުންކުރުން އާއްމުވުމެވެ.
2016 ވަނަ އަހަރު ގްރޭޑް އެކެއްގެ ދަރިވަރުންގެ ހެލްތު ސްކްރީންކުރި ދިރާސާގައި އެއްކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން ބެލެނިވެރިންގެ 43 ޕަސެންޓް މީހުން ދުންފަތުގެ އިސްތިއުމާލުކުރެއެވެ.
ދިރާސާތައް ބުނާގޮތުން ދުންފަތުގެ އިސްތިއުމާލުކުރުމަކީ ކުއްލިއަކަށް ހިތް ހުއްޓިގެން މަރުވުމުގެ ފުރުސަތު ބޮޑުވާ ކަމެކެވެ. އޭގެ ތެރޭގައި، ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނާއި ނުސީދާކޮށް ދުމުގެ އަސަރުކުރާ މީހުން ވެސް ހިމެނެއެވެ.
ދުންފަތުގެ ސަބަބުން ލިބޭ ގެއްލުމުގެ ބޮޑުކަމުން، ދުންފަތް ކޮންޓްރޯލުކުރުމަށް މަގުކޮށުމުގެ ގޮތުން ދުންފަތުގެ އުފެއްދުންތައް ބަންދު ކޮށްފައި ހުންނަ ފޮށީގެ ބޭރުގައި ގްރެފިކް ހެލްތު ވޯނިން ނުވަތަ އިންޒާރުގެ މަންޒަރުތައް ގިނަކޮށް، ވަކިން ސިނގިރެޓް ނުވިއްކޭ ގޮތަށް ދުންފަތާ ބެހޭ ގަވާއިދެއް 2017 ވަނަ އަހަރު ވަނީ އެކުލަވާލައިފައެވެ.
ދިވެހިރާއްޖެއަށް ބަލާއިރު ކެންސަރަށް މަގުފަހިކޮށްދޭ އެންމެ ބޮޑު ސަބަބަކީ ދުންފަތެވެ.
ދުންފަތުގެ ގެއްލުމާއި އޭގެއިން ހަށިގަނޑަށް ކުރާ ނޭދެވޭ އަސަރު ވީހާ ވެސް ބޮޑަށް އެނގޭ ގޮތަކަށް މަންޒަރާ އެކު ވިއްކަން ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އާއި ރާއްޖެ ބައިވެރިވެފައިވާ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ މުއާހަދާތަކުން ވެސް ބާރު އަޅައެވެ.
ރައީސް އޭރު ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލު އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަރައްގީކޮށް އެތަނުގައި ދެވޭ ޚިދުމަތްތައް ރަނގަޅުކޮށް އެ ހޮސްޕިޓަލުގެ ތެރޭގައި ކެންސަރ ބައްޔަށް ދުނިޔޭގެ ފެންވަރުގެ އެންމެ ރަނގަޅު ޚިދުމަތްދެވޭ ނިޒާމު އެމަނިކުފާނު ގާއިމުކުރައްވާނެކަމަށެވެ.
ދުންފަތަކީ އެންސީޑިތަކުގެ ތެރެއިން ރާއްޖޭގައި އެންމެ ގިނަ ބަލިކަމަށްވާ ކެންސަރަށް ވަރަށް ބޮޑަށް މަގުފަހިކުރާ އެއްޗެއްކަން އެންމެންނަށްވެސް އެނގެއެވެ.
ދުންފަތް ކޮންޓްރޯލުކުރުމުގެ މަސައްކަތް ކުރުމަށްޓަކައި ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ (ޑަބްލިއުއެޗްއޯ)ގެ ޓީމެއް ދިވެހިރާއްޖޭގައި ހަރަކާތްތެރިވަމުން އަންނަކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް މި މަހުގެ ހަތް ވަނަ ދުވަހު ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް މަދުކޮށް އެ ބަލިތައް އަވަހަށް ދެނެގަނެގެން، ފަރުވާ ދިނުމަށްޓަކައި މި ސަރުކާރުން ވަނީ ޕްރޮގްރާމެއް ފަށާފައެވެ. އެގޮތުން ޕްރައިމަރީ ހެލްތު ކެއަރ ޕްރޮގްރާމް މިއަހަރުގެ ތެރޭގައި ފަސް އަތޮޅެއްގައި ކުރިއަށް ގެންގޮސްފައިވެއެވެ.
