Wednesday 19th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައްޔިތުންގެ މަޖިލީސް

އޭޖީ އޮފީސް ސިވިލް ސާވިސްއިން ވަކިކުރާ ބިލު ބަލައިގެންފި

ބަންޑާރަ ނައިބުގެ އޮފީސް، ސިވިލް ސާވިސްގައި ނުހިމެނޭ، ސަރުކާރުގެ ވަކި އޮފީހެއްގެ ގޮތުގައި ހެދުމަށް ހުށަހެޅި ބަންޑާރަ ނައިބުގެ އޮފީހުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއުއެވެ.

މިއަދުގެ ޖަލްސާގައި ބިލު މަޖިލީހަށް ބަލައިގެންފައިވަނީ ވޯޓުގައި ބައިވެރިވި 65 މެންބަރުންގެ އިއްތިފާގުންނެވެ.

ބަންޑާރަ ނައިބުގެ އޮފީސް މިހާރު ހިންގަމުންދަނީ ސިވިލް ސާވިސްގެ ދަށުންނެވެ. މީގެ އިތުރުން އެ އޮފީހުގެ މަސައްކަތްތައް ރޭވިފައިވާ ގޮތާއި، އެ އޮފީސް ހިންގުމާގުޅޭ އުސޫލުތަކާއި، އެ އޮފީހުގެ މުވައްޒަފުންނާ ގުޅޭ އެންމެހާ އުސޫލުތައް ކަނޑައެޅުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލުންވެސް ބިލްގައި ހިމެނެއެވެ.

ބަންޑާރަ ނައިބުގެ މަގާމުގައި ހުންނަ މީހަކު ކޮށްގެން ނުވާނެ ކަންކަންވެސް މި ބިލުގައި ބަޔާންކޮށްފައިވާއިރު، އޭގެތެރޭގައި ވިޔަފާރިއެއް ހިންގުމުގައި އަމަލީގޮތުން ބައިވެރިވުން ނުވަތަ އާމްދަނީއެއް ހޯދުމަށް ފަންނީ މަސައްކަތެއްގައި ޝާމިލްވުން ނުވަތަ އާމްދަނީއެއް ލިބޭފަދަ އެއްވެސް ފަރާތެއްގެ ވަޒީފާއެއް އަދާ ކުރުން ހިމެނެއެވެ.

އަދި، ދައުލަތުގެ މުދަލާއި ބިން ގަނެ ނުވަތަ ކުއްޔަށް ނުހިފޭނެ ކަމަށާއި، ދައުލަތާއި އެހެން އެއްވެސް ފަރާތަކާ ދެމެދު ކުރެވޭ މުއާމަލާތެއްގައި ބަންޑާރަ ނައިބުގެ މާލީ އެއްވެސް މަސްލަހަތެއް ނުބޭއްވޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ. ބިލުގައި ބުނެފައިވާ ގޮތުގައި ކޮންމެ އަހަރަކު އެއް ފަހަރު، ބަންޑާރަ ނައިބު އޭނާގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަސްލަހަތުތަކާއި އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ ބަޔާނެއް އޮޑިޓާ ޖެނެރަލްއަށް ހުށަހަޅަން ވާނެއެވެ. އެއީ ގާނޫނު އަސާސީގައި ބުނާ ވަޒީރުންގެ ޝަރުތުތަކުގެ ތެރޭގައި ވެސް ހިމެނޭ ކަންކަމެވެ.

މީގެއިތުރުން، ބަންޑާރަ ނައިބުގެ އޮފީހުގެ މުވައްޒަފުން ބެހިގެންވަނީ ދެ ބަޔަކަށެވެ. އެއީ ލީގަލް ސާވިސް އަދި އެޑްމިނިސްޓްރޭޓިވް ސާވިސްއެވެ.
މި ލިއުމާއި ގުޅޭ