Wednesday 19th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބަންޑާރަނައިބު އޮފީސް

އިބޫގެ ސަރުކާރުން ބިލިއަނުން ބަދަލުދިން ނުވަ އެއްބަސްވުމެއް ބާތިލްކޮށްފި

ނިމުނު އެމްޑީޕީ ސަރުކާރުން އަމިއްލަ ފަރާތްތަކަށް ބަދަލު ދިނުމުގެ ނަމުގައި އުފެއްދި ސެޓްލްމަންޓް ކޮމިޓީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ އަމުރަށް ގާނޫނާ ޚިލާފަށް ބަދަލު ދިނުމަށް ހަދާފައިވާ ނުވަ އެއްބަސްވުމެއް ބާތިލް ކުރުމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް އަންގަވައިފިއެވެ. ބާތިލް ކުރި އެއްބަސްވުންތަކުގެ ސަބަބުން ސީދާ ދައުލަތައް ގެއްލުން ލިބޭ ފައިސާގެ އަދަދެއް ހާމަނުކުރި ނަމަވެސް އެއަދަދު އެތައް ބިލިއަން ރުފިޔާއަކަށް އަރާނެ ކަމަށް ބެލެވެއެވެ.

އެކަމާ ގުޅިގެން އޭޖީ އޮފީހުން ނެރުނު ބަޔާނުގައި ބުނީ "ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ޙައްލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު"ގެ ދަށުން ސޮއިކޮށްފައިވާ 9 އެއްބަސްވުމަކީ ބާތިލް އެއްބަސްވުން ތަކެއް ކަމުގައި ކަނޑައަޅައި, އެ އެއްބަސްވުންތަކަށް ޢަމަލުކުރަން ނުޖެހޭ ކަމަށް ނިންމަވައިފައިވާ ކަމަށެވެ. އަދި އެ އެއްބަސްވުންތައް ބާތިލް ކުރުމަށް ކަމާބެހޭ ދައުލަތުގެ އިދާރާތަކަށް މިއަދު އޭޖީ ވަނީ އަންގަވާފައެވެ.

އުސޫލުގެ ދަށުން ސޮއިކޮށްފައިވާ އެއްބަސްވުންތަކާއި ގުޅޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާ ކުރުމަށްފަހު، އެ އެއްބަސްވުންތަކަކީ އުފެދުމުގައިވެސް ބާތިލް އެއްބަސްވުންތަކެއް ކަމަށް އެ ކޮމިޓީއަށް ފެންނާތީ، އެ އެއްބަސްވުންތައް ބާތިލްކުރުމަށް ގާނޫނީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށާއި، އެ އުސޫލާއި އެއްބަސްވުންތަކުގެ ދަށުން އެއްވެސް ބަދަލެއް ދީފައިވާނަމަ، އެ ބަދަލެއް އަނބުރާ ހޯދުމުގެ ކަންކަން ކުރުމަށާއި، މިކަމުގައި ހިމެނޭ ފަރާތްތަކުގެ މައްޗަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ބަންޑާރަނައިބަށާއި ކަމާއި ގުޅުންހުރި އިދާރާތަކަށް ދެންނެވުމަށް ފެންނަކަމަށް ނިންމައި، ރައްޔިތުންގެ މަޖިލީހުން އޭޖީ އޮފީހަށް އަންގަވާފައިވެއެވެ.

އޭޖީ އޮފީހުން ބުނީ މި މައްސަލަތައް ދިރާސާކުރިއިރު، އެމްޑީޕީގެ ސަރުކާރުން ބަދަލު ދިނުމަށް ހެދި އުސޫލަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ޤާނޫނާ ޚިލާފަށް އެކުލަވާލާފައިވާ އުސޫލެއްކަމާއި، އެ އުސޫލުގެ ދަށުން ނިންމާފައިވާ ނިންމުންތަކާއި ސޮއިކޮށްފައިވާ ސެޓްލްމަންޓް އެއްބަސްވުންތަކަކީ، ދައުލަތުގެ އޮޑިޓާ ޖެނެރަލްގެ ބަހެއް ނެތި، ތައައްސުފީ ގޮތެއްގައި، ވަކި ފަރާތްތަކަކަށް ނުޙައްޤު މުއްސަނދިކަމެއް ލިބޭގޮތަށް ނިންމާފައިވާ ނިންމުންތަކެއް ކަން ފާހަގަކުރެވިފައި ވާކަމަށެވެ.

"އެހެންކަމުން، އެ އުސޫލުގެ ދަށުން، ނިމިދިޔަ ރިޔާސީ ދައުރުގެ ތެރޭގައި ސޮއިކޮށްފައިވާ އަންނަނިވި 9 ސެޓްލްމަންޓް އެއްބަސްވުމަކީ، ގާނޫނީ ގޮތުން ބަނދެވޭ އެއްބަސްވުންތަކެއް ނޫންކަމާއި، އެއީ ބާޠިލް އެއްބަސްވުންތަކެއް ކަމާއި، އެ އެއްބަސްވުންތަކަކީ ޢަމަލުކުރަންނުޖެހޭ އެއްބަސްވުންތަކެއް ކަން ކަމާބެހޭ ދައުލަތުގެ އިދާރާތަކަށް ބަންޑާރަނައިބު ވަނީ މިއަދު އަންގަވާފައެވެ," ބަޔާނުގައި ވެއެވެ.

ބަދަލުގެ ގޮތުގައި ސީދާ ފައިސާ ދޭން ނިންމާފައިވާ ކުންފުނިތައް:

  • - ދީބާޖާ - 64 މިލިއަން ރުފިޔާ
  • - ޔޫމެޓް ކޮންސްޓްރަކްޝަން - 26 މިލިއަން ރުފިޔާ
  • - އަމްސަން އެންޑް ފުޑް ބެވަރޭޖް - 5.1 މިލިއަން ރުފިޔާ

ބަދަލުގެ ގޮތުގައި ކުއްޔާއި ޖޫރިމަނާ މާފުކޮށް ދިނުމާއި ފަޅު ރަށްތައް ދޫކުރުން އަދި އެއްބަސްވުންތައް އާކުރުމަށް ހަދާފައިވާ ސެޓްލްމަންޓްތައް:

  • - ލެޝާ ބީޗް ފެރީ ޕްރައިވެޓް ލިމިޓެޑް - ވ. ފޮއްތެޔޮބޮޑުފުށި ކުއްޔަށް ދިނުމަށް ހަދާފައިވާ އެއްބަސްވުން އާކުރުން
  • - އެގްޒޯޓިކް ޕްރޮޮޕަޓީޒް - ނ. ރާފުށީގެ ބަދަލުގައި ނ. އެކުޅިވަރު 99 އަހަރަށް ދިނުން އަދި އެ ރަށް ތަރައްގީކުރަން ހަ އަހަރު ދިނުން. ކުރީގެ އެގްރިމަންޓާ ގުޅިގެން ދައްކަން ޖެހޭ ފައިސާ މާފުކޮށްދިނުން.
  • - ކްލިއަ ސޭންޑްސް - ތ. ވަންބަދި ކަނި އަދި ފުށި މި ރަށްތައް 50 އަހަރަށް ދީ ތަރައްގީކުރަން ފަސް އަހަރު ދިނުން. ގެއްލުމުގެ ބަދަލުގެ ގޮތުގައި އއ. މާފަރުފަޅު 50 އަހަރަށް ކުއްޔަށް ދީ ތަރައްގީކުރަން ހަތް އަހަރު ދިނުން.
  • - ބްލޫ ލެގޫން - އއ. މަޑޫގަލި އެ ކުންފުންޏަށް 50 އަހަރަށް ދިނުން. ބަދަލުގެ ގޮތުގައި 20 މިލިއަން ޑޮލަރު ނުދީ އޭގެ ބަދަލުގައި ރ. ވިލިނގިލި، ތާވަތާ އަދި އޮރިމަސްވަރު 50 އަހަރަށް ދިނުން.
  • - ތްރީއޭ ކުންފުނި - ހދ. ހޮޑާފުއްޓަށް ދައްކަން ޖެހިފައިވާ ކުއްޔާއި ޖޫރިމަނާ މާފުކޮށްދިނުން އަދި އެ ރަށް 50 އަހަރަށް ކުއްޔަށް ދޫކުރަން އާ އެއްބަސްވުމެއް ހެދުން.
  • - ޖޭއެޗް ރިސޯޓްސް - ހދ. ކުޑަމުރައިދޫ 50 އަހަރަށް ކުއްޔަށް ދޫކުރުން އަދި ކުރީގެ އެއްބަސްވުމުން ދައްކަން ޖެހޭ ކުއްޔާއި ޖޫރިމަނާ ދައްކަން ނުޖެހޭ ގޮތަށް ހެދުން.

ރައީސް އިބޫގެ ވެރިކަމުގެ ކުރީ ކޮޅުގައި ވަކި އުސޫލެއް ނެތި ބަދަލުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ އެކި ކުންފުނިތަކަށް ދޫކުރުމަށްފަހު، ވެރިކަމުގެ ފަހުކޮޅުގައި ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކާ ގުޅޭ މައްސަލަތައް ހައްލުކުރުމުގައި އަމަލުކުރާނެ އުސޫލެއް އެކުލަވައިލާ، އެ އުސޫލުގެ ދަށުން ބަދަލު ދިނުމަށް ސެޓުލްމެންޓު ކޮމިޓީއެއް އެކުލަވައިލިއެވެ. އަދި ވެރިކަން ނިމެން މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށް އަވަސް އަރުވާލައިގެން އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް މިފަދަ އެއްބަސްވުންތައް ހަދާފައިވާކަން އެނގެން އެބަ އޮތެވެ.

މި ސެޓުލްމެންޓު ކޮމިޓީންވަނީ ފަައިސާއާއި ހަރުމުދަލުން ބަދަލުގެ ގޮތުގައި ބިލިއަނަކަށްވުރެ ގިނަ ރުފިޔާގެ އަގުހުރި ބަދަލުތައް ހަމަޖައްސާފައެވެ. ރައްޔިތުންގެ މަޖިލީހުން މިހާރު ވަނީ މިކަމުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގުމަށް ޕީޖީ އޮފީހަށް ލަފާ ދިނުމަށް ފާސްކޮށްފައެވެ.

އޭގެތެރޭގައި ހިމެނެނީ, ކުރީގެ ރައީސް އިބޫ އާއި, ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަލީ ސިޔާމް އަދި, ސެޓްލްމަންޓް އެގްރީމަންޓް ތަކަށް ވާސިލް ވުމުގައި އިސް ދައުރެއް އަދާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އެ ކޮމިޓީ ވަނީ އުވާލާފައެވެ. ބަންޑާރަ ނައިބުގެ އޮފީހުން މީގެކުރިން ބުނެފައިވާ ގޮތުގައި އެމްޑީޕީ ސަރުކާރުން ގިނަ މައްސަލަ ތަކުގައި ބަދަލު ދީފައިވަނީ ގާނޫނާ ހިލާފަށެވެ. އެކަމަށް ޚާއްސަ ޓީމެއް އެކުލަވާލައި އެ މައްސަލަތައް ދިރާސާ ކުރުމުގެ މަސައްކަތް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އެ ކޮމިޓީ ވަނީ އުވާލާފައެވެ.

މި ލިއުމާއި ގުޅޭ