މަސައްކަތްޕުޅު ކުރައްވަނީ ޑިމޮކްރަސީގެ އަސާސްތަކުގެ މަތީގައި ހަމަހަމަ، އަދުލުވެރި، މުޖުތަމައެއް ބިނާކުރުމަށް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އިންސާނީ ހައްގުތަކުގެ ދުވަސް ފާހަގަ ކުރަމުންދާއިރު، އަހަރެމެންގެ ހައްގުތަށް ގުޅިލާމެހިފައިވާކަން ހަނދާން ބަހައްޓަން ޖެހޭ ކަމަށެވެ. އެގޮތުން އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ މުއާހަދާގެ އެންމެ އަސާސީ މާއްދާގައި ބުނެފައިވާ ފަދައިން، އަހަރުމެންގެ އަމިއްލަ ހައްގުތައް ރައްކާތެރި ކުރުމަށް އަނެކާގެ ހައްގުތަކާއި މިނިވަންކަން ދިފާއުކުރުމަކީ ޒަރޫރީ ކަމެއްކަން އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފައެވެ.
ރައީސް ވިދާޅުވީ ޑިމޮކްރަސީގެ އަސާސްތަކުގެ ގޮތުގައި އިއްޒަތާއި، ހަމަހަމަކަމާއި އަދުލުވެރިކަން އޮންނަ މުޖުތަމައެއް ބިނާކުރުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށާއި ސަރުކާރުގެ އަމާޒަކީ ސުލްހަވެރި ޝާމިލު މުޖުތަމައެއް އުފެއްދުން ކަމަށެވެ.
އެގޮތުން، ސުލްހަވެރި އެންމެންގެ ބައިވެރިވުން އޮންނަ މުޖުތަމައެއް ބިނާކުރުމަށްޓަކައި އެންމެނަށް ސިއްހީ ފަރުވާއާއި ތައުލީމާއި އަދުލުވެރިކަން ލިބޭ ގޮތަށް ރާއްޖޭގެ އަމިއްލަވަންތަކަމަށް ރިއާޔަތްކޮށްގެން ސަރުކާރުން ސިޔާސަތުތަކާއި ގާނޫނުތައް އެކުލަވައިލަމުން ދާކަން ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.
ހަމައެހެންމެ، ނޫސްވެރިކަމުގެ މިނިވަންކަމާއި މަސައްކަތްތެރިންގެ ހައްގުތަކާއި މިންތީގެ ހަމަހަމަކަމާއި، އަންނާން އޮތް ޖީލުތަކަށްޓަކައި ދެމެހެއްޓެނެވި ތިމާވެއްޓެއް ނަގަހައްޓައި ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވަމުންދާ ކަމުގައި ރައީސް ވިދާޅުވިއެވެ.