ޝައްކު ކުރެވޭ ކަންތައްތަކާއެކު ކ. ގުރައިދޫގައި 4 މަހުގެ ކުއްޖަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
އެކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ ގްރޫޕުގައި ނޫސްވެރިއަކު ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކ. ގުރައިދޫގައި 4 މަހުގެ ތުއްތު ކުއްޖަކު ނިޔާވި މައްސަލަ މިއަދު ފުލުހުންނަށް ރިޕޯޓު ކޮށްފައި ވާ ކަމަށެވެ.
އަދި އެ ކުއްޖާގެ ހަށިގަނޑުގެ އޮޓޮޕްސީއެއް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމުގައިވެސް ފުލުހުން ވަނީ ބުނެފައެވެ.
ގުރައިދޫ މީހަކު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ކުއްޖާ ނިޔާވެފައި އޮއްވާ ފެނުނީ ރޭ މެންދަމު 2:00 އާއި 3:00 އާ ދެމެދުގެ ވަގުތެއްގައި ކަމަށެވެ. އަދި ނިޔާވެފައި އޮތް އިރު ތުއްތު ކުއްޖާގެ ނޭފަތުން ލޭ އައިސްފައިވާ ކަމަށާއި، ކުއްޖާ ފެނުނު ގެއާއި އެ ސަރަހައްދު ފުލުހުން ތަހުގީގަށް ބަންދުކޮށްފައިވާ ކަމަށްވެސް ޕޯސްޓުގައި ވެއެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.