ބޭއިންސާފާއި ނަހަމަކަމުން ފުރި ބާރުވެފައިވާ ރާއްޖޭގެ ޕެންޝަން ނިޒާމުގައި އޮތީ މުޅީން ގޯހެވެ. އިޖުތިމާއީ އަދާލަތު ގާއިމް ކުރުމަށް ކުޑަވެސް ޖާގައެއް މި ނިޒާމުން ފެންނަން ނެތް ކަމާމެދު މި ދާއިރާގެ ތަޖުރިބާކާރުން އެއްބަސްވެއެވެ.
ޕެންޝަނުގެ ނަމުގައި ދައުލަތުގެ އިދާރާތަކުގެ ތެރެއިން ވަކި ބަޔަކަށް ބޮޑެތި އަދަދުތަކުން "ހާއްސަ އިނާޔަތް" ތައް ލިބެމުންދާތާ އެތައް އަހަރެއް ވެފައިވާއިރު، މިކަމުގެ ހައްސާސްކަން އެނގިތިބެމެ، މިކަމަށް ބަދަލެއް ގެންނަށް ސަރުކާރުތަކުން މަސައްކަތްކޮށްފައި ނުވެއޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.
ޑަބަލް ޕެންޝަނަކީ ކޮބާ؟
ވަކި އުމުރަކަށް ދިޔުމަށްފަހު ނުވަތަ ޚިދުމަތުގެ ވަކި އަހަރެއް ފުރިހަމަކުރުމަށްފަހު މަސައްކަތް މުޅިން ހުއްޓާލުން ނުވަތަ އަމިއްލަ އެހެން ދާއިރާއަކަށް ބަދަލުވުމުން, ބައެއް ފަހަރު ގަނޑުކޮށް ފައިސާ ދޭއިރު، ދިރިހުރިހާ ހިނދަކު ގަވާއިދުން މަހުން މަހަށް ފައިސާ ދޭ ގޮތަށް ވެސް އުސޫލު އޮންނަނީ ކަނޑައަޅާފައެވެ.
ރާއްޖޭގައި ދައުލަތުގެ މުއައްސަސާތަކުން މުވައްޒަފުން ރިޓަރއަށް ކުރާއިރު މިހާރު ފަރުމާކޮށް ޢަމަލުކުރަމުންދާ އުސޫލުތަކުން ދައުލަތުގެ ބަޖެޓުން ޕެންޝަން އިނާޔަތެއްގެ ގޮތުގައި ގަނޑުކޮށް ފައިސާ ދިނުމާ އެކު، މުޅި އުމުރަށް މަހުން މަހަށް ފައިސާ ލިބެމުންދާ ގޮތަށް ވަނީ ކަނޑައެޅިފައެވެ.
ހަމަހަމަ އަދި ދެމެހެއްޓެނިވި ނިޒާމަކުން ޕެންޝަން ދިނުމަށް 2009 ވަނަ އަހަރު ކަނޑައަޅާފައިވާ މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަން ސްކީމް (އެމް.އާރް.ޕީ.އެސް) ގައި ބައިވެރިވާ ފަރާތްތަކުންނާއި ވަޒީފާ ދޭ ފަރާތުން ފައިސާ ޖަމާކޮށްގެން އަދި އެ ފައިސާއާއި އެ ފައިސާ އިންވެސްޓުކޮށްގެން ލިބޭ ފައިދާ ރިޓަޔާވުމަށްފަހު އުމުރުގެ ބާކީ އޮތް ދުވަސްތަކަށް ބަހާލައިގެން މަހުން މަހަށް މި ނިޒާމް މެދުވެރިކޮށް ފައިސާ ލިބޭނެއެވެ.
ނަމަވެސް، މި ނިޒާމުގެ ބޭރުން ދައުލަތުގެ އެކި މުއައްސަސާތަކުން ވަނީ ރިޓަޔާމަންޓް އިނާޔަތް ނުވަތަ މަގާމުން މުސްކުޅިކުރުމާ ގުޅިގެންދޭ އިނާޔަތުގެ ނަމުގައި ތަފާތު ސްކީމްތައް ތައާރަފްކޮށްފައެވެ.