2025 ވަނަ އަހަރު މުޅި ރާއްޖެއަށް ފުޅާކުރުމަށް ނިންމާފައިވާ މި ޕްރޮގްރާމުގައި ބަލިވުމުގެ ކުރިން ރައްކާތެރިވުމަށް މުޖުތަމަޢު ހޭލުންތެރި ކުރުމުގެ މަސައްކަތް ކުރާނެއެވެ.
ޞިއްހީ ދާއިރާއާ ގުޅޭގޮތުން ސަރުކާރުން ގެންގުޅުއްވާ އަމާޒަކީ ބަލި ޖެހުމުގެ ކުރިން ބަލިން ރައްކާތެރިވެ ތިބޭ ބަޔަކަށް ދިވެހިން ހެދުންކަމަށް ވެސް މިނިސްޓަރު ނާޒިމް ވަނީ ވިދާޅުވެފައެވެ.
މި މަހުގެ 12 ވަނަ ދުވަހު އުނގޫފާރު ރިޖަނަލް ހޮސްޕިޓަލްގައި އެމްއާރުއައިގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ ބަލި ޖެހުމުގެ ކުރިން ބަލިން ރައްކާތެރިވެ ތިބޭ ބަޔަކަށް ދިވެހިން ހެދުމުގެ ސިޔާސަތުގެ ދަށުން ޕްރައިމަރީ ހެލްތު ކެއަރ ނުވަތަ އިބްތިދާއީ ސިއްޙީ ޚިދުމަތުގެ ނިޒާމު ރަށްރަށުގައި ގާއިމުކުރާ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ.
"ޕްރައިމަރީ ހެލްތު ކެއަރ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތް ދަނީ ކުރަމުން. 2025 ނިމުމުގެ ކުރިން ޕްރައިމަރީ ހެލްތު ކެއަރ ނިޒާމު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގާއިމްކުރެވޭނެ. އޭރުން ދުޅަހެޔޮ މުޖުތަމައެއް ގާއިމްކުރުމަށް ކުރަމުންދާ މަސައްކަތަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ." މިނިސްޓަރު ވިދާޅުވިއެވެ.
ގައިން ގަޔަށް ނާރާ ބަލިތައް ދެނެގަތުމަށް ކުރަން ޖެހޭ މުހިއްމު އެއްކަމުގެ ތެރޭގައި ހެލްތް ޗެކަޕް ހިމެނެއެވެ. މިކަމަށް ބާރު އެޅުމުގެ ގޮތުން އާސަންދަ ސްކީމުގެ ދަށުން ދިވެހިންނަށް އަހަރަކު ދެފަހަރު މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމް މި ސަރުކާރުން މިހާރު ވަނީ ހަމަ ޖައްސައިދީފައެވެ.
ރަނގަޅު ޞިއްޙަތަކީ ކޮންމެ މީހަކަށްވެސް ލިބިފައިވާ އަގުހުރި އަމާނާތެކެވެ. ޞިއްޙީގޮތުން ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް އެންމެންވެސް މަސައްކަތްކުރަން އެބަޖެހެއެވެ. ފަރުދީ ލެވެލްގައެވެ. ޖަމުއިއްޔާ ޖަމާޔަތްތަކުގެ ލެވެލްގައެވެ. ދައުލަތުގެ މިނިސްޓްރީތަކާއި ދައުލަތުގެ ލެވެލްގައެވެ. ސަރުކާރާއި ޞިއްޙީ ދާއިރާގެ މާހިރުންނާއި އަދި މުޖުތަމަޢުގެ އެންމެހައި ފަރާތްތަކުގެ އެއްބާރުލުމާއެކު، ގައިން ގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވެ، ދުޅަހެޔޮ ޞިއްޙަތެއްގައި ދިރިއުޅެވޭނެ މާޙައުލެއް ޤާއިމުކުރެވޭނެއެވެ. ގައިން ގަޔަށް ނާރާ ބަލިތައް އިތުރުވުން ހުއްޓުވަން އެބަ ޖެހެއެވެ. މިއީ ޞިއްޙީ ދުޅަހެޔޮ އާދަތައް އަށަގަންނުވާންވީ ވަގުތެވެ.