ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބިދޭސީ އަކަށް ވަޅިން ހަމަލާދިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މީޑިޔާތަކަށް މައުލޫމާތުދެމުން ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހި ހިތިގަސްމަގުން ބިދޭސީ އަކަށް ވަޅިން ހަމަލާދީ މާރާމާރީ ހިންގައި އޭނާގެ ފޯނު ފޭރުނު މައްސަލައެއް އިއްޔެ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށާއި އަނިޔާވި ބިދޭސީ މީހާއަށް އެޗް16 ކްލިނިކްގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ.
މި މައްސަލައިގައި ވަޅިން ހަމަލާދީ ފޭރުނު މީހާ ސީސީޓީވީ ފުޓޭޖް އިން ދެނެގަނެ އިއްޔެގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށާއި މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 40 އަހަރުގެ ހއ. މާރަންދޫ އުތުރުގެ އިބްރާހިމް މުހައްމަދު ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ މި މައްސަލައިގައި އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓް އަށް ހާޒިރުކޮށްފައިވާ ކަމަށާއި އޭނާ ތަހުގީގު މަރުހަލާ ނިމެންދެން ބަންދުކުރުމަށް އެ ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން އިތުރު މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށާއި މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.