Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސީޕީ އަލީ ޝުޖާ

އަލިފާނުގެ ހާދިސާގެ ތަހުގީގަށް ބޭރުގެ އެހީ ހޯދަނީ

ސަރުކާރުގެ ތިން މިނިސްޓްރީއެއް ހިންގަމުން ދިޔަ އިމާރާތުގައި ރޯވެ، ހިނގި އަލިފާނުގެ ހާދިސާ ތަހުގީގު ކުރުމަށް ރާއްޖެއިން ބޭރުގެ އެހީ ހޯދަން ނިންމާފައިވާ ކަމުގައި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.

މި ހާދިސާ އާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސީޕީ ވިދާޅުވީ ހާދިސާ ހިނގައި ދިޔަ ގޮތުގެ ފުރިހަމަ ތަހުގީގެއް ފުލުހުން ކުރާނެ ކަމަށެވެ. އަދި މިފަދަ ބޮޑު ހާދިސާއެއް ހިނގައިދިޔަ ގޮތް ރައްޔިތުންވެސް އިނގެން ބޭނުންވާނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައި މިފަދަ ހާދިސާތަކުން ރައްކާތެރި ވުމަށްޓަކައިވެސް މިފަދަ ތަހުގީގުތަކުން ލިބޭ މައުލޫމާތު މުހިންމުވާނެ ކަމުގައި ގަބޫލު ކުރައްވާ ކަމަށް ސީޕީ ވިދާޅުވިއެވެ.

"މި ތަހުގީގުގައި އަޅުގަނޑުމެން ރާއްޖެއިން ބޭރުގެ ޓީމެއްގެ އެހީތެރިކަން ހޯދާނަން. އަދި އެކަން ވީހާވެސް އަވަހަކަށް ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި އެޓީމް އަޅުގަނޑުމެންގެ އިންވެސްޓިގޭޝަން ޓީމާ އެއްކޮށް މަސައްކަތް ކުރެވޭނެ މިންވަރަށް ކަންތައްތައް ކުރިއަށް ގެންދިއުމަށްޓަކައި ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކާ ގުޅިގެން މަސައްކަތް އެބަ ކުރަން." ސީޕީ ވިދާޅުވިއެވެ.

މިހާރު ކުރެވެމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި ވާހަކަދައްކަވަމުން ސީޕީ ވިދާޅުވީ ފުލުހުންގެ ފޮރެންސިކް ޓީމު މިހާރުވެސް ސައިޓުގައި ހަރަކާތްތެރިވަމުންދާ ކަމަށާއި، ސާމްޕަލް ނެގުމުގެ މަސައްކަތުގެ އިތުރުން، އެ ތަނުގެ ވަށައިގެން ހުރި ސީސީޓީވީ ފުޓޭޖްތައް ނަގައި އެނަލައިޒް ކުރަމުންދާ ކަމަށެވެ.

މީގެއިތުރުން، އެންމެ ފުރަތަމަ އެ މަންޒަރު ދުށް މީހުންގެ ބަޔާންތައް ނެގުމުގެ މަސައްކަތްވެސް ކުރެވެމުންދާ ކަމަށާއި، އެވަގުތު އެތަނުގައި ތިބި ބައެއް ފަރާތްތަކާއި، މި ހާދިސާގެ މައުލޫމާތު އެންމެ ފުރަތަމަ ލިބޭނެ ކަމަށް ގަބޫލު ކުރެވޭ ފަރާތްތައް ހޯދައި އެ މީހުންނާ ސުވާލު ކުރުމުގެ މަސައްކަތްވެސް ކުރިއަށް ދާކަން ސީޕީ ފާހަގަ ކުރެއްވިއެވެ.

ރާއްޖެއިން ބޭރުގެ ބަޔަކާ ގުޅިގެން ތަހުގީގު ފެށުމުން، މިކަން ހިނގައި ދިޔަ ގޮތުގެ އިތުރު މައުލޫމާތު ދެނެގަނެވި، ރައްޔިތުންނަށް އިތުރު މައުލޫމާތު ފޯރުކޮށްދެވޭ މިންވަރަށް މަސައްކަތްތައް ކުރިއަށްދާނެ ކަމުގައި ޝުޖާއު ވަނީ ވިދާޅުވެފައެވެ.

މި ލިއުމާއި ގުޅޭ