Saturday 18th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކޮލަމް

"ގާނޫނު އަސާސީގެ ދިފާއު" އަކީ އެމްޑީޕީ "އަލުން ދިރެން" ދައްކާ ވާހަކައެއް؟

ޙައްގުތައް ކަށަވަރު ކުރުމުގައި ދިވެހިންނަށް ލިބުނު އެންމެ އަގުބޮޑު ހަދިޔާއަކީ މިހާރު އަމަލު ކުރަމުންމިދާ ފެހި ގާނޫނުއަސާސީއޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. މީގެ 16 އަހަރު ކުރިން 2008 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ހަތް ވަނަ ދުވަހު މުޅިން އަލަށް ތަންފީޒު ކުރަން ފެށުނު ގިނަ ބަދަލުތަކަކާއެކު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގާނޫނު އަސާސީ ތަސްދީގު ކުރެއްވިއެވެ.


ގާނޫނު އަސާސީގެ ބޭނުމަކަށް ވެގެންދިޔައީ ގާނޫނު ތަންފީޒު ކުރާ ސަރުކާރާއި ގާނޫނު ހަދާ މަޖިލީހާއި ޝަރުއީ ކޯޓުތަކުގެ މެދުގައި ބާރުތައް ވަކިކުރުމުގެ ނިޒާމެއް ގާއިމްކޮށް، ދިވެހީނަށް އަސާސީ ހައްގުތަކާއި މިނިވަންކަން ކަށަވަރުކޮށްދިނުމެވެ.

އެމްޑީޕީން 2018 ވަނަ އަހަރު ވެރިކަމަށް އައީ ވެސް ގާނޫނު އަސާސީ ދިފާއުކޮށް ހިމާޔަތް ކުރުމުގެ ވައުދާއި އެކުއެވެ. ނަމަވެސް ވެރިކަމަށް ފަސް އަހަރު ވެގެން ދިޔައިރު ކަންވެފައި އޮތީ ކިހިނެއް ހެއްޔެވެ؟

ޤާނޫނު އަސާސީގެ 10 ވަނަ މާއްދާ އިން ދިވެހިންނަށް ކަށަވަރުކޮށްދިން ޔަގީން ކަމަކީ ދިވެހިދައުލަތުގެ ދީނަކީ އިސްލާމްދީނެވެ. އަދި އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަޞްދަރު ކަމެވެ. އޭގެ ކުރިން ގާނޫނު އަސާސީގެ 09 ވަނަ މާއްދާގެ (ރ) އިން ކަށަވަރު ކޮށްދީފައި އޮތީ މުސްލިމަކަށް މެނުވީ ދިވެހިރައްޔިތަކަށް ނުވެވޭނެ ކަމެވެ. އެމްޑީޕީގެ ވެރިކަމުގައި މިއަސާސުތަކަށް އެއްވެސް އިހްތިރާމެއް ކުރުމެއް ނެތި އެމްޑީއެންގެ ރިޕޯޓް ނެރުނު މީހުންނަށް ދިން ހިމާޔަތް އަދި ހަނދާން ނެތޭހާ ދުވަހެއް ނުވެއެވެ. ފާޅުގައި އިސްލާމްދީނަށް ހަޖޫ ޖަހައި ފުރައްސާރަ ކުރި މީހުންނަށް ފުލުހުން ހިމާޔަތް ދީގެން އެމީހުން ރާއްޖެއިން ބޭރަށް ފުރުވާލީ ޤާނޫނު އަސާސީ އިން ދައުލަތުގެ މައްޗަށް، ދައުލަތުގެ އިސްވެރިޔާގެ މައްޗަށް ލާޒިމްކޮށްފައި ހުރި ހުރިހާ ކަމަކަމާއި ހިލާފަށެވެ.

ޤާނޫނު އަސާސީގެ 37 ވަނަ މާއްދާ އިން ކަށަވަރު ކޮށްދީފައި އޮތް ހަމަހަމަ ކަމާއެކު މުޢާމަލާތުކުރެވޭ، ރައްކާތެރި މާޙައުލެއްގައި މަސައްކަތްކުރުމުގެ ހައްގަށް އެމްޑީޕީގެ ވެރިކަމުގައި ޓްއަރިޒަމް މިނިސްޓަރު އަލީ ވަހީދު އަރައިގަނެ 30 އަށްވުރެ ގިނަ މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރުމުން އޭނާ ރާއްޖެ އިން ބޭރަށް ފުރައިގެން ދާން ފުރުސަތު ފަހިކޮށްދީ އަދި އެއަށްފަހު އެމައްސަލަ "މަރާލުމަށްފަހު" އަލީ ވަހީދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕޭނަށް ގެނެސް ރަތްދޫލައިގެން މަރުހަބާއެއް އޭނާއަށް ކީއިރު ގާނޫނު އަސާސީން އެތައް ދިވެހި އަންހެނުންނަކަށް ކަށަވަރުކޮށްދީފައި އޮތް ހައްގުވީ ކޮންތަނެއްގައި ހެއްޔެވެ؟

ވެރިކަމާއި ހަވާލުވިއިރު ފެނަކަ ކޯޕަރޭޝަންގެ ދަރަނީގެ ގޮތުގައި އޮތް 160 މިލިއަން ރުފިޔާގެ އަދަދު ވެރިކަން ނިމުނުއިރު އޮތީ ހަތަރު ބިލިއަން ރުފިޔާ ހުރަސް ކޮށްފައެވެ. އެންމެން ލޯ ކުރިމަތީގައި ފެނަކަ އިން ކުރި ވައްކަންތަކުން ބައިއެޅި މުއްސަނދިވީ އެމްޑީޕީގެ އެކްޓިވިސްޓުންނާއި، ދާއިރާތަކުގެ ރައީސުންނާއި، ކުންފުނީގެ މެނޭޖިން ޑިރެކްޓަރާއި، ވަޒީރުންނާއި އަދި ހުދު ރައީސް އިބްރާހިމް އެވެ. ފެނަކަ އިން ކުރި ވައްކަންތައް ބެލުން އެމްޑީޕީގެ ސަރުކާރުން ހުއްޓުވިއިރު ގާނޫނު އަސާސީގެ 202 ވަނަ މާއްދާ ގައި ކޮރަޕްޝަންގެ ޢަމަލެއް ކަމަށް ތުހުމަތުކުރެވޭ ޢަމަލެއް އެއްވެސް ފަރާތަކުން ހިންގައިފިކަމުގެ ޝަކުވާއެއް ހުށަހަޅައިފިނަމަ ނުވަތަ މިނޫންގޮތަކުންވެސް މިފަދަ ކަމެއްގެ މަޢުލޫމާތު ލިބިއްޖެނަމަ، ނުވަތަ އެފަދަ ކަމެއްގެ މައްޗަށް ޝައްކުކުރެވިއްޖެނަމަ، އެ ކަމެއް ބަލައި ތަޙުޤީޤުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަންގެ މައްޗަށް އޮތް ވާޖިބަށް ސަރުކާރުން ހުރަސް އަޅާ އެކޮމިޝަން ސަރުކާރުގެ "ގޮނޑިކޮއްކޮ" ކޮމިޝަނަކަށް ހެދިއިރު ގާނޫނު އަސާސީ އޮތީ ކޮންތަނެއްގައި ހެއްޔެވެ؟

އެމްޑީޕީން ވެރިކަމަށް އައުމުގެ ކުރިން އެންމެ ބޮޑަށް ދެން ދެއްކި ވާހަކައަކީ އެމްއެމްޕީއާރްސީ ވައްކަމުގެ ވާހަކައެވެ. އެމްއެމްޕީއާރްސީގެ ވައްކަން ބަލައި އެކަމުގައި ބައިވެރިވި މީހުންނަށް ހައްގު އަދަބު ދިނުން އެއީ އެމްޑީޕީގެ އެންމެ ބޮޑު ވައުދެވެ. ނަމަވެސް ވެރިކަމަށް އައިސް އެވައުދުގެ މަތިން ހަނދާނެއް ނުކުރިއެވެ. ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ބާރު ލިބިގެން ރައީސް އިބްރާހިމް ރިޔާސީ ކޮމިޝަންތައް ހައްދަވައިގެން ކުރެއްވި ކަމަކީ އަރިސް ބޭފުޅުންނަށް މިލިއަނުން ފައިސާ ހަރަދު ކުރުމެވެ. އެމްއެމްޕީއާރްސީ މައްސަލައިގެ ތަހްގީގު ހުއްޓުވުމުގެ އިތުރުން އެމްއެމްޕީއާރްސީ ފައިސާ ރައީސް އިބްރާހިމް އަށް ލިބުނު ކަމަށް ކުރެވުނު ތުހުމަތައް ޖަވާބުދާރީ ވެސް ނުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޤާމުގައި ހުރެގެން ނުވަތަ އޭގެ ކުރީން ނަމަވެސް ޖިނާއީ ކުށެއް ކުރިކަމުގެ ތުހުމަތު އޭނާއާމެދު ކުރެވިއްޖެނަމަ، އެކަމަކަށް އޭނާ ޖަވާބުދާރީވާންވާނެ ކަމަށް ގާނޫނު އަސާސީގެ 127 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮތް މާއްދާ ރައީސް އިބްރާހިމަށް ވެސް އަދި އެމްޑީޕީއަށް ވެސް އެދުވަހު ނުފެނުނެވެ. އެދުވަހު ގާނޫނު އަސާސީ އޮތީ ކޮންތަނެއްގައި ހެއްޔެވެ؟

ހިޔާލު ފާޅުކުރުމުގެ ހައްގުގެ ވާހަކައަކީ ވެސް އެމްޑީޕީން ނުހަނު ބާރުލާފައި ދައްކާ ވާހަކައެކެވެ. ނަމަވެސް ގާނޫނު އަސާސީގެ 27 ވަނަ މާއްދާ އާއި 28 ވަނަ މާއްދާ އިން މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަޞްލަކާ ޚިލާފުނުވާ ގޮތެއްގެމަތީން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ޚިޔާލުތައް ދުލާއި ޤަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށް އޮތް މާއްދާ ވެސް އެމްޑީޕީން ބޭނުން ކުރީ ހިތުހުރި ގޮތަކަށެވެ. ފޭސްބުކް ސްޓޭޓަސް ޖަހައިގެން މީހުން ވަޒީފާ އިން ވަކިކުރިއެވެ. ނޫސްވެރިންނަށް އޮތް މަސްދަރު ސިއްރު ކުރުމުގެ ހައްގު ނިގުޅައި ގަތެވެ. ޓްވީޓް ކުރި މީހުން ފުލުސް އޮފީހަށް ހާޒިރު ކުރިއެވެ. އެދުވަހު ގާނޫނު އަސާސީން ހިމާޔަތް ކޮށްދީފައި އޮތް ހިޔާލު ފާޅުކުރުމުގެ ހައްގު އޮތީ ކޮންތާކު ހެއްޔެވެ؟

އެއްވެއުޅުމުގެ ހައްގު އުނިވާގޮތައް 2015 ވަނަ އަހަރު ގާނޫނަށް ގެނައި އިސްލާހު އުވާލުމަކީ ވެސް 2018 ވަނަ އަހަރު އެމްޑީޕީން ވެރިކަމަށް އަންނަންވީ ވައުދެކެވެ. ނަމަވެސް މަޖިލީހުގެ ސުޕަމެޖޯރިޓީ އާއިއެކު ވެރިކަން ނިންމާލިއިރު އެގާނޫނު 2019 ވަނަ އަހަރުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއެއްގައި ތާށިކޮށްފައި އޮތްއިރު ގާނޫނު އަސާސީގެ 32 ވަނަ މާއްދާ އިން ކަށަވަރުކޮށްދިން ދައުލަތުގެ ހުއްދައެއް ކުރީން ހޯދުމަކާ ނުލައި ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިދިން މާޢްދާ އޮތީ ކޮންތާކު ހެއްޔެވެ؟

ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ނ) ގައި އޮންނަނީ އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ޙަވާލުވެ ހުރި މީހަކު ވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒުފޯރުވައި ހަދައިގެނެއް ނުވާނެ ކަމަށެވެ. ޖެހިގެން އޮންނަ (ރ) ގައި އޮންނަނީ ކޯޓުތަކުގެ މިނިވަންކަން ރައްކާތެރިކުރުމަށާއި، ކޯޓުތަކުގެ ހައިބަތާއި ޤަދަރު ޙިމާޔަތްކޮށްދީ، އެ ތަންތަނަކީ ކޮންމެ މީހަކަށްމެ ފަސޭހައިން މައްސަލަ ހުށަހެޅޭ، ވަކި ފަރާތަކަށް ނުޖެހި، ހަރުދަނާގޮތެއްގައި މަސައްކަތްކުރާ ތަންތަން ކަމަށް ހެދުމަށްޓަކައި، ޤާނޫނާއި ޤަވާޢިދުތަކުގެ ޛަރީޢާއިންނާއި އެހެނިހެން ގޮތްގޮތުންވެސް ދައުލަތުގެ އިދާރާތަކުންނާއި ދައުލަތުގެ ކަންތައްތައް ހިންގުމާ ޙަވާލުވެ ތިބި އެންމެހައި މީހުން ކޯޓުތަކަށް އެހީތެރިވާންވާނެ ކަމަށެވެ.

ނަމަވެސް އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ ސްޕަމެޖޯރިޓީ ލިބުމާއިއެކު ފުރަތަމަ މަސައްކަތަކަށް ހެދީ އެމްޑީޕީއާއި ދެކޮޅަށް ނުވަތަ އެމްޑީޕީގެ މެންބަރަކާއި ދެކޮޅަށް މީގެ ކުރިން ހުކުމެއް ކުރި ފަނޑިޔާރެއް ހުރިނަމަ އެފަނޑިޔާރެއް މަގާމުން ވަކިކުރުމެވެ. ލިސްޓް ހަދައިގެން ޖޭއެސްސީގައި އިށީންދެ ތިބި ހުރިހާ ފަނޑިޔާރުންނަށް ބިރުދައްކާ، މަގާމު ގެއްލުވާލުމަށް އެމްޑީޕީން ހިންގި ޖަރީމާތަކަކީ ފާއިތުވި 800 އަހަރު ވެސް ދިވެހިރާއްޖޭގެ ފަނޑިޔާރުން ތަޖުރިބާ ކުރަން ނުޖެހުނުފަދަ ބިރުވެރި ނާމާން ޖަރީމާތަކެކެވެ. އޭގެފަހުން އެމްޑީޕީން ބޭނުން ބަޔަކު ފަނޑިޔާރުގެތަކަށްލައި ބޭނުންކަމެއް ފަނޑިޔާރުގެތަކުން ކުރަން ފެށިއިރު ގާނޫނު އަސާސީގެ 141 ވަނަ މާއްދާ އިން ކަށަވަރު ކޮށްދިން އަދުލްއިންސާފުގެ ހައްގު ކޮބައި ހެއްޔެވެ؟

ގާނޫނު އަސާސީ ދިފާއުކޮށް ހިމާޔަތް ކުރުން އެއީ ހަމަކޮންމެ ދިވެހި ރައްޔިތަކު އެމީހެއްގެ ޒިންމާއާއި އެކަށީގެންވާ ވަރަށް ކުރަން ޖެހޭ ކަމެކެވެ. މިދިޔަ ފަސް އަހަރު އެޒިންމާ އެންމެ ބޮޑަށް އުފުލަން ޖެހުނު މީހުން ތިބީ ވެރިކަމުގައެވެ. އެމްޑީޕީގެ ސަރުކާރުގައެވެ. ނަމަވެސް މިއަދު އަދި އެމްޑީޕީގެ ވެރިކަމަށް އިރުއޮއްސި ރަތްވިލާގެ ގެއްލި ނުދަނީސް އެމްޑީޕީން ގާނޫނު އަސާސީ ދިފާއު ކުރަން ވާހަކަދައްކާއިރު އެމްޑީޕީން ގާނޫނު އަސާސީ ދިފާއުކޮށް ހިމާޔަތް ކުރަން ކުރި ކަންތައް ހަނދާން ކުރުން އެއީ ކުރަން ޖެހޭ ކަމެކެވެ.

ރިޔާސީ އިންތިހާބުގައި އެމްޑީޕީ ބަލިވެ އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުރިމަތިވި ލަދުވެތި ނަތީޖާއާއި އެކު އެމްޑީޕީ އޮތީ މަރުގެ ތުންފަތްމަތީގައެވެ. އެމްޑީޕީގެ މިއޮޑިއެއް ނުފެތޭނެ ސްލޯގަން ދައްކައިގެން ދެން މިއަދު އިތުރަކަށް ހޯދޭނެ ހިތްވަރެއް ނެތެވެ. ބައްޔަކަށް ފަހު ބައްޔެއް ވުމަށް މެދުވެރިވި ލީޑާޝިޕްގައި ތިއްބެވި އެއްވެސް ބޭފުޅަކު އިންތިހާބުތަކުން ބަލިވުމުގެ ޒިންމާއެއް ނުއުފުލިއެވެ. ޕާޓީގެ ދާއިރާއެއްގެ ގޮނޑި ވެސް ޒުވާނަކަށް ދޫކޮށްލަން އެމްޑީޕީގައި ތިބި މުސްކުޅިން ބޭނުމެއް ނުވިއެވެ.

ޕާޓީގެ ހިންގުން ޒުވާނުންނާއި ބީރައްޓެހިވެ، ޒުވާން ޖީލް ޕާޓީން އެކަހެރިވެ ދެން އެމްޑީޕީއަށް ސިޔާސީ މައިދާނުގެ ކުރިމަގު ބަނަވާން ފެށުމުން ގާނޫނު އަސާސީގެ ދިފާއު ނަގައިގެން އެދިފާއުގައި ވެރިކަން އަލުން ކާމިޔާބު ކުރަން ނިކުންނައިރު 2018 ވަނަ އަހަރާއި ހަމައިން 2023 ވަނަ އަހަރާއި ހަމައަށް އަދި އޭގެފަހުން ކަންތައް ވަމުންދާ ގޮތް ވިސްނާލުމުން މަންޒަރު ވަރަށް ސާފެވެ. މިއުޅެނީ ގާނޫނު އަސާސީ ހިމާޔަތް ކުރާކަށް ނޫނެވެ. މިއުޅެނީ އާވާހަކައެއް ދައްކައިގެން އަނެއްކާވެސް ބަޔަކު ގުނބޯ ހެއްދޭތޯ އެވެ.

އެމްޑީޕީއަށް ގާނޫނު އަސާސީ ހިމާޔަތް ކުރަން ވަގުތާއި ފުރުސަތު ލިބުނެވެ. އެމްޑީޕީން އެކަމެއް ނުކުރިއެވެ. އެހެންކަމުން މިއަދު ދެން އެމްޑީޕީން އެވާހަކަ ދައްކާނެ ކަމެއް ނެތެވެ.

މި ލިއުމާއި ގުޅޭ