ޣައްޒާގެ ރެފިއުޖީ ކޭމްޕަކަށާއި ހޮސްޕިޓަލްތަކަށް އިޒްރާއީލުން ދިން ހަމަލާތަކުގައި 50 އަށްވުރެ ގިނަ މީހުން ޝަހީދުވެއްޖެއެވެ.
ފާއިތުވި 24 ގަޑިއިރުތެރޭގައި ދިން މި ހަމަލާތަކުގައި ޣައްޒާގެ މެދު ސަރަހައްދުގައި ހިމެނޭ ނުސެއިރާތު ރެފިއުޖީ ކޭމްޕުން 20 އަށްވުރެ ގިނަ މީހުން ޝަހީދުވިއިރު، މި ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި 6 ކުދިންނާއި 5 އަންހެނުން ހިމެނޭ ކަމަށް ވަފާ ނިއުސް އޭޖެންސީން ރިޕޯޓުކޮށްފައިވެއެވެ.
އުތުރު ޣައްޒާގެ ބައިތު ލަހިޔާގައި ހުންނަ އިންޑޮނީޝިއާ ހޮސްޕިޓަލަށްވެސް އިޒްރާއީލުން ހަމަލާދީފައިވާ ކަމަށް ޣައްޒާގެ ސިވިލް ޑިފެންސް އޭޖެންސީން ބުނެފައިވެއެވެ. މީގެ އިތުރުން، ކަމާލް އަދުވާން ހޮސްޕިޓަލް ކައިރީގައި ދިން ވައިގެ ހަމަލާތަކެއްގައި މަދުވެގެން 29 މީހުން ޝަހީދުވެފައިވާ ކަމަށް އެ އެޖެންސީން ބުނެފައިވެއެވެ.
އަލް ޖަޒީރާގެ ޣައްޒާގައި ހުރި ނޫސްވެރިޔާ ރިޕޯޓުކުރި ގޮތުގައި، ކަމާލް އަދުވާން ހޮސްޕިޓަލް ވަށައިގެން އުޅޭ އިޒްރާއީލީ ޓޭންކުތަކާއި ޑްރޯންތަކުން އެސަރަޙައްދުގައި "އެއްވެސް އެއްޗެއް ނުވަތަ މީހެއް އުޅޭތަން ފެނިއްޖެނަމަ" އެއަށް ހަމަލާދެމުންދެއެވެ. މިގޮތުން ހޮސްޕިޓަލް ތެރެއާއި ކައިރީގައި އުޅޭ އުޅަނދުތަކަށާއި، މީހުންނަށް ވެސް ހަމަލާދެމުންދާ ކަމަށް އޭނާ ބުނެފައިވެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން މިހާތަނަށް އިޒްރާއީލުން ޣައްޒާއަށް ދޭ ހަމަލާތަކުގައި މަދުވެގެން ފަލަސްތީނުގެ 44,612 މީހުން ޝަހީދުވެފައިވާ އިރު، 105,834 މީހުން ޒަޚަމްވެފައިވެއެވެ.