ރާއްޖޭގައި އިސްލާމިކް ޑިޖިޓަލް އެސެޓް ސެންޓަރެއް ގާއިމު ކުރުމަށް އެމްއެމްއޭ އިން ނިންމައި އެކަމަށް ބޭނުންވާ ދިރާސާއެއް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ.
އެމްއެމްއޭ އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެމްއެމްއޭ އިން ގެޒެޓް ކޮށްފައިވާ އާރްއެފްޕީއާއި އެއްގޮތަށް، ރާއްޖޭގައި އިސްލާމިކް ޑިޖިޓަލް އެސެޓް ސެންޓަރެއް ގާއިމުކުރުމަށް ދިރާސާއެއް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ޑިސެމްބަރ 24 ވަނަ ދުވަހުގެ 11:00 ގެ ކުރިން [email protected] އަށް އީމެއިލްކޮށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ޑިސެމްބަރ 29 ވަނަ ދުވަހުގެ 11:00 ގެ ކުރިން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އެމްއެމްއޭ އިން ވަނީ އެދިފައެވެ.
ރާއްޖޭގައި އިސްލާމިކް ޑިޖިޓަލް އެސެޓް ސެންޓަރެއް ގާއިމުކުރުމުގެ ފްރޭމްވޯކެއް ބިނާކޮށްދޭނެ ފަރާތެއް ހޯދަން އެމްއެމްއޭ އިން މިމަހުގެ 01 ވަނަ ދުވަހު އިއުލާން ކުރިއެވެ. އެކަމަށް ބިޑް ހުށަހެޅުން އޮތީ މިމަހުގެ 10 ވަނަ ދުވަހު އެވެ.
އެމްއެމްއޭ އިން ބުނާ ގޮތުގައި ޑިޖިޓަލް އެސެޓް ސެންޓަރެއް ރާއްޖޭގައި ޤާއިމު ކުރުމުގެ މަގްސަދަކީ ޝަރީއާ ހުއްދަކުރާ ޑިޖިޓަލް އެސެޓް މައި ހަބަކަށް ރާއްޖެ ހެދުމެވެ.