ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ކޮށްފައިވާ ދައުވާ ހައި ކޯޓުން ބޭރުކޮށްލުމުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ.
ފުރަތަމަ ޕީޖީ އޮފީހުން އެ މައްސަލަ ހުށަހެޅުމުން، ޖިހާދުގެ އެޑްރެސްއަށް ޗިޓު ފޮނުވި ނަމަވެސް ރާއްޖެއިން ބޭރުގައި ހުންނެވުމުން އޭނާއަށް ޗިޓު ރައްދު ނުކޮށްދެވޭތީ އަލުން ހުށަހަޅަން 15 ދުވަހުގެ ފުރުސަތެއް ދިނުމަށް ފަހު މައްސަލަ ފޮނުވާލީއެވެ.
ޖިހާދު އެނބުރި ރާއްޖެ ވަޑައިގަތުމުން ޕީޖީ އޮފީހުން ވަނީ ދެވަނަ ފަހަރަށް މައްސަލަ ހުށަހަޅާފައެވެ. އެ ސަބަބަށްޓަކައި، ކޯޓުން ދިން މުއްދަތުގައި މައްސަލަ އަލުން ހުށަހެޅުމަށް ހުރަހެއް ކުރިމަތިވެފައިވާ ކަން ބަޔާންކޮށް، މުއްދަތު އިތުރުކޮށްދިނުމަށް ޕީޖީއޯއިން އެދުނު ނަމަވެސް މުއްދަތު ފާއިތުވި ފަހުން ހުށަހެޅުމުން މައްސަލަ ރަޖިސްޓްރީ ނުކޮށްދޭނެ ކަމަށް ރަޖިސްޓްރާގެ ނިންމުމުގައިވެއެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް، ޕަބްލިކް ޕްރޮސިކިއުޓާ އަހުމަދު ޝަފީއު "ދިޔަރެސް" އަށް މިއަދު ވިދާޅުވީ ޖިހާދުގެ މައްސަލަ މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވާ ކަމަށެވެ. އެ މައްސަލަ ބަލައިގަތުމާ މެދު ސުޕްރީމް ކޯޓުން އަދި ވަކި ގޮތެއް ނުނިންމައެވެ.
ޖިހާދުގެ މައްޗަށް ދައުވާ އުފުލާފައިވަނީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު ސަރުކާރުގެ ނިންމުމާ ޚިލާފަށް އެއްބަސްވުމެއް އެކުލަވައިލި މައްސަލައިގައެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރެއްވުމުގެ ކުށުގެ ދައުވާއެވެ.
ސްޕެޝަލް ޓޫރިސްޓު ޒޯނެއްގެ ގޮތުގައި ފުށިދިއްގަރު ފަޅު ތަރައްގީ ކުރުމަށް، ކެބިނެޓުން އޭރު ނިންމީ ސަރުކާރުގެ %50 ހިއްސާވާ ގޮތަށް ޖޮއިންޓް ވެންޗާ އެއްބަސްވުމެއް ހެދުމަށެވެ. ނަމަވެސް ފިނޭންސް މިނިސްޓަރުގެ ހައިސިއްޔަތުން ޖިހާދު ސޮއިކުރެއްވީ ސަރުކާރުގެ %25 ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް ހެދުމަށެވެ.