އާންމު ދިރިއުޅުމަށް ބޭނުންކުރާ ހިދުމަތުގެ ކަރަންޓު ބިލުގެ ޖޫރިމަނާ މަޢާފުކުރަން ދީފައިވާ މުއްދަތު މި މަހު ހަމަވާނެކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
ރައީސް ޑރ.މުހައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، އާންމު ދިރިއުޅުމަށް ބޭނުންކުރާ ހިދުމަތުގެ ކަރަންޓު ބިލުތަކަށް ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ފައިސާ މައާފުކޮށް، ޖޫރިމަނާއާއި ނުލާ ފައިސާ ދެއްކޭނެ އިންތިޒާމުވާނީ 1 އޭޕްރިލް 2024 އިން ފެށިގެން ހަމަޖެހިފައެވެ. ސްޓެލްކޯއިން ބުނީ 31 ޑިސެމްބަރ 2023 ގެ ނިޔަލަށް ހަދާފައިވާ ކަރަންޓު ބިލުތަކުގެ ތެރެއިން ފައިސާ ނުދައްކާހުރި ބިލުތަކުން ޖޫރިމަނާ މައާފު ކުރެވޭނެކަމަށެވެ. އެގޮތުން 31 ޑިސެމްބަރ 2023 ގެ ނިޔަލަށް ހަދާފައިވާ ބިލުތަކުގެ ތެރެއިން ފައިސާ ނުދައްކާހުރި ބިލުތަކުގެ ޖޫރިމަނާއާއި ނުލާ ބާކީ އަދަދު ދެއްކުމުން، 31 ޑިސެމްބަރ 2023 ގެ ނިޔަލަށް ބިލަށް އަރާފައިވާ ޖޫރިމަނާ މަޢާފުކުރެވޭނެ އެވެ.
މި މުއްދަތުގެ ބިލުތަކަށްވާ ފައިސާގެ އަދަދު 31 ޑިސެމްބަރ 2024 ގެ ނިޔަލަށް، ޖޫރިމަނާއާއި ނުލައި ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައިވެއެވެ. މިގޮތުން، ޖޫރިމަނާއާއި ނުލާ ބާކީ އަދަދު ދެއްކޭނެގޮތަށް ބިލުތަކަށްވާނީ ވަގުތީގޮތުން އެޖަސްމެންޓެއް ހިމެނިފައިކަމަށް ވެސް ސްޓެލްކޯއިން ބުނެފައިވެއެވެ. ސްޓެލްކޯއިން ބުނިގޮތުގައި، މި ބިލުތަކަށް 31 ޑިސެމްބަރ 2024 ގެ ނިޔަލަށް ޔޫސޭޖް އަދަދު (ޕްރިންސިޕަލް އަދަދު) ދައްކާ ހަލާސްނުކުރެވޭނަމަ، މި ބިލުތަކުން އެޖަސްޓުކުރެވިފައިވާ ޖޫރިމަނާ އަދަދު އަލުން 01 ޖަނަވަރީ 2025 އިން ފެށިގެން ބިލުތަކުގައި ހިމެނިގެންދާނެއެވެ.
މިކަމާ ބެހޭގޮތުން އިތުރު މައުލޫމާތު ހޯދަން ބޭނުންވާނަމަ، ސްޓެލްކޯގެ ހޮޓްލައިން 1545 ނުވަތަ [email protected] އަށް އީ-މެއިލް ކުރެއްވުމަށް ސްޓެލްކޯ އިން ބުނެފައިވެއެވެ.