ހުޅުމާލެ ފަޅުތެރޭގައި ނިޔާވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު އާއިލާއާއި ހަވާލުކޮށްފިއެވެ.
އިއްޔެގެ ވަގުތެއްގައި ހުޅުމާލޭ ފަޔާ ސްޓޭޝަނާ ދިމާލުން ފަޅުތެރެއިން ފެނުނު މިމީހާ ވަނީ ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް ނިޔާވެފައި ކަމަށް ހުޅުމާލޭ ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފައިވެއެވެ.
ފުލުހުން ބުނިގޮތުގައި ހުޅުމާލޭ ފަޅުތެރެއިން ނިޔާވެފައި އޮއްވާ ފެނުނީ މ. މަޑުއްވަރީ ކޮކޮނަޓް ވިލާ، އިބްރާހިމް ޖިނާހް މުޙައްމަދު ކަމަށެވެ. އަދި މި މައްސަލައިގެ ތަހުގީގުގައި ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ރޭގެ ވަގުތެއްގައި އެމީހާގެ ހަށިގަނޑު ހަވާލުކޮށްފައިވާކަމަށް ފުލުހުންގެ މީޑިއާ ގްރޫޕަށް ކުރި މެސެޖެއްގައި ބުނެފައިވެއެވެ.
ހުޅުމާލެ ފަޔާ ސްޓޭޝަން އާ ދިމާ ފަޅުތެރެއިން ނިޔާފައި އޮތް މީހަކު ފެނިފައިވާ އިރު މިއަދު މާލޭގެ ގެއެއްގެ ތެރޭގައި ނިޔާވެފައި އޮތް މީހަކު ވަނީ ފެނިފައެވެ. އަދި މިދިޔަ ބުދަ ދުވަހު، ދަރުމަވަންތަ ހޮސްޕިޓަލާ ދިމާ ބޭރު މޫދުން އަނިޔާވެފައި އޮތް މީހަކު ފެނިފައިވެއެވެ. އެ މީހާގެ ބޮލުގައި ލޯނަޗަކުން ޖެހިފައިވާކަމަށް ބެލެވޭ ކަމަށް އައިޖީއެމްއެޗުން ބުނެފައިވާއިރު އެ މީހާ އެ ދުވަހު ވަނީ ނިޔާވެފައެވެ.