Saturday 18th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކޮލަމް

ހަމައަގު – އެމްޑީޕީ އަދަދުން ނުބުނި ދޮގު

ހަމައަގަކީ އެމްޑީޕީގެ ދޮގުތަކުގެ ތެރެއިން އެންމެ ބޮޑު އެއް ދޮގެވެ. އެމްޑީޕީގެ ހަމައަގު ދޮގުގެ އަސާސަކީ ހަމައަގަކީ ކިހާވަރެއްކަން ހިސާބު އަދަދުން ބުނެ ނުދިނުނެވެ. ހަމައަގަކީ ޑޮލަރުން ނުވަތަ ރުފިޔާއިން ބުނާނަމަ ކިހައި ވަރެއްކަން ބުނެ ނުދިނުނެވެ. ހަމައަގަކީ ކޮބައިތޯ އެމްޑީޕީގެ ވެރިއެއްގެ ކިބައިން ސުވާލު ކުރެވޭ ކޮންމެ ފަހަރަކު ހަމައަގަކީ، ހަމައަގު ކަމަށް ބުނެ ދޮގު ތަކުރާރު ކުރެއެވެ.

ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމާއި ދެކޮޅަށް އެމްޑީޕީން ސިޔާސީ ހަރަކާތްތައް ފަށައިގަތްއިރު އެމްޑީޕީގެ އެންމެ ގާތް އެއްބަޔަކަށްވީ މަސްވެރިންނެވެ. 2007 ވަނަ އަހަރު މާލޭގައި ކުރި މަޝްހޫރު މަސްވެރިންގެ މުޒާހަރާގައި އޭރުގެ ސްޓާފޯސް މިހާރުގެ އެސްއޯ ފުލުހުން ނިކުމެ އެތައް ރައްޔިތުންނަކަށް އަނިޔާކޮށް މުޒާހަރާ ރޫޅާލި ނަމަވެސް އޭރު އުފެދިފައި އޮތް ޖޯޝް މަސްވެރިންގެ ތެރެއިން ނައްތައެއް ނުލެވުނެވެ.

ލައްކަ މަންޒަރު ދައްކައި ދިނުމަށްފަހު 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނިކުތްއިރު އެމްޑީޕީން ވަރަށް މޮޅު ވައުދެއް މަސްވެރިންނަށް ވެފައި އޮތެވެ. އެއީ ބާނާ މަހަށް "ހަމަ އަގު" ހޯދައި ދިނުމެވެ.

ރައީސް މުހައްމަދު ނަޝީދަށް ވެރިކަން ލިބިގެން އޭރު ހަތަރު ރުފިޔާއަށް ހުރި މަހުގެ އަގު 11 ރުފިޔާއަށް ވުރެ މައްޗަށް ޖެއްސިއެވެ. ނަމަވެސް މިފްކޯގެ ބެލުމުގެ ދަށުގައި ހުރި ކޮންމެ މަސް ފެކްޓްރީއަކަށް ވަކި ކުންފުންޏެއް ހަދައި އެއިން ކޮންމެ ކުންފުންޏެއްގެ ބޯޑަށް އެމްޑީޕީގެ އެކްޓިވިސްޓުން އައްޔަންކޮށް ކޮންމެ ބޯޑު މެންބަރަކު "ކެވުނު ވަރަކަށް ކައިކައި ތިއްބާ" ވެރިކަން ވެއްޓިގެން ގޮސް ބިތުފަންގި ހިއްލާލިއިރު އެއިން އެއްވެސް ފެކްޓްރީއެއް ޖެހިގެން އަންނަ ހަފްތާގައި ހިންގާލެވޭހާ ހަކަތަ ވެސް އެއިން ތަނެއްގައި ނެތެވެ.

ހުރިހާ ފެކްޓްރީއެއް އަލުން މިފްކޯ ދަށަށް ބަދަލުކޮށް، މިފްކޯ އެސްޓީއޯގެ ދަށުން ހިންގަން ފަށާ މަސްވެރިންނަށް ރަނގަޅު ގޮތެއް ހޯދައި ދިނުމުގެ މަސައްކަތް ރައީސް އަބްދުﷲ ޔާމީންގެ ޕީޕީއެމް ސަރުކާރުން ކުރަމުން އަންނަނިކޮށް އަނެއްކާވެސް އެމްޑީޕީން ވެރިކަން ހޯދަން ނިކުމެއްޖެއެވެ. މިފަހަރު އަނެއްކާވެސް ވައުދަކަށްވީ އެއްކަލަ ހަމަ އަގެވެ. އެބުނާ ހަމައަގަކީ ކޮބައިކަމެއް ނޭނގެއެވެ.

ކޮންމެ ޕޯޑިއަމެއްގައި ވެސް ބުނަމުން އައީ ތިމަންނަމެންނަށް ވެރިކަން ލިބިއްޖެނަމަ މަސްވެރިންނަށް ހަމައަގު ހޯދައި ދޭނެ ވާހަކައެވެ. އެބުނާ ހަމައަގެއް ހިސާބު އަދަދުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅެއް ނުވެއެވެ.

"މަހަށް ހަމައަގު ނުލިބުމުގެ ޝަކުވާ އެބައޮތް. މި ރަށަށް ފައިބައިން އައި އިރު އެކަކު ސަލާންކޮށްލާފައި ވިދާޅުވި އަޅުގަނޑު ކައިރީގައި ކުރީގައި ލިބުނޭ 35 ރުފިޔާ. އަނެއްކާ މި ސަރުކާރު އައުމުން ކިހިނެއްހޭ ވާނީ؟ ރަނގަޅު ބަދަލެއް އަންނާނެހޭ؟ އަޅުގަނޑު ދެންނެވިން އާއެކޭ. އަޅުގަނޑުމެން މަސްވެރިކަމުގެ ސިޔާސަތަށް ގެންނަ ބަދަލުގެ ސަބަބުން އަނެއްކާވެސް މަހަށް ލިބެންވާ ހަމައަގު ލިބިގެންދާނޭ،" ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް އިބޫ ވިދާޅުވިއެވެ.

2018 ވަނަ އަހަރުގެ ނޮވެމްބަރ 17 ވަނަ ދުވަހު އިބޫ ވެރިކަމާއި ހަވާލުވިއިރު މަސްކިލޯއެއްގެ އަގު ހުރީ 20 ރުފިޔާގައެވެ. ކޮންމެ ހަފްތާއަކު މަހުގެ އަގު ސަރުކާރުން އިއުލާންކޮށް މަހަށް ހަމައަގު ހޯދައި ދިނުމުގެ ވައުދު ފުއްދަން ނިކުމެ ސަރުކާރުން ކުރި ކަމަކީ މަސް ކިލޯއެއްގެ އަގު 14 ރުފިޔާއަށް ދަށް ކުރުމެވެ.

މެނިފެސްޓޯގައި ލިޔެފައި އޮތީ މަސްވެރިންނަށް ކަނޑުމަތީގައި ޕްލެޓްފޯމްތަކެއް ވެސް ހަދައިދޭ ވާހަކައެވެ. އެ ޕްލެޓްފޯމްތަކަށް މަސް ދޯނިތައް ކައިރިކޮށްލާ ތެޔޮ އެޅުމާއި މަސް ކިރުވުމާއި އަދި މަސްވެރިން ވިޔަފާރި ކޮށްލުމުގެ ފުރުސަތު ލިބުމުގެ އިތުރުން ދެން ވެސް މަސްވެރިން ކުރަން ބޭނުންކަމެއް ކުރެވޭނެ ކަމަށް ބުންޏެވެ.

ވެރިކަމުގެ ފަސް އަހަރު ނިމިގެން ދިޔައިރު އެބުނާ ޕްލެޓްފޯމެއްގެ ކުރެހުން ވެސް ދައްކާނުލެވުނެވެ. ބޮޑުވަރަކަށް ކުރެވުނު ކަމަކީ ތިމަންނަމެންގެ މެނިފެސްޓޯގައި މަސްވެރިންނަށް ޕްލެޓްފޯމްތަކެއް އަޅާނެ ވާހަކަ އޮންނާނެއޭ ބުނުމެވެ. އެއަށްވުރެ ބޮޑުވަރެއް އިބޫގެ އެމްޑީޕީ ސަރުކާރަށް ނުކުރެވުނެވެ. ވެރިކަން ނިމިގެން ދިޔައިރު އެބުނާ ޕްލެޓްފޯމެއްގެ މަތިން މަސްވެރިން ހަނދާން ވެދާނެތީ އެވާހަކަ އެމްޑީޕީގެ ސަރުކާރުން ނުވެސް ދައްކައެވެ.
ދެން އޮތީ މެނިފެސްޓޯގައި އޮތް ގޭދޮށު މަސް ފެކްޓްރީގެ ވާހަކައެވެ. ބައެއް ރަށްރަށުގައި ގޭދޮށު މަސް ފެކްޓްރީތައް ހެދުމަށް އެއްބަސްވުންތަކުގައި ސޮއިކޮށް މަސައްކަތް ވެސް ފެށި ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް ވެރިކަން ނިމިގެން ދިޔައިރު އެއިން ފެކްޓްރީއެއް ބިމުން މަތީގައި ފެންނާކަށް ނެތެވެ. ހޯދައި ބަލައިފިނަމަ ފެންނަން އޮންނާނެ އެއްޗަކީ އެބުނާ ފެކްޓްރީތަކެއް ހަދަން ބަޔަކަށް ފައިސާތަކެއްދީ އެފައިސާތައް އެނބުރެމުން އައިސް އެމްޑީޕީ ސަރުކާރުގެ ކޮންމެވެސް ބޮޑެއްގެ އެކައުންޓަށް ޖަމާވެފައި އޮތް މަންޒަރުކަން ޝައްކެއްނެތް މިންވަރަށް ޔަގީނެވެ.

ކޮވިޑް އާއި ވެރިކަން ހަވާލުކޮށްގެން ކޮންމެ ކަމެއްގެ ބަހަނާއަކަށް ކޮވިޑް ދައްކައިގެން ވެރިކަމުގެ ފަސް އަހަރު ނިމުނުއިރު ހަމައެކަނި މަސްވެރިންނަށް ދައްކަން ޖެހި ނުދައްކާ އޮތް ފައިސާގެ އަދަދު ގާތްގަނޑަކަށް 300 މިލިއަން ރުފިޔާއަށް އަރައެވެ. ދެން ވެރިކަން ދިފާއު ނުކުރެވޭނެކަން އެނގުމުން އެންމެ ފަހުވަގުތު ވެސް ބޮޑު ގެއްލުމެއް ދިނުމުގެ ނިޔަތުގައި މަހުގެ އަގު އެމްޑީޕީގެ ސަރުކާރުން 25 ރުފިޔާއަށް ހިއްލާލިއެވެ. އެއީ ހެޔޮ ނިޔަތެއް އޮވެގެން ކުރި ކަމެއް ނޫން ކަމުގެ އެންމެ ބޮޑު ހެއްކަކީ ވެރިކަމުގެ ފަސް އަހަރު މަހުގެ އަގަށް ހެޔޮ ބަދަލެއް ނުގެނެސް އެމްޑީޕީގެ ސަރުކާރުން ތިބި ތިބުމެވެ. ކޮވިޑްގެ ބަހަނާގައި ސަރުކާރުން ޗާޕް ކުރި އަށް ބިލިއަން ރުފިޔާ އިން ވެސް ފައިސާ ފޮއްޗެއް މަސްވެރިންނަށް ދިއްކޮށެއް ނުލައެވެ. މަސްވެރިކަމުގެ ތަރައްގީއަށް، މަސްވެރިކަމުގެ ކުރިއެރުމަށް، މަސްވެރިކަމަށް ހެޔޮ ބަދަލެއް ގެންނަން އެއިން ފައިސާއެއް ހަރަދެއް ނުކުރެއެއެވެ.

އެމްޑީޕީގެ ސަރުކާރުން މަސްވެރިންނަށް ދައްކަން ހުރި ފައިސާ އާއިއެކު މިއަހަރުގެ ޖޫން މަހާއި ހަމައަށް މިހާރުގެ ސަރުކާރުން މަސްވެރިންނަށް 881 މިލިއަން ރުފިޔާ ދެއްކިއެވެ. ނިމުނު ނޮވެމްބަރ މަހު މަސްވެރިންނަށް މިފްކޯ އިން ދެއްކި ފައިސާ އާއިއެކު މިސަރުކާރުން ފާއިތުވި އަހަރު ދުވަސް ތެރޭގައި މަސްވެރިންނަށް ދެއްކި ފައިސާގެ އަދަދު ވަނީ 918 މިލިއަނަށް އަރާފައެވެ. އަދި މިއަދުގެ ނިޔަލަށް މަސްވެރިންނަށް ދައްކަން ހުރި ހުރިހާ ފައިސާއެއް ދެއްކުމަށްފަހު އެމައުލޫމާތު ހާމަކުރާނެ ކަމަށް މިފްކޯ އިން ބުނެއެވެ.

އެމްޑީޕީގެ ދެވެރިކަން ދިވެހިން ދެކެފީމެވެ. މަސްވެރިންނަށް ދެވެރިކަމުގައި ވެސް ވީވައުދަކަށް ބަދަލެއް ނާދެއެވެ. ހުސްބުޅީގައި ކަޅުބިލަމަސް ގަންނާތީ މަސްވެރިންގެ ވެސް ވިސްނުމެއް، ހަނދާނެއް، ހިޔާލެއް ނުހުންނާނެ ކަމަށް ނިންމައިގެން އެމްޑީޕީން ބުޅީގައި ހުސް ވައުދު ޖަހައިގެން މަސްވެރިން ގުނބޯ ހައްދައިފިއެވެ.

މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބާއި މިއަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ރައްޔިތުން ނިކުމެ ދިން ޖަވާބަކީ އެމްޑީޕީގެ ދޮގުތައް ރައްޔިތުންގެ ކުރިމަތީގައި ފަލީހަތް ވެއްޖެއެވެ. އެދޮގުތައް ދެން ތަކުރާރުކޮށްގެން އިތުރު ކަމެއް ކުރަން އުޅޭނެ ކަމެއް ނެތެވެ. އެމްޑީޕީން ވެސް ހަކަތަ އިސްރާފު ކުރާނެ ކަމެއް ނެތެވެ. ލިބުނު ފުރުސަތުން ހޯދައި ދެވުނު މޮޅެއް ނެތްއިރު ދެން އޮތް ގޮތަކީ މަސްވެރިންނަށް ވެސް އަދި ދެން ތިބި ބަޔަކަށް ވެސް މޮޅެއް ހޯދައި ދެވޭނެ ބަޔަކާއި އެކަން ހަވާލު ކުރުމެވެ. ޕާޓީގެ ލީޑާޝިޕް ފެއިލްވުމުން ފެއިލްވި މީހުންނާއިއެކު ނިކުމެ ދެން ވެސް ވާނީ ފެއިލް އެވެ.
މި ލިއުމާއި ގުޅޭ