ބައިނަލްއަގުވާމީ ކްރެޓިޑް ރޭޓިން އޭޖެންސީ "މޫޑީސް" އިން ދިވެހިރާއްޖެއަށް ދީފައިވާ ކްރެޑިޓް ރޭޓިން "ސީއޭއޭ2" ގައި ދެމެހެއްޓީ އިގުތިޞާދު ހަމައަކަށް އަޅުވަން ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އިސް ނެންގެވުމާއެކު، ސަރުކާރުން ކުރި ބުރަ މަސައްކަތުން ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ ފައިސަލް މިފަދައިން ވިދާޅުވެފައި ވަނީ މޫޑީސް އިން ރޭޓިން ދަށްނުކޮށް ދެމެހެއްޓުމާ ގުޅިގެން "އެކްސް" ގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން މިނިސްޓަރ ފައިސަލް ވިދާޅުވީ އެކަމުން ދޭހަވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިގުތިޞާދު ހަމައަކަށް އަޅުވަން ކުރި މަސައްކަތް ކަމަށެވެ. މިނިސްޓަރ ވިދާޅުވީ އިގުތިޞާދު ހަރުދަނާކޮށް، ފާގަތި މުސްތަގްބަލެއް ހޯދަން އަޅާ އިސްލާހީ ފިޔަވަޅުތައް ކުރިއަށް ގެންދިއުމުގައި ދެމިތިއްބަވާނެކަމަށެވެ.
މޫޑީސް އިން ރާއްޖޭގެ ރޭޓިން "ސީއޭއޭ2" އަށް ބަދަލުކޮށް އައުޓްލުކް "ރިވިއު" އަށް ލީ މިދިޔަ ސެޕްޓެމްބަރު މަހުގައެވެ. ރޭޓިން ރިވިއު ކުރުމަށްފަހު ރާއްޖޭގެ ރޭޓިން "ސީއޭއޭ2" ގައި ދަމަހައްޓަން އެ އޭޖެންސީ އިން ނިންމީ ރާއްޖޭގެ މާލީ ހާލަތު ކުރިއަށް ވުރެ ހަރުދަނާ ކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅުތަކަަށް ރިއާޔަތްކޮށް ކަމަށް އެއެޖެންސީއިން ބުނެފައިވެއެވެ.