އެހެންކަމުން، ކުރިން ރިޓަޔާ ވެގެން ރިޓަޔާމަންޓް އިނާޔަތް ލިބުނު މުއްދަތުވެސް ހިމެނޭހެން ފަހުން ހަވާލުވި ވަޒީފާއިން ރިޓަޔަވާއިރު، އިނާޔަތް ހިސާބުކުރުމުގައި މުއްދަތު ގުނައެވެ. މިހެން ވުމުން އެއް މުއްދަތަކަށް އިނާޔަތް ދެ ފަހަރު ނެގުމަށް މަގުފަހިވެއެވެ. މިއަށް ކިޔަނީ "ޑަބަލް ޕެންޝަން" އެވެ.
ރާއްޖޭގައި ޑަބަލް ޕެންޝަން ދޭ 13 އިދާރާއެއް
ރާއްޖޭގެ 13 އިދާރާއެއްގައި މަސައްކަތް ކުރި އެކި ފަރާތްތަކަށް ޚާއްސަ އުސޫލުތަކުގެ ތެރެއިން ޕެންޝަން ދޭ އިރު, ކޮންމެ އަހަރަކުވެސް ދައުލަތުގެ ބަޖެޓުން އެތައް މިލިއަން ރުފިޔާއެއް މިކަމަށް ހޭދަ ކުރެއެވެ. އެއީ:
ނިޒާމަށް ބަރޯސާވެ ދިރިއުޅުން ބިނާކުރުން
މި ނިޒާމު ވުޖޫދު ވުމުގެ ކުރިން، ސަރުކާރުން އަމަލުކުރަމުން ދިޔަ ގޮތަށް ބަލާއިރު، އޭރު ޕެންޝަން ދެމުން ދިޔައީ ދައުލަތަށް ހިދުމަތްކުރާތާ 20 އަހަރާއި 40 އަހަރުވުމުންނެވެ. އެގޮތުން، ދައުލަތަށް ޚިދުމަތްކުރާތާ 20 އަހަރުވުމުން މުސާރައިގެ 50 އިންސައްތަ، އަދި ދައުލަތަށް ޚިދުމަތް ކުރާތާ 40 އަހަރުވުމުން އެ މީހަކަށް ލިބެމުން ދިޔަ މުސާރަ އެއްކޮށް، ކޮންމެ މަހަކު ލިބޭނެއެވެ.
ނަމަވެސް ދައުލަތުގެ އިދާރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުން 65 އަހަރުވުމުން ވަޒީފާއިން ރިޓަޔާކުރަން ޖެހޭގޮތަށް ސިވިލް ސާވިސްގެ ގާނޫނު ފާސްކުރުމާއެކު ދައުލަތުގެ އެތައް އިދާރާތަކެއްގައި ގިނަ އަހަރުތަކެއް ވަންދެން ވަޒީފާއަދާކުރަމުން ދިޔަ ގިނަ މުވައްޒަފުންތަކެއް އެއްފަހަރާ ރިޓަޔާ ކުރަން ޖެހުނެވެ.
ވަކިވަކި އިދާރާތަކުން ހާއްސަ ޕެންޝަން އުސޫލުތައް ފުރަތަމަ ކަނޑައެޅީ އެ މުވައްޒަފުންނަށް ރިޓަޔާކުރުމަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.
ނަމަވެސް މި އުސޫލަށް އަމަލުކުރަމުންދާތާ އެތައް އަހަރެއް ވެފައިވާއިރު، ވަޒީފާއަށް ކުރިމަތިލުމުގައި މިހާރު ގިނަ މީހުން މި އުސޫލުތަކުން ޕެންޝަން ދޭ އިދާރާތަކަށް އިސްކަން ދެއެވެ. އަދި ގިނަ ދުވަހު މަސައްކަތް ކުރުމުގެ ބަދަލުގައި ޕެންޝަނާއެކު ރިޓަޔާ ކުރުމަށް ފަހު އެހެން ވަޒީފާތަކަށް ބަދަލުވުމުގެ ވިސްނުމުގައި ވެސް މީހުން މި އިދާރާތަކާ ގުޅެއެވެ.
ނަހަމަ ކަމާއި ބޭއިންސާފުން ފޯވެފައި އޮތް ނިޒާމެއް
ޑަބަލް ޕެންޝަނުގެ މައްސަލަ ފެންމަތި ވެގެން މިއުޅެނީ އިއްޔެއަކު މިއަދަކު ނޫނެވެ. މި ދާއިރާގައި މަސައްކަތް ކުރައްވާ ތަޖުރިބާކާރު ބޭފުޅުން ވެސް މިކަން ސިފަ ކުރައްވައި ކޮންމެހެން ވެސް ބަދަލުކުރަން ޖެހިފައިވާ ހައްސާސް މައްސަލައެއްގެ ގޮތުގައެވެ.
ނޭޝަނަލް ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ފައިޒަލް ވިދާޅުވީ ރާއްޖޭގައި މިހާރު ނިޒާމު ބައްޓަންވެފައި މިވަނީ ބޮޑު ބޭއިންސާފަކުން ކަމަށެވެ.
ދައުލަތުގެ ވަޒީފާގައި ނޫޅޭ މީހެއްގެ ޕާސްޕެކްޓިވްއިން ވަރަށް އަންފެއާ އިނގޭތޯ މިނިޒާމު ރާވާފައި އޮތް ގޮތް. ނިޒާމީ ގޮތުން ވަރަށް އަންފެއާކޮށް މިކަން ރާއްޖޭގައި މިދިޔައީ މި ހިސާބަށް އައި އިރު. 2008 އިން ފެށިގެން 2016 އާ ހަމައަށް އައިއިރު މިކަމުގެ ޝަކުވާ ބޮޑުވެގެން މުސާރައާއި ސިޔާސަތުގެ ގާނޫނު ހަދަން ޖެހުނީވެސް. އޭގެ ފަހުންވެސް ވަރަށް ގިނަ މަސައްކަތް ކުރެވިއްޖެ މިކަން ހައްލު ކުރަން.ޑރ. ފައިޒަލް
ކަމުގެ އަޑިއަށް ފީނާއިރު, ނިޒާމު ބައްޓަން ކުރުމުގައި ވެސް ފުށުއެރުންތައް އިންތިހާއެވެ. ދެކޮޅު ނުޖެހޭ ކަންކަން އެހާ ގިނައެވެ. ބައެއް އިދާރާތަކުގެ ގަވާއިދު ހުރި ގޮތުން ވަޒީފާއިން ރިޓަޔާ ވުމަށް ވަކި އުމުރެއް ކަނޑައަލާފައި ނުވުމުގެ ނަތީޖާއަކީ އުމުުރުން 30 އަހަރުގައި ނުވަތަ 35 އަހަރުގައި މަގާމުން ރިޓަޔާކޮށް މިލިއަނުން ރުފިޔާ ނެގުމެވެ.
"1.5 މިލިއަން ރުފިޔާ އެބަހުރި ނަގާފަ އިނގޭތޯ 35 އަހަރުގެ މުވައްޒަފެއް. އޭނައަށް އެބަ ލިބޭ ހަމަ މަހުން މަހަށް ލިބޭ ފައިސާއިން 26,000 ވެސް. މީތޯ އަޅުގަނޑުމެން ބޭނުންވާ ނިޒާމަކީ. ހަމަ ރައްޔިތުންގެ ފައިސާގެ ވާހަކަ މި ދައްކަނީ" ޑރ.ފައިޒަލް ވިދާޅުވިއެވެ.
އެގޮތަށް ވަޒީފާއިން ވަކިވާ ފަރާތަކަށް ދައުލަތުގެ އެހެން މަގާމުތަކުގައި ވަޒީފާ އަދާކުރުމަށްވެސް ފުރުސަތު ލިބޭ އިރު, ޑަބަލް ޕެންޝަނުގެ ގޮތުގައި ބައެއް ފަރާތްތަކުން މަހެއްގެ މައްޗަށް ދަައުލަތުން ހޯދާ ފައިސާ ގާނޫނުގައި ބަޔާންކޮށްފައިވާ އެންމެ ބޮޑެތި މުސާރައަށް ވުރެ ވެސް ބޮޑެވެ.
އިދާރާތަކުން މިގޮތަށް އަމަލުކުރަމުން ދަނީ ގާނޫނަކުން ލިބިދީފައިވާ ބާރެއްގެ އެހީގައި އަމިއްލައަށް ހަދާ ގަވާއިދެއްގެ ދަށުންނެވެ. ބައެއް ތަންތަނުގެ ގަވާއިދަށް ބަލާއިރު 15 އަހަރު ޚިދުމަތް ކުރުމަށްފަހު ވެސް ރިޓަޔާ ކުރެވެއެވެ. މިއީ ދުނިޔޭގެ އެހެން އެއްވެސް ގައުމެއްގައި އަމަލު ކުރާ ގޮތެއް ނޫނެވެ.
ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސާއިދު މުސްތަފާ ވިދާޅުވީ ނިޒާމު މިހެން އޮތްތީ ބައެއް ފަރާތްތަކުން އެކަމުގެ ނާޖާއިރު ފައިދާވެސް ނަގަމުންދާ ކަމަށެވެ. އެގޮތުން ރިޓަޔާވާއިރު އެ އަދަދު ލިބޭނެކަން ދެނެހުރެ, މަގާމާ ހަވާލުވާތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އެ ފަރާތްތަކުން މަގާމުން ވަކިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.
"މީ ސުވާލަކީ. ތިބޭފުޅުން ވަކި މަގާމަކަށް އަންނަނީ ވަކި އިދާރާއަކަށް. ދެ މަސް ކޮށްފަ ރިޓަޔަ ކުރައްވަނީ. އެ އިދާރާގައި 15, 20 ނޫނީ 25 އަހަރު މަސައްކަތް ކުރެއްވި ފަރާތްތަކަށް އެ އިނާޔަތް ނުލިބޭ. އެއީ އިންސާފެއްތޯއޭ. ވެރިން މީގެ ފައިދާވެސް ލިބިގަންނަނީ", ސާއިދު ވިދާޅުވިއެވެ.
އެ މީހުންނާ އެއްހަމަ ތަޖުރިބާއާއި ތައުލީމު ހުރި ފަރާތްތަކާއި، އެއްހަމަ މުއްދަތެއް ވަޒީފާގައި އުޅުނު މީހަކަށްވީ ނަމަވެސް، ތަފާތު އެހެން އިދާރާއެއްގައި މަސައްކަތްކުރުމުގެ ސަބަބުން އެ މީހަކަށް އެ އިނާޔަތް ނުލިބުން ބޭ އިންސާފަކަށް ވަނީ މިހެންވެއެވެ.
މާލީ ބުރަ ބޮޑު ނިޒާމެއް
އޮޑިޓާ ޖެނެރަލްގެ އޮފީހުން 2015 ވަނަ އަހަރު އާންމުކުރި ރިޕޯޓެއްގައި ވާ ގޮތުން ޕެންޝަނާ ބެހޭ ގާނޫނުގެ ބޭރުން ދައުލަތުގެ ވަކި ވަކި މުއައްސަސާތަކުން ހިންގަމުން ގެންދާ ޕެންޝަން ސްކީމްތަކަށް ކުރިއަށް އޮތް 15 އަހަރު ތެރޭ ދައުލަތުގެ ބަޖެޓުން ހިނގާނެ ޚަރަދު 4.33 ބިލިއަނަށް އަރާނެ ކަމަށް ޕެންޝަން އޮފީހުން އަންދާޒާ ކޮށްފައިވާ ކަން ވަނީ ފާހަގަކޮށްފައެވެ.
މިއީ އެވްރެޖްކޮށް އަހަރަކަށް 270 މިލިއަން ރުފިޔާއެވެ. މި އަންދާޒާ ބިނާކޮށްފައިވަނީ މިހާރު ވަކިވަކި ޕެންޝަން ސްކީމްތައް ހިންގާ އިދާރާތަކުން ޕެންޝަން ދެމުންދާ ފަރާތްތައް އިތުރުވަމުންދާ ނިސްބަތަށް ބަލައިގެންނެވެ. ނަމަވެސް ރާއްޖޭގައި ޕެންޝަން ދިނުމުގައި ގެންގުޅޭ އުސޫލުތަކަށް ބަދަލު ގެނެސް، ޕެންޝަނަކީ ހަމައެކަނި ޕެންޝަން ގާނޫނުގެ ދަށުން ދެވޭ އެއްޗަކަށް ނުހެދިއްޖެ ނަމަ މުސްތަގުބަލުގައި މިހާރު މިފަދަ ސްކީމުތައް ހިންގާ މުއައްސަސާތަކުގެ އިތުރުން އެހެން ތަންތަނުންވެސް މިފަދަ ސްކީމްތަކަށް އަލަށް ހިންގަން ފެށުމުގެ ފުރުސަތު ގާނޫނުން ލިބިދޭ ކަން ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
އެއްފަހަރާ ޕެންޝަން ދިނުމަށް ދައުލަތުން މިދިޔަ އަހަރު 46.1 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މި އަހަރު 45.2 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މަހުން މަހަށް ދޫކުރާ އަދަދުގެ ގޮތުގައި 2023 ވަނަ އަހަރު 286.7 މިލިއަން ރުފިޔާ، މި އަހަރު 339.3 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.
ހައްލަކީ މިކަމުން އަތް ދޫކޮށްލުންތަ؟
ދައުލަތުގެ މާލިއްޔާތުން ވަކި ބަޔަކަށް މިލިއަނުން ހަރަދު ކޮށްކޮށް، މިހެން އަބަދު އޮވެވެން ނެތް ކަން އެއްވެސް ސަރުކާރަކަށް ނޭނގެނީއެއް ނޫނެވެ. މައްސަލައިގެ ހައްސާސްކަން ކުރީ ސަރުކާރުތަކަށް ވެސް ފަހުމްވެއެވެ. ނަމަވެސް ބަދަލު ގެންނަން ނުކެރުނީއެވެ.
ބޭއިންސާފާއި އިންސާފާ ދެމެދުގެ ރޮނގު ވަކިކޮށް، ޒަމާންވީ މައްސަލައަށް ހައްލު ގެނައުމަށް ސަރުކާރުން މަސައްކަތް ފެށީ ހަމައެކަނި ހަރަދުކުޑަކުރުމަކަށް ނޫނެވެ. ނުކަތައިގެން ކޮންމެހެން އެކަން ކުރަން މަޖުބޫރުވާ ހިސާބަށް ކަންކަން ދިއުމުންނެވެ. ސަރުކާރުން މިކަން ސިފަ ކުރީ ނަހަމަކަން ނިމުމަކަށް ގެނައުމަށް "ކޮންމެހެން ކުރަންޖެހޭ" ކަމެއްގެ ގޮތުގައެވެ.
ނަމަވެސް ނިޒާމު ބަދަލުކުރުމަށް މަސައްކަތް ކުރާ ވެރިންނަށް ކުރިމަތިވާ ސިޔާސީ ޕްރެޝަރުގެ ވާހަކަ އޮތީ އޮތް ތަނުގައެވެ. ޕެންޝަން އެކަންޏެއް ނޫނެވެ. ކަންކަން އިސްލާހު ކުރާ ވާހަކައަކީ ގިނަ ދިވެހީންނަށް ހަމައެކަނި ކަންފަތަށް އަޑުއަހާލަން ރީތި ވާހަކައެކެވެ. އަމަލީ މަސައްކަތައިގެން މީހަކު އުޅެނީ ތޯއެވެ؟ ހަތަރެސްފައިން ހޯހޯއެވެ. މި ނިޒާމުން މިލިއަނުން ފައިދާ ލިބޭ މީހުންނަށް ބަލާއިރު، ފުލުހުންނާއި ސިފައިންނާއި، އެހެނިހެން މުއައްސަސާ ތަކުގައި ތިބޭ މީހުންގެ ހިތް ރުއްސަން އެބަ ޖެހެއެވެ.
ސުވާލަކީ ސިޔާސީ މަންފާތަކެއް ހާސިލުކުރަން، ނުވަތަ ވޯޓަށްޓަކައި ވަކި ބައެއްގެ ހިތް ރުއްސަން ހަމަ މިކަމުން އަތް ދޫކޮށްލައިގެން ތިބޭނީ ތޯއެވެ؟ މިއީ ނުވާކަމަކަށް ހަދައި އެ ވާހަކަ ދެން ނުވެސް ދައްކާނީތޯއެވެ؟ ނޫނީ މައްސަލަ ބޮއްސުން ލައިގެން ގޮސް ޕެންޝަނަށް ކަނޑާފައި އިތުރު ކަމެއް ކުރާނެ ފައިސާ ނޯންނަ ވަރު ވަންދެން ބަލަން ތިބޭނީ ތޯއެވެ؟