ޑިވެލޮޕްމަންޓް ޒޯންގެ ގޮތުގައި ރާއްޖޭގެ އެންމެ އުތުރާއި ދެކުނު ތަރައްގީކުރާނީ ލައްކައެއްހާ މީހުންގެ އާބާދީއަކަށް ޚިދުމަތްދެވޭ ފެންވަރަށްކަމަށް ހައުސިންގ މިނިސްޓަރު އަލީ ހައިދަރު އަހްމަދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ހައިދަރު ވިދާޅުވީ ރާއްޖޭގެ އުތުރާއި ދެކުނުގައި މާލޭ ފަދަ އިތުރު ސަރަޙައްދުތަކެއް އުފެދެންޖެހޭކަމަށެވެ.
އަދި އެ ސަރަޙައްދުތަކަކީ މާލެއާއި ދުރުގައި އޮންނަ އަދި އާބާދީ ބޮޑު ރަށްތަކެއް ހިމެނޭ ސަރަޙައްދުތަކަކަށް ހަދަން ޖެހޭކަމަށާއި ދެކުނުގެ ރަށްތަކުގައި ބައިލައްކައެއްހާ މީހުން އުޅޭއިރު، އުތުރުގައި 55000 ވަރަކަށް މީހުން ދިރިއުޅޭކަން މިނިސްތަރު ފާހަގަކުރައްވާފައިވެއެވެ.
މިނިސްޓަރު ވިދާޅުވިގޮތުގައި މަތީ ފެންވަރުގެ ޚިދުމަތްތައް ދިނުމަށް އާބާދީ ލައްކައަކަށް ގެންނަން ޖެހެއެވެ.
"ޓާޝަރީ ލެވެލެގް ޚިދުމަތް ދިނުމަށް ވަރަށްބޮޑު އާބާދީއެއްޖެހޭ ޚިދުމަތް ހޯދަން އަންނަން. މި ތަންތަން ތަރައްޤީކުރެވުމުން މަތީ ފެންވަރުގެ ޚިދުމަތްތައް ލިބޭނެ" މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން އާބަން ރީޖަންތަކުގެ ތެރޭގައިވެސް ވަކިވަކި އާބަން ސެންޓަރުތަކެއް ސަރުކާރުން ތަރައްގީކުރާނެކަމަށާއި އެތަންތަނުގައިވެސް ތަފާތު ޚިދުމަތްދޭ މަރުކަޒުތައް ހުންނާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ހައިދަރު ވިދާޅުވީ ހުރިހާ ޒޯނެއްގައިވެސް ވަޒީފާގެ ފުރުޞަތުތައް ފަހިވާނެގޮތަކަށް ރާވާފައިވާނެކަމަށާއި ފަތުރުވެރިކަމުގެ އިތުރު ފުރުސަތުތަކެއް ލިބި އަމިއްލަ ވިޔަފާރިތައް ފުޅާކުރުމަށްވެސް ފުރުޞަތުތައް ލިބޭނެކަމަށެވެ.
އާބަން ސެންޓަރުގެ ގޮތުގައި ތަރައްގީ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަތް ރަށެއް ވަނީ ކަނޑައަޅުއްވާފައެވެ. އަދި ރާއްޖޭގެ އެންމެ އުތުރުގެ ހަތަރު އަތޮޅު ހިމެނޭހެން ހާއްސަ ޑިވެލޮޕްމަންޓް ޒޯނަކާއި ދެކުނުގެ ހަތަރު އަތޮޅު ހިމެނޭހެން ޚާއްސަ ޑިވެލޮޕްމަންޓް ޒޯނެއް ތަރައްޤީކުރައްވަން އެމަނިކުފާނު ވަނީ ނިންމަފައެވެ.