ކެފޭ/ރެސްޓޯރެންޓުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުމުގެ ހުއްދަ ނެތް ސަރަހައްދުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުން ނުހުއްޓުވާނަމަ އެތަނެއްގެ ވިޔަފާރިކުރުމުގެ ހުއްދަ ބާތިލުކުރެވޭނެ ކަމަށް ހެލްތު މިނިސްޓްރީ އިން ބުނެފިއެވެ.
އެ މިނިސްޓްރީ އިން މިފަދައިން ބުނެފައިވަނީ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރު ހަސަން މުހައްމަދު ވިދާޅުވީ ތަންފީޒީ ކަންކަމަކީ އެންމެ ރަނގަޅަށް ނުވާ ކަންކަން ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެކަމުގައި އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.
ކެފޭ، ރެސްޓޯރެންޓުތަކުގައި ހުއްދަ ނެތް ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރާނަމަ އެކަމުގައި ތަނުގެ ވެރިފަރާތުގެ ޒިންމާއެއްވާ ކަމަށާއި އެ ބަދަލު ޤާނޫނަށް މިހާރު ގެނެސްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. ޒިންމާ އަދާނުކުރާ ވިޔަފާރިތަކަށް ފިޔަވަޅު އެޅުމުގެ ގޮތުން ހުއްދަ ބާތިލުކުރެވޭނެ ކަމަށްވެސް ހަސަން ވިދާޅުވިއެވެ.
ހެލްތުން އެ ތަނަށް ދޫކޮށްފައި ހުންނަ ހުއްދަ ބާތިލް ކުރުމުގެ ފުރުސަތު އެބައޮތް މިހާރު ގާނޫނުން އަދި އޭގެ އިތުރުން އެވަރުން ވެސް އެތަން އިސްލާހު ނުވެއްޖެނަމަ އެ ތަނަށް ދޫކޮށްފައި އޮތް ވިޔަފާރީގެ ހުއްދަ ވަގުތީ ގޮތުން ހުއްޓުވައި ވަކި ހިސާބަކުން ބާތިލް ވެސް ކުރުމުގެ ފުރުސަތު އެބައޮތްއެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރު ހަސަން މުހައްމަދު
ގާނޫނަށް މިފަހުން ގެނައި އިސްލާހާއެކު ރާއްޖެއަށް ވޭޕުގެ ބާވަތްތައް އެތެރެކުރުން މަނާކޮށްފައިވާއިރު މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެފަދަ ތަކެތި ބޭނުންކުރުންވެސް މަނާވާނެއެވެ. އަދި މި އިސްލާހުގެ ދަށުން ދުންފަތް އެކުލެވޭތަކެތި ގަނެ، ވިއްކޭނެ އުމުރު 21 އަހަރަށް ވަނީ ބަދަލުކޮށްފައެވެ. އަދި ދުންފަތުން ނެގޭ އިމްޕޯޓު ޑިއުޓީވެސް ވަނީ ބޮޑުކޮށްފައެވެ.
ހެލްތު މިނިސްޓްރީ އިން ވަނީ އާ ގާނޫނާއި އެކު ރާއްޖޭގައި ދުންފަތުގެ ވިޔަފާރި ކުރާ މީހުންގެ އަތުގައި ސަރުކާރުގެ ކަމާބެހޭ އިދާރާއިން ދޫކުރާ ވިޔަފާރިކުރުމުގެ ހުއްދައިގެ އިތުރުން މިނިސްޓްރީން ދޫކުރާ ސައްހަ ލައިސެންސެއް އޮންނަންވާނެ ކަމަށް ބުނެފައިވެއެވެ.