ދަރިވަރުންގެ އުމުރާ ނުގުޅޭ ވާހަކަދައްކައި ކުދިންތަކެއް ގްރޫމްކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހައްޔަރުކުރި ޓީޗަރު ބަންދުން ދޫކޮށްލައިފިއެވެ.
އެ މައްސަލައާ ގުޅިގެން 29 އަހަރުގެ ޓީޗަރު އޮކްޓޯބަރު 27 ގައި ކޯޓު އަމުރެއްގެ ދަށުން ވަނީ ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ފުރަތަމަ ހާޒިރުކުރުމުން އަމުރުކޮށްފައިވަނީ 20 ދުވަހަށް ބަންދު ކުރުމަށެވެ. ދެވަނަ ފަހަރަށް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވެއެވެ.
މީޑިއާތަކަށް ފުލުހުން މިއަދު ފޮނުވި މެސެޖެއްގައި ބުނީ އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރުތުތަކަކާއެކު އޭނާ ދޫކޮށްލާފައިވާ ކަމަށެވެ.
މައްސަލައިގެ ތަހުގީގު ނިންމައި ނޮވެމްބަރު 25 ވަނަ ދުވަހު އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ވަނީ މީގެކުރިން ބުނެފައެވެ.
"ދިޔަރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ރަށުގެ ސްކޫލުގައި ދިވެހި ކިޔަވައިދޭ ޓީޗަރު ދަރިވަރުން ގްރޫމް ކުރާތާ އެތައް އަހަރެއް ވަނީ ވެފައެވެ.