Saturday 18th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިވެހި ފުލުހުން

މުހައްމަދު އަމީން ފަދައިން ރައީސް މުއިއްޒު ހަވަރަށް ދޭނެ ކަމަށް ބުނި މައްސަލަ ބަލަނީ

ކުރީގެ ރައީސް މުހައްމަދު އަމީން ދީދީ ހަވަރަށް ދިން ފަދައިން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެސް އެހެން ހަދަން ޖެހިދާނެ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީގެ ޖަލްސާއެއްގައި އެމަނިކުފާނަށް އިންޒާރުދިން މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ގާނޫނުއަސާސީގެ ދިފާއުގައި" ނަމުގައި އެމްޑީޕީން ރޭ ހދ. ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ވާހަކަ ދެއްކި އަބްދުއްރަހްމާން އިސްމާއިލް ކިޔާ މީހަކު ވަނީ ސަރުކާރަށް ފާޑުކިޔައި ރައީސްއަށް އިންޒާރު ދީފައެވެ.

އެގޮތުން، ރައީސް އަމީންގެ ވެރިކަމުގައި ރާއްޖެއަށް ދުންފަތް އެތެރެ ކުރުން މަނާކުރުމުން ކަން ހިނގައި ދިޔަ ގޮތުގެ ވާހަކައަށް އިޝާރާތްކޮށް ވާހަކަ ދައްކަމުން އޭނާ ބުނީ، "އަމީން ކުޅުއްވީ ދުންފަތާ" ކަމަށެވެ. އަދި ރައީސް މުއިއްޒު "ކުޅުއްވަނީ ގާނޫނުއަސާސީއާ" ކަމަށް އޭނާ ތުހުމަތު ކުރިއެެވެ.

އަދި މުހައްމަދު އަމީނަށް ވީ ގޮތް ފެނިފައިވާ ކަމަށާއި، ރައީސް މުއިއްޒަށް ވާނެ ގޮތް ވެސް ފެނިގެންދާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

"އަޅުގަނޑުމެން މިތިބީ ދޫކުރާ ގޮތަކަށް ނޫނޭ. ކެރިގެނޭ މިތިބީ، މުހައްމަދު އަމީން ވެސް ކުޅުނީ ދުންފަތާއޭ. މީނަ މި ކުޅެނީ ގާނޫނުއަސާސީއާއޭ. މުހައްމަދު އަމީނަށް ވީ ގޮތްވެސް ފެނިގެންދާނެ ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް. އެހެންވީމަ ގާނޫނުއަސާސީއާ ކުޅޭ ކަމަށްވަނީ ވިއްޔާ ފެންނާނެ ރީތި ކެއްސެއް ފެނިގެން ދާނެ"، އޭނާ ބުންޏެވެ.

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން "ދިޔަރެސް" އަށް ވިދާޅުވީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މައްސަލަ މިހާރު ތަހުގީގުކުރަން ފަށާފައިވާ ކަމަށެވެ. ނަމަވެސް މިކަމާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކާ ސުވާލުކޮށްފައި ނުވާ ކަމަށާއި، އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީން މީގެކުރިން ވެސް ސީދާކޮންނާއި ނުސީދާކޮށް ރައީސް މުއިއްޒަށް އެކި ބާވަތުގެ އިންޒާރު ދީފައިވެއެވެ. މީގެކުރިންވެސް ވެރިކަމުގައި ތިއްބަވާ ބޭފުޅުންނަށާއި، މަތީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް އިންޒާރު ދިނުމަކީ އެމްޑީޕީ ތެރޭގައި އާންމު ކަމެކެވެ.

މި ލިއުމާއި ގުޅޭ