ހއ.ހޯރަފުށިން ހައްޔަރު ކުރި މީހަކަށް ފުލުހުން އަނިޔާ ކުރި ކަމަށް ބުނެ އެއްވެސް ޝަކުވާއެއް މިހާތަނަށް ފުލުހުންނަށް ލިބިފައި ނުވާ ކަމުގައި ފުލުހުން ބުނެފިއެވެ.
މަސްތުގެ ހާލަތުގައި ހުރެ ފުލުހަކަށް އިންޒާރުދީ، ބިރުދައްކައި ހަޑިހުތުރު ބަހުން މުއާމަލާތް ކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކުރީ މިދިޔަ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. އެއީ 30 އަހަރުގެ ދިވެހި ފިރިހެނެކެވެ. ނޮވެމްބަރު 28 ވަނަ ދުވަހު ކޯޓަށް ހާޒިރު ކުރުމުން ޝަރުތު ކުރުމަށް ފަހު ކޯޓުން ވަނީ އޭނާ ދޫކޮށްލާފައެވެ.
ސޯޝަލް މީޑިއާގައި މީހަކު ކުރި ޕޯސްޓެއްގައި ބުނީ ހޯރަފުށި ޕޮލިސް ސްޓޭޝަނުގައި އެ މީހާ ކަނު ބަނދެ، ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަނިޔާ ކޮށްފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ފުލުހުންގެ މީޑިއާ ގްރޫޕުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި މައްސަލަ އާއި ގުޅިގެން ހައްޔަރުކުރި މީހާ އަށް ފުލުހުންގެ ބަންދުގައި ހުރި އިރު އަނިޔާ ކުރި ކަމުގެ އެއްވެސް ޝަކުވާ އެއް ފުލުހުންނަށް މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ.
އެފަދަ ކަމެއްގެ ޝަކުވާ އެއް އޮތް ނަމަ އެ އޮންނަ އުސޫލުގެ ތެރެއިން ހުށަހަޅައިގެން ބެލުމަށް ބާރު އަޅާ ކަމަށާއި، އެފަދަ ތަހުގީގު ތަކަށް ފުލުހުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.