"އެމްޑީޕީ" އުފެދި ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމާއި ދެކޮޅަށް ކުރި މުޒާހަރާތަކުގައި ފުލުހުންނާއި އާއްމުންނަށް ދިން އަނިޔާތައް ހަނދާން ހުރި މީހުން އަދިވެސް ތިބޭނެއެވެ. ދުންފިނި ހިޔާގައި އެމްޑީޕީން ހަރުގެ ހަދައިގެން ބާއްވަން ފެށި ޖަލްސާތަކުން ފުރަތަމަ ވެސް ހިތްވަރު ދިން އެއްކަމަކީ ބާރުގެ ބޭނުން ކޮށްގެން ނަމަވެސް ރައީސް މައުމޫންގެ ވެރިކަން ވައްޓާލުމެވެ. މިއީ ބަޔަކު ހަދަހަދައިގެން ދައްކާ ވާހަކައެއް ނޫނެވެ. 19 އަހަރުވީ އެމްޑީޕީގެ ތާރީޚުގައި ލިޔެވިފައިވާ ހަޤީޤަތެވެ.
ދިވެހިރާއްޖޭގެ ޑިމެކްރޮސީގެ ހަޔާތުގައި 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހަކީ ފާހަގަކޮށްލެވޭ ދުވަހެކެވެ. ގާނޫނު އަސާސީ އާއި ހިލާފަށް ފަނޑިޔާރަކު ހިފައި ހައްޔަރުކޮށް އެއްވެސް ކޯޓަކުން ކުރި އަމުރަކަށް ތަބާނުވެ ފަނޑިޔާރު ނިޒާމުން ގެއްލުވާލި މައްސަލައިގައި ޖުމްހޫރީ މައިދާނަށް ފުލުހުންނާއި ސިފައިން ސަރުކާރާ ދެކޮޅަށް ނިކުތުމުން ރައީސް ނަޝީދު އިސްތިއުފާ ދެއްވިއެވެ. އިސްތިއުފާ ދެއްވިކަން ހާމަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އިސްތިއުފާ ދެއްވީ އެމަނިކުފާނު އިތުރަށް ރައީސް ކަމުގެ މަގާމުގައި ދެމި ހުންނަވައިފި ނަމަ ރާއްޖޭގެ ރައްޔިތުންނަށާއި ގައުމަށް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށް ގަބޫލުކުރެއްވިގެން ކަމަށެވެ.
ޖެހިގެން އައި ފެބްރުއަރީ އަށް ވަނަ ދުވަހު ދަރުބާރުގޭގައި ބޭއްވި އެމްޑީޕީގެ 100 ވަނަ ގައުމީ މަޖިލިސް ބައްދަލުވުމުގައި ވެރިކަން ވައްޓާލީ ބަޣާވާތަކުންކަމަށް ފާސްކުރިއެވެ. އަދި އެ ބައްދަލުވުމަށްފަހު ރައީސް ނަޝީދު މުޒާހަރާއަށް ނިކުތުމަށް އެމްޑީޕީގެ ސަޕޯޓަރުންނަށް ގޮވާލިއެވެ. ރައީސް ނަޝީދާއި އެމްޑީޕީގެ އޭރުގެ ލީޑާޝިޕްގެ އިސްބޭފުޅުން ހިމެނޭހެން އެމްޑީޕީގެ ސަޕޯޓަރުން އެމްއެމްއޭ ކައިރީގައި ކުރި މުޒާހަރާ ފުލުހުން ބާރުގެ ބޭނުންކޮށްގެން ރޫޅާލިއެވެ. އޭރު އައްޑޫ ސިޓީ އާއި ގދ. ތިނަދޫގެ ބައެއް ރަށްރަށުގައި ތިބި އެމްޑީޕީގެ މެންބަރުން އެ ރަށްރަށުގެ ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖަހައި ތަކެއްޗަށް ގެއްލުން ދިނުމުގެ މަސައްކަތް އޮތީ ފަށާފައެވެ. މި ހަދިސާގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބުނީ އައްޑޫ ސިޓީ އާއި ގދ. ތިނަދުއަށެވެ. އެދުވަހު ލިބުނު ގެއްލުންތަކުން އަދިވެސް މިއުޅެނީ އަރައި ނުގަނެވިގެންނެވެ. އެގޮތުން އެ ހާދިސާގައި ގެއްލުން ލިބު ތަންތަނުގެ ތެރޭގައި ހިމެނެނީ:
ފުލުހުންގެ ވެހިކަލްތައް އަންދާ އަޅިއަށް ހަދައި، ފުލުހުން ބޭނުންކުރަމުންދިޔަ ފޯނާއި ލެޕްޓޮޕްފަދަ އަގުބޮޑު މުދަލާއި ފުލުހުންގެ އަންނައުނު ވެސް ހުޅުޖަހައި އަންދާފައިވެއެވެ.
އެމްޑީޕީގެ މިހަރުކަށި، އަނިޔާވެރިކަމާއި ގާތް ސިފަ އައީ ތަކުރާރު ވަމުންނެވެ. "އަނިޔާވެރިކަން ނިންމަން" ކަމަށް ބުނެ އެމްޑީޕީއާއި އަދާލަތު ޕާޓީ ގުޅިގެން 2015 ވަނަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު މާލެ މަގުމަތީ މުޒާހަރާ ކުރިއެވެ. އަނިޔާވެރިކަން ނިންމަންކަމަށްބުނެ ކުރި މޭޑޭ މުޒާހަރާގައި އެކަނިވެސް ކުށެއް ނެތް އެތައް ބަޔަކަށް އަނިޔާވެގެން ދިޔައެވެ. މޭޑޭ މުޒާހަރާގައި ރައްޔިތުން ލައްވައި ގޯސް ހެދުމަށްފަހު އެ މުޒާހަރާގައި އިސްކޮށް ހުންނެވި އެމްޑީޕީގެ އޭރުގެ ޗެއާޕާސަން އަލީ ވަޙީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާނު އަބްދުﷲ މައިދާނުން ފިއްލެވީއެވެ.
އޭރު ވެރިކަމުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސްތަށިފުޅުގައި ޤަތުލުތަކެއްގެ އިލްޒާމު އެޅުއްވިއެވެ. ކުރީ ސަރުކާރުގެ ވެރިންނާމެދު ރުޅިވެރިކަމާއި ނަފުރަތު އުފެދޭ ގޮތަށް އިމްރާން އަދި އެމްޑީޕީ އިން އެ ދުވަހު ދެއްކެވި ވާހަކަފުޅުގެ ސަބަބުން އެތަނުގައި ފުލުހުންނަށް ހަމަލާދީ ފުލުހަކު ބިންމައްޗަށް ވައްޓައިލާ އޭނާ ގައިގައި ތަޅައި ބޮޑެތި ހަމަނުޖެހުންތަކެއް ހިންގާފައިވެއެވެ. ފުލުހުންގެ ތެރެއަށް ބާރު ސްޕީޑްގައި ޕިކަޕެއް ދުއްވާފައި ގޮސް ޖެއްސުމުން ފުލުހުންތަކަކަށް އަނިޔާވިއެވެ.
ދެން އިއްޔެ އާއި މިއަދު އެންމެ އަޑުގަދަކޮށް ދެކެވޭ އެއް ވާހަކައަކީ ކުރީގެ ރައީސް މުހައްމަދު އަމީން ދީދީ "ހަވަރަށް ދިން" ފަދައިން ރައީސް ޑރ.މުހައްމަދު މުއިއްޒަށް ވެސް އެހެން ހަދަން ޖެހިދާނެ ކަމަށް ދެއްކި ވާހަކައެވެ. އެމްޑީޕީ އިން "ގާނޫނުއަސާސީގެ ދިފާއުގައި" ނަމުގައި ހދ.ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ވާހަކަ ދެއްކި އަބްދުއްރަހްމާން އިސްމާއިލް ކިޔާ މީހަކު މުހައްމަދު އަމީނަށް ހެދިހެން ރައީސް މުއިއްޒަށް ހަދަން ޖެހޭ ކަމަށް ބުނެ އިންޒާރުދީފައެވެ. "އަމީން ކުޅުއްވީ ދުންފަތާ" ކަމަށާއި ރައީސް މުއިއްޒު "ކުޅުއްވަނީ ގާނޫނުއަސާސީއާ" ކަމަށް އޭނާ ބުނެ ރައީސް މުއިއްޒަށް މަރުގެ އިންޒާރު ދިނުން އެމްޑީޕީއިން ކުރީ ދިފާއުއެވެ.
އެމްޑީޕީއިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަނީ ޓެރަރިޒަމަށް ތާއިދުކޮށް "ރައްޔިތުންނަށް ދެރަ ދިނީމަ ހަމަ މުހައްމަދު އަމީނަށް ހެދިހެން ހަދަން ޖެހޭނީ، އެހެން ކޮން ގޮތެއްތޯ ހަދާނީ" ކަމަށް ވިދާޅުވެ އިންޒާރު ދީފައެވެ.
ފައްޔާޒްގެ އަމާޒަކީ އެމްޑީޕީ މެންބަރުންނަށް ހިތްވަރު ދީގެން 08 ފެބްރުއަރީ އަނެއްކާވެސް ތަކުރާރު ކުރުން ކަމަށް ވެދާނެއެވެ. ނުވަތަ ދެވަނަ މޭ ޑޭއެއް ގެނެސް ފުލުހުންތަކަކަށް އަނިޔާކޮށް ކޮންމެވެސް ބަޔަކު ލޭކައްކުވާލުން ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. އެއީ ފައްޔާޒަށް ވެރިކަން ހޯދަން ހިނގަން އޮންނަ މަގު ކުރުކޮށްލާ، އެމްޑީޕީގެ އެކްޓިވިސްޓުންގެ ތާއިދު ހޯދަން ދައްކާ ވާހަކައެއްކަމަށް ވުން ވަރަށް ގާތެވެ.
މުހައްމަދު އަމީނަށް ހެދި ގޮތް އެއީ ދިވެހި ތާރީހްގައި އޮތް ފަހުރުވެރި ވާހަކައެއް ނޫނެވެ. ރައީސަކު ހަވަރަށްދީ ދެތިން ގަޑިއިރުން ޝަރީއަތެއް ހިންގާ ކުށް ސާބިތުކޮށް އަރުވާލާ އަދި އެކަށީގެންވާ ބޭސްފަރުވާއެއް ނުދީ އެރައީސް އަވަހާރަކޮށްލި ކޮށްލުން އިތުރަށް ތަކުރާރު ކުރަން ފައްޔާޒް އާއި އެމްޑީޕީން ކިތަންމެ ބޭނުންވި ނަމަވެސް މިއަދު އެތާރީޚް އިޔާދައެއް ނުކުރެވޭނެއެވެ. އަނިޔާވެރިކަމާއި، ލާއިންސާނިޔަތުކަމާއި، ނާއިންސާފަށް ދިވެހިން ނޫނެކޭ ބުނެފިއެވެ. އެދުވަސް ތަކުރާރުކޮށް ހަންމުށިން ވެރިކަން ހޯދައި ވެލާނާގެ އިބްރާހިމް ދީދީ ވެރިކަމުގެ ބާރު ހޯދައިގެން ކުޑަ ކޮމެޓީއަކުން ވެރިކަން ކުރަން ފައްޔާޒް އާއި އެމްޑީޕީން ކިތަންމެ ބޭނުންވި ނަމަވެސް އެކަމެއް ދެން މިއަދަކު ނުވާނެއެވެ.
އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީން ވެސް މިއަދު އަނިޔާވެރިކަމާއި ދުރަށް ދިއުމެވެ. ދިވެހިން ބަލައިގެންފައި އޮތް ޑިމޮކްރެޓިކް ނިޒާމުން ވެރިކަން ހޯދަން މަސައްކަތް ކުރުމެވެ. ފަސް އަހަރުން ފަސް އަހަރުން އަންނަ ރިޔާސީ އިންތިހާބުގައި ވާދަކޮށް ވެރިކަން ނުލިބުމުން ދެން އޮންނާނެ ގޮތަކީ ފަހަތައް ޖެހުމެވެ. އެހެން ބަޔަކަށް ފުރުސަތު ދިނުނެވެ.