އިޒްރާއީލުން ޣައްޒާގެ މެދުތެރެއަށް އިއްޔެއާއި، ރޭ ދިން ހަމަލާތަކެއްގައި އިތުރު 16 މީހަކު ޝަހީދުވެއްޖެއެވެ.
އާދީއްތަ ދުވަހުގެ ފަތިހު އަލް-ބަލާގައި ހުރި ރެފިޔުޖީންގެ ކޭމްޕަކަށް ދިން ހަމަލާއެއްގައި އެއް ޢާއިލާއެއްގެ ފަސް މެންބަރުން، އޭގެ ތެރޭގައި ކުޑަކުދިން ހިމެނޭ ގޮތަށް، ނިދާފައި ތިއްބާ ޝަހީދުވެފައިވެއެވެ.
"އަހަރެމެން ހޭލެވުނީ ދަންވަރު އިވުނު ބާރުގަދަ ގޮވުންތަކެއްގެ އަޑަށް، ދެން އަހަރެމެން ދުވެފައި ދިޔައީ އަޑު އިވުނު ސަރަޙައްދާ ދިމާއަށް. އެތަނުން ފެނުނީ ގިނަ އަދަދެއްގެ އާންމުން ޝަހިދުވެފައި ވަނިކޮށް، ޢާއިލާއެއްގެ އެންމެން، ފިރިމީހާއާއި އަނބިމީހާއާއި އެމީހުންގެ ދަރިން." މި ހާދިސާގެ މަންޒަރު ދުށް މީހަކު އަލްޖަޒީރާގެ ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުންޏެވެ.
މި ހަމަލާގައި އެތައް ބަޔަކަށް އަނިޔާވެފައިވާ ކަމަށް އަލްޖަޒީރާގެ ނޫސްވެރިޔާ ހާނީ މަޙްމޫދު ބުންޏެވެ.
"ޓެންޓު ސައިޓު ކައިރީގައި ތިބި ގިނަ ބަޔަކަށް އެކި ވަރުގެ އަނިޔާތައް ވެފައިވާ ކަމަށް ރިޕޯޓު ކުރެވިފައިވޭ، ރޭގަނޑު ދިން މި ހަމަލާއިން ފާހަގަވަނީ މި ޓެންޓުތަކުގައި ތިބޭ ރެފިޔުޖީންނާއި އާންމުންގެ ނާޒުކުކަން." ދެއިރު އަލް-ބަލާ އިން ރިޕޯޓު ކުރަމުން މަޙްމޫދު ބުންޏެވެ.
އޭގެ ފަހުން، އާދީއްތަ ދުވަހުގެ ވަގުތެއްގައި، އަލް-ބުރެއިޖް ކޭމްޕްގެ ފޭލި ގެއަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި މަދުވެގެން 11 މީހުން ޝަހީދުވެފައިވެއެވެ.
ދެއިރު އަލް-ބަލާ އިން ރިޕޯޓު ކުރަމުން އަލްޖަޒީރާގެ ޠާރިޤް އަބޫ ޢަޒޫމް ބުނީ މި ހަމަލާ އަމާޒުވެފައިވަނީ ކޭމްޕްގެ އިރުމަތީ ސަރަޙައްދަށް ކަމަށާއި، އިމާރާތުގައި ދިރިއުޅުނު މީހުންނަށް ކުރިން އެއްވެސް އިންޒާރެއް ދީފައިނުވާ ކަމަށެވެ. އެ ހަމަލާގައި އިމާރާތް ވަނީ އެއްކޮށް ހަލާކުވެފައެވެ.
އުތުރު ޣައްޒާގެ ބައިތު ލާހިޔާގައި ހުރި ކަމާލު ޢަދްވާން ހޮސްޕިޓަލް ވަށައިގެން އިޒްރާއީލުގެ ބްލޮކޭޑް ދަނީ ކުރިއަށެވެ. ފަލަސްތީނުގެ ޞިއްޙީ އޮފިޝަލުން އާދީއްތަ ދުވަހު ބުނެފައިވާ ގޮތުގައި، އިޒްރާއީލުގެ ބާރުތަކުން ހޮސްޕިޓަލަށް ހަމަލާ ދީފައިވެއެވެ. މީގެ ސަބަބުން ކަރަންޓާއި އޮކްސިޖަން ޕަންޕުތަކަށް ގެއްލުން ލިބި، ކުއްލި އޮޕަރޭޝަންތަކަށް ހުރަސްއެޅިފައިވެއެވެ.
ޣައްޒާގެ ޞިއްޙީ ވުޒާރާއިން އާދީއްތަ ދުވަހު ބުނެފައިވާ ގޮތުގައި، ފާއިތުވި އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިޒްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ 44,708 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، 106,050 މީހުންނަށް އަނިޔާވެފައިވެއެވެ.