ހައުސިން މިނިސްޓްރީ ހުންނަ އިމާރާތުގައި މިއަދު ހެނދުނު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 29 މީހަކު ވަގުތީ ހިޔާތަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި ނެޝެނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީން ބުނެފިއެވެ.
މިއަދު ހެނދުނު 6:25 ހާއިރު، ރޯވި އެ އިމާރާތަކީ ދައުލަތުގެ ތިން ވުޒާރާއެއް ހިންގަމުން އަންނަ އިމާރާތެކެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރަމަންޓް މިނިސްޓްރީވެސް ހިންގަނީ އެ އިމާރާތުގައެވެ.
އެ އިމާރާތުގައި ވަރަށް ބޮޑަށް ރޯވެ، އަނދައި ހުލި ވެފައިވާއިރު، އެ ސަރަހައްދަށް އެވަގުތު ދުމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވެއެވެ.
އެންޑީއެމްއޭއިން ވަނީ ހާދިސާގެ ސަބަބުން އެހީ ބޭނުންވާ ފަރާތްތަކަށް ސޯޝަލް ސެންޓަރުގައި އިމަންޖަންސީ އިވެކިއުއޭޝަން ސެންޓަރެއް ގާއިމްކޮށް އެ ފަރާތްތަކަށް ބޭނުންވާނެ ޒަރޫރީ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރުކޮށްފައެވެ. ހާދިސާއާ ގުޅިގެން 50 މީހުން އެހީތެރިކަމަށް އެދި ގުޅާފައިވީ ނަމަވެސް އާއިލާތައް އެދުމުގެ މަތިން ވަގުތީގޮތުން އެފަރާތްތައް ތިމާގެ ގޭގެއަށް ބަދަލުކޮށްފައިވާކަމަށް އެ އިދާރާއިން ބުނެއެވެ.
ގެއްލުން ލިބުނު އިމާރާތްތަކުގެ ރެޕިޑް އެސެސްމަންޓްއެއް ހެދުމަށް ފަހު އެ ތަންތަނަށް މީހުން ބަދަލުވާން ރައްކާތެރިނަމަ އާއިލާތައް ބަދަލުކުރަން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.
އެ އިދާރާއިން އެންމެ ފަހުން އާންމުކުރި މައުލޫމާތަށް ބަލާއިރު، ތިން އިމާރާތެއްގެ ހަތް ގޭބިސީއަކުން 29 މީހުން ވަގުތީ ހިޔާތަކަށް ބަދަލުކުރުމުގެ މަސައްކަތް މިވަގުތު ދަނީ ކުރަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 15 ފިރިހެނުންނާއި 14 އަންހެނުން ކަމަށާއި، ސިއްޚީ ހާއްސަ އެހީތެރިކަން ބޭނުންވާ ފަރާތެއްވެސް ހިމެނޭ ކަމަށް މައުލޫމާތުދެއެވެ.
އެންޑީއެމްއޭއިން ބުނީ މި ހާދިސާ އާ ގުޅިގެން ފެނާއި ކަރަންޓު ކެނޑިފައިވާ އިމާރާތްތަކަށް ފެނާއި ކަރަންޓު އަލުން ގުޅައިދިނުމުގެ ޚިދުމަތް ސްޓެލްކޯ އާއި އެމްޑަބްލިއުއެސްސީ އާ ގުޅިގެން ކުރަމުންދާ ކަމަށެވެ.