ރާއްޖޭގެ ސަރަހައްދުތަކަށް މި ދުވަސްވަރު ވައި ނުފާސުވެފައިވާތީ، އެ ވަގުތުތަކުގައި ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.
ރާއްޖޭގެ ވައި ނުސާފުވެފައި ވަނީ އިންޑިއާގެ ބޭ އޮފް ބެންގަލްގައި އުފެދިފައިވާ ކޮޅިގަނޑާއެކުއެވެ. މި ދުވަސްވަރު ވައިގެ މިސްރާބު ހުންނަ ގޮތުން ބޭ އޮފް ބެންގާލްއިން ވައިގައި ހުންނަ ކުނޑި އާއި ހިރަފުސް ރާއްޖެއާ ދިމާލަށް ދަތުރުކޮށް ޖައްވު ނުސާފުވާން މެދުވެރި ވެއެވެ.
އާންމު ގޮތެއްގައި މިކަން އެންމެ ބޮޑަށް ފާހަގަކުރެވެނީ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުން ފެށިގެން މާޗް މަހުގެ ނިޔަލަށެވެ.
އައިކިޔުއެއާ އެޕުން ދައްކާ ގޮތުގައި، އެންމެ ބޮޑަށް ވައި ތަޣައްޔަރުވެފައި ވަނީ ވިލިމާލެއަށެވެ. ވައިގެ ތަޣައްޔަރުކަން ބަލާ މިންގަނޑުން ވިލިމާލެ ހުރީ 94 ގައެވެ. ވައިގެ ނުސާފުކަން ހުރުން ރަނގަޅީ 0-50 އާ ދެމެދުގައެވެ.
- ފުއްޕާމޭގެ ބަލިތަކާ ހިތުގެ ބަލިތަކާއި އެލާޖީ މައްސަލަތައް ހުންނަ މީހުން ގެއިން ބޭރުގައި ގިނަ ވަގުތު ހޭދަނުކުރުން.
- ބޭރަށް ނިކުންނަން ޖެހޭ ހާލަތުގައި މާސްކު އެޅުން.
- ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުންނާއި މާބަނޑު މީހުން ގިނަ ވަގުތު ބޭރުގައި ނޫޅުން.
- ތުއްތު ކުދިން ބޭރަށް ނުނެރުން.
- ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުން.
- ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ކަންތައްތައް މަޑު ޖައްސާލުން.
."ފޮގް ވުން" އަދި "މިސްޓް" އާ ޚިލާފަށް ހޭޒް އަކީ ވައިގެ ތެރޭގައި ހުންނަ ވަރަށް ކުދި ހިކި ޕާޓިކަލް ތަކެކެވެ. އެއީ ދުންފިންޏެއް ނޫނެވެ. ހަމަ ލޮލަށް ނުފެނުނު ކަމުގައި ވީނަމަވެސް، މި ޕާޓިކަލްތަކުގެ ސަބަބުން ޖައްވު ނުސާފުވެ ދުރު ފެންނަ މިންވަރު ދަށްވެއެވެ.
ސިއްހަތު ރަނގަޅު މީހުން ހޭޒް ތެރެއަށް ނުކުމެ އުޅުމުން ލޮލާއި ނޭފަތާއި ކަރުގައި ރިއްސުމަކީ އެކަށީގެންވާ ކަމެކެވެ. ގިނަ ހާލަތްތަކުގައި މިކަން އަމިއްލައަށް ރަނގަޅުވެއެވެ.
ނަމަވެސް ނޭވާ ހިއްލުމާއި ހާޓް ފެއިލްވުން ފަދަ ބަލިތައް ޖެހިފައިވާ މީހުންގެ ހިތާއި ފުއްޕާމެއަށް ހޭޒްގެ ނޭދެވޭ އަސަރުކޮށްފާނެއެވެ. ބޭރަށް ނުކުމެ އުޅޭއިރު ނޭވާ ލުމަށް އުދަނގޫވާނަމަ މާސްކެއް ބޭނުންކުރެވިދާނެއެވެ. ނަމަވެސް ކުޑަ ވަގުތުކޮޅަކަށް ނުކުމެ އުޅުމުން މިކަމުގެ ސަބަބުން ސިއްހަތަށް ނުރައްކާވުމަކީ ނާދިރު ކަމެކެވެ